އަޅުގަނޑުމެން އެންމެނަށް އެންމެ ޔަޤީންވާ އެއްކަމަކީ މަރުގެ ޙަޤީގަތެވެ. އެކަން އެކަކަށްވެސް ވަންހަނާ ވެގެން ނުވެއެވެ. ޓީވީ އާއި ރޭޑިއޯއިން އަދި މީސްމީޑިއާގެ އެކި މަންސަތަކުން ރެޔާއި ދުވާލު އަޅުގަނޑުމެންނަށް މަރުގެ ހާދިސާތަކުގެ ޚަބަރުތައް އެބަފޯރައެވެ. އަޖައިބުކަމަކީ މަރުވާ ހުރިހާ އެންމެންނަކީ 70 ނުވަތަ 80 އަހަރުގެ މީހުން ނޫން ކަމެވެ. އަޖައިބުކަމަކީ މަރުވާ ހުރިހާ އެންމެންނަކީ ބަލިމަޑުކަމެއްގައި އުޅޭ ބައެއް ކަމުގައި ނުވާކަމެވެ.
އާޚިރަތް ދުވަހަށް ތައްޔާރުވުމާއި މީސްތަކުން ދުރުވެފައިވާ މިންވަރު ބަޔާންކުރައްވަމުން މާތް ﷲ، الأنبياء ސޫރަތުގެ ފުރަތަމަ އާޔަތުގައި ވަހީކުރައްވައިފައިވެއެވެ.
ٱقۡتَرَبَ لِلنَّاسِ حِسَابُهُمۡ وَهُمۡ فِي غَفۡلَةٖ مُّعۡرِضُونَ :الأَنبِيَاء
މާނައީ: (މީސްތަކުންނަށް އެބައިމީހުންގެ ހިސާބުބެއްލެވޭ ދުވަސް ގާތްވެއްޖެއެވެ. އެހެނަސް އެބައިމީހުންވަނީ ޣާފިލުކަމެއްގައި ފުރަގަސްދީފައެވެ.)
މިއަދު ގަބުރުސްތާނަށް ވަދެ މީހަކު ވަޅުލާފައި، އަތް ފޮޅާލައިފައި ނުކުމެގެން އާދެވިދާނެއެވެ. އެހެންނަމަވެސް ގަބުރުސްތާނަށް ވަދެފައި ނުނުކުމެވޭނެ ދުވަހެއް އަންނާނެއެވެ. އަޅުގަނޑުމެން މީސްތަކުންގެ ކޮނޑުމަތީގައި އެ ގަބުރުސްތާނަށް ވެއްދޭނެ ދުވަހެއް އަންނާނެއެވެ.
ރަސޫލާ صلى الله عليه وسلم ވަނީ މަރުގެ މަތިން ހަނދާންކުރަން އިރުޝާދުދީފައެވެ. މަރުގެ މަތިން ހަނދާންކުރެވޭނަމަ، ފާފަތަކުން ދުރުވެވޭނެއެވެ. މަރުގެ މަތިން ހަނދާންކުރެވޭނަމަ، ހެޔޮ ޢަމަލުތައް އިތުރުކުރެވޭނެއެވެ. މަރުގެ މަތިން ހަނދާންކުރެވޭނަމަ، މީސްތަކުންނަށް އަނިޔާވެރިވުމުން ދުރުވެވޭނެއެވެ. އެހެނީ މަރު ހަނދާންކުރުމަކީ ދުނިޔެމަތީގައި ތިބާ ކުރާ ޢަމަލުތަކުގެ ޖަޒާއާއި ބައްދަލުކުރަންޖެހޭނެކަން ދަތުމެވެ.
އާޚިރަތުގެ ދަތުރުގައި އިންސާނުން އެންމެ ފުރަތަމަ ކަޑައްތުކުރާ މަރުހަލާއަކީ މަރެވެ.
އެއްދުވަހަކު މަދީނާގެ ޤަބުރުސްތާނުގައި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އެތަނަށް ވަޑައިގެން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
يا إِخواني لمثلِ هذا فأعِدُّوا
އޭ އަޚުންނޭވެ. މިފަދަ ދުވަހަކަށްޓަކައި ތިޔަބައިމީހުން ތައްޔާރުވާށެވެ. صحيح ابن ماجه
كنَّا معَ رسولِ اللَّهِ صلَّى اللَّهُ عليهِ وسلَّمَ في جِنازةٍ، فجلسَ على شَفيرِ القبرِ، فبَكَى، حتَّى بلَّ الثَّرى، ثمَّ قالَ: يا إِخواني لمثلِ هذا فأعِدُّوا
الراوي : البراء بن عازب | المحدث : الألباني | المصدر : صحيح ابن ماجه
الصفحة أو الرقم : 3402 | خلاصة حكم المحدث : حسن
ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގައި މަރަކީ ތިބާއާ ބައްދަލުކުރާނެ އެއްޗެއްކަން ދެނެގަނެ، އެކަމަށް ތައްޔާރުވާށެވެ.