ނަޞޭޙަތާއި އިރުޝާދު
ކަންކަމުގައި ވާއަތް އިސްކުރުން!

އައްޝައިޚް އިބްނު ޢުޘައިމީން -رحمه الله- ވިދާޅުވެފައި ވެއެވެ.

”ވާއަތުން ކެއުމާއި، ވާއަތުން ބުއިމާއި، ވާއަތުން އެއްޗެހީގައި ހިފުމާއި އަދި ވާއަތުން އެއްޗެހި ދިނުން، މި ހަތަރު ކަމަކީވެސް ސުންނަތާއި ޚިލާފު ހަތަރު ކަމެވެ. ފަހެ ކެއުމާއި، ބުއިމާއި، އެހެންމީހަކު ދޭ އެއްޗެއްގައި ހިފުމާއި އަދި އެހެން މީހަކަށް އެއްޗެއް ދިނުން ވަނީ ކަނާއަތުންނެވެ. ސުންނަތް ގޮތަކީ މިއީ އެވެ. ނަމަވެސް ވާއަތުން ކެއުމާއި ބުއިމަކީ ޙަރާމް ކަމެކެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.

لا يأكُلْ أحدُكم بشِمالِه ولا يشرَبْ بشِمالِه فإنَّ الشَّيطانَ يأكُلُ بشِمالِه ويشرَبُ بشِمالِه [1] މާނައީ: ”ތިޔަބައިމީހުންކުރެ އެއްވެސް މީހަކު އެމީހެއްގެ ވާއަތުން ނުކާށެވެ. އަދި ވާއަތުން ނުބޯށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ ކަނީވެސް އަދި ބޮނީވެސް  އޭނާގެ ވާއަތުންނެވެ.“

ފަހެ ނަބިއްޔާ ﷺ މިވަނީ ވާއަތުން ކެއުމާއި ބުއިން ނަހީ ކުރައްވާފައި އެވެ. އަދި މިކަމުގެ ސަބަބެއް ކަމުގައި ބަޔާންކޮށްދެއްވާފައި މިވަނީ އެ ޢަމަލަކީ ޝައިޠާނާގެ ޢަމަލެއް ކަމުގައި ވުމެވެ. އަދި ވާއަތުން ކެއުމާއި ބުއިމުން ދުރުހެލިވުމަށް މި ސަބަބު އިތުރައް ބާރު ދެއެވެ. ކެއިން ބުއިމުގައި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަވެ ޝައިތާނާ އާއި ވައްތަރުވެގަތުމާއި ނުވަތަ ނަބިއްޔާ ﷺ ގެ ހިދާޔަތާއި އިރުޝާދަށް ތަބަޢަވުމާއި ދެމެދު މުސްލިމު އަޚާ ޚިޔާރުކުމަށް ދެވިއްޖެނަމަ ޚިޔާރު ކުރާނީ ކޮންކަމެއް ކަމެއް ނޭނގެ އެވެ. މި ދެކަމުން ޚިޔާރު ކުރުމަށް ދެވިއްޖެނަމަ އެމީހަކު ޚިޔާރު ކުރާނީ ކޮންކަމެއް ހެއްޔެވެ؟ އެނގިގެންވާ ގޮތުގައި ކޮންމެ މުއުމިނަކުވެސް ޚިޔާރު ކުރާނީ ﷲ ގެ ރަސޫލާ ﷺ އަށް ތަބަޢަވެ އެކަލޭގެފާނު ދައްކަވާދީފައިވާ ގޮތްތަކުގައި ހިފުމެވެ.

ފަހެ މީގެ މައްޗަށް ބުނަމެވެ. އިންސާނާ ވާއަތުން ކެއުމާއި ބުއިމަކީ ޙަރާމް ކަމެކެވެ. ޙަރާމް ކަމެއް ކަމުގައި ވެއްޖެ ނަމަ ޝަރުޢީ ޤާޢިދާއެއްގައި ވާފަދައިން ޟަރޫރަތަކަށް މެނުވީ ހުއްދަ ނުވާނެ އެވެ. ޟަރޫރާތްތަކުގެ ތެރޭގައި މިޘާލަކަށް ކަނާއަތް ވައުވުން، ކަނާއަތް ހަލާކުވުން، ކަނާއަތް ފިހުން ނުވަތަ މިފަދަ ކޮންމެވެސް ކަމެއް މެދުވެރި ވުމެވެ. ނުވަތަ ކަނާއަތް ބޭނުންކޮށްގެން ކެއުމަށް ނުވަތަ ބުއިމަށް ޢުޛުރުވެރިވާފަދަ ކަމެއް ދިމާވުމެވެ.“

 

فتاوى نور على الدرب، الشريط رقم [259 [

[1] صحيح ابن حبان ٥٣٣١

 

0