ނަޞޭޙަތާއި އިރުޝާދު
ރަޙްމަތްތެރީންގެ މުހިންމުކަން

ޙަޔާތުގެ އެންމެ ގިނަ ވަގުތު ހޭދަކުރެވޭނެ އެއްބަޔަކީ ރަޙްމަތްތެރީންނެވެ.އެއީ ޙަޔާތުގެ މުހިންމު ބަޔެކެވެ.މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا ٱتَّقُوا ٱللَّهَ وَكُونُوا مَعَ ٱلصَّٰدِقِينَ﴾ {ސޫރަތް ތައުބާ 119} މާނަ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް ތަޤުވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!“

މި އާޔަތުގެ ތަފްސީރުގައި ޢިލްމުވެރީން ވިދާޅުވަނީ ތެދުވެރިކަމަކީ އޭނާގެ ޢަމަލު ރަނގަޅުވެ ޞާލިޙްމީހަކަށް ވެގެންދާކަމެކެވެ. އަދި ސުވަރުގެ އޭނާގެ އެންމެ ފަހުގެ މަންޒިލަށް ވެގެންދާނޭކަމެކެވެ. ނުކުތާއަކީ، އަޅުގަނޑުމެންގެ ރަޙްމަތްތެރީންނަކީ އެއީ ޞާލިޙު ތެދުވެރި ބަޔަކުކަމުގައި ހެދުމަށް މާތް ﷲ އަންގަވާފައިވުމެވެ.

ރަޙްމަތްތެރިންނަކީ އަޅުގަނޑުމެންގެ މުޅި ދިރިއުޅުމުގެ ހުރިހާކަމަކަށް އަސަރުފޯރުވާ ބައެކެވެ. ސައިކޮލޮގިސްޓެއް ބުނެފައިވެއެވެ. (Environment is the invisible          hand that shapes human behavior) ”މާޙައުލަކީ އިންސާނާގެ އަޚްލާޤު ބައްޓަންކުރާ ނުފެންނަ އަތެވެ.“ މިގޮތަށް މިޒަމާނުގެ ސައިކޮލޮޖިސްޓުން ފާހަގަ ކޮށްފައިވާއިރު އަޅުގަނޑުމެންގެ ނަބިއްޔާ G މީގެ އެތައް ޒަމާނެއް ކުރިން މިކަމަށްވަނީ އިޝާރާތް ކުރައްވާފައެވެ. އެކަލޭގެފާނު ހަދީޘްކުރައްވާފައިވެއެވެ. ‏ ”‏ مَثَلُ الْجَلِيسِ الصَّالِحِ وَالْجَلِيسِ السَّوْءِ كَمَثَلِ صَاحِبِ الْمِسْكِ، وَكِيرِ الْحَدَّادِ، لاَ يَعْدَمُكَ مِنْ صَاحِبِ الْمِسْكِ إِمَّا تَشْتَرِيهِ، أَوْ تَجِدُ رِيحَهُ، وَكِيرُ الْحَدَّادِ يُحْرِقُ بَدَنَكَ أَوْ ثَوْبَكَ أَوْ تَجِدُ مِنْهُ رِيحًا خَبِيثَةً  {ބުޚާރީ}

މާނައަކީ: ”ހެޔޮ އެކުވެރިޔަކާއި ނުބައި އެކުވެރިއެއްގެ މިސާލަކީ، ހުވަނދު ވިއްކާ މީހަކާ ކަނބުރުވެރިއެއްގެ މިސާލެވެ. ހުވަނދު ވިއްކާ މީހާގެ ފަރާތުން ހުވަނދު ގަތުން ނުވަތަ އޭގެ މީރުވަސް ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ކަނބުރުގެއަކަށް ވަދެއްޖެނަމަ ގަޔަށް ނުވަތަ ހެދުމަށް ކަނި ބުރާނެއެވެ. ނުވަތަ ނުބައިވަސް ހިފާނެއެވެ.“

ވިސްނާލަންވީ އެކީގައި އުޅޭމީހުންގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް އަސަރުކުރާނެކަމެވެ.

ރަނގަޅު ރަޙްމަތްތެރިން ވަކިކުރަން އެންމެ ފަސޭހަ އެއްގޮތަކީ ނުރަނގަޅު ރަޙްމަތްތެރީންގެ ސިފަތައް ދެނެގަތުމެވެ.އެގޮތުން، އެމީހެއްގެ ވިސްނުމާ ފިކުރަށް އިޙްތިރާމްކުރުމުގެ ބަދަލުގައި އެމީހުންގެ ވިސްނުމާ ފިކުރަށް ”ފިޓު“ ކުރުވަން އުޅުން،ހިތާމަވެރި ކަމެއް ދިމާވުމުން އެކަމުން އަރައިގައްނަން ދީނާ ޚިލާފު ސިއްޙަތަށް ގެއްލުން ހުރި ވަގުތީ ހައްލުތަކަށް ހިތްވަރުދިނުން،ދީނުގެ ކަންކަމަށް،ޙާއްސަކޮށް ނަމާދުކުރުމަށް އެމީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުން،އެމީހުން ގާތު ދީނީ ވާހަކަ ދެއްކުމަކީ ފަސޭހަކަމަކަށް ނުވުން،ޞަދަޤާތްކުރުންފަދަ ހެޔޮ ޢަމަލެއް ކުރުމަށް ހިތުއަޅައިފިނަމަ އެކަމަށް އެމީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުން، މީގެން ސިފައެއް ތިބާގެ ރަޙްމަތްތެރިއެއްގެ ގައިގާ ހުންނަ ކަމުގައިވަނީނަމަ އެއީ ފައިދާއަށްވުރެ ގެއްލުން ބޮޑު ގުޅުމަކަށް ނޫނީ ވެގެން ނުދާނެއެވެ.

ނަބިއްޔާ  ހަދީޘްކުރެއްވިއެވެ. ((لَا تُصَاحِب إلّا مُؤمِنًا)) {ތިރްމިޛީ} މާނައީ: މުއުމިނަކު މެނުވީ އެކުވެރީން ކަމުގައި ނުހަދާށެވެ. އަދިވެސް އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ((الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ)) {އަބޫ ދާވޫދް} މާނައީ: އެމީހަކުވަނީ އޭނާގެ ރަޙްމަތްތެރިޔާގެ ދީނުގެ މަތީގައެވެ. ފަހެ، އެމީހެއްގެ ރަޙްމަތްތެރީންކަމުގައި އިޚްތިޔާރުކުރަނީ ކޮންބައެއްތޯ ބަލާށެވެ.

އަޅުގަނޑުމެންގެ އެންމެ ގާތް މީހުންކަމުގައިވާންވާނީ، އެމީހަކު ފެނުމުން މާތް ﷲ ހަނދުމަކޮށްދޭ، އެމީހަކާ ދިމާވުމުން ތިބާގެ ޢިލްމު އިތުރުވެގެންދާ،އެމީހެއްގެ ޢަމަލުތަކުގެ ސަބަބުން އާޚިރަތް ހަނދުމަކޮށްދޭ މީހުންނަށެވެ. ރަޙްމަތްތެރިންނަކީ ހަމައެކަނި ހީ ސަމާސަކޮށް ކޮފީ ބޯން ތިބޭ ބައެއް ކަމުގައި ނަހަދާށެވެ. މާތް ﷲ އަޅަމެންނަށް ޞާލިޙު ރަޙްމަތްތެރީން މިންވަރުކުރައްވާށި!

 

15