ނަޞޭޙަތާއި އިރުޝާދު
ކޮންމެ ދުވަހަކު އެހެން މީހަކަށް ހެޔޮ ބަހެއް ފޯރުކޮށްލަ ދެވޭނެތަ؟

މި ޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ޒަމާނެކެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އެ މީހަކު ދޭން ބޭނުންވާ މެސެޖެއް އެ ދޭން ބޭނުންވާ ބަޔަކަށް ފޯރު ކޮށްލަދެވޭނެ ފަދަ ޒަމާނެކެވެ. އަޅުގަނޑުމެން މުސްލިމުން މީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަމާ ހިންގަވާށެވެ! ކޮންމެ ދުވަހަކު ވެސް (ޚާއްޞަ ގޮތެއްގައި) ސޯޝަލް މީޑިއާގެ ވަޞީލަތްތަކުގެ ތެރެއިން ކޮންމެ ވެސް ޕްލެޓްފޯމެއްގައި ފޭސްބުކުގައި، އިންސްޓަގްރާމްގައި، ޓްވިޓަރގައި ނުވަތަ ވައިބާ ގުރޫޕެއްގައި ކަމުގައި ވިޔަސް ހެޔޮ ބަހެއް ފޯރުކޮށްލަދެވޭނެ ހެއްޔެވެ؟ އެއީ އުނދަގޫ ކަމެއް ހެއްޔެވެ؟

ހެޔޮކަންކަމަށް އަމުރު ކުރުމަކީ މި އުންމަތުގެ އެންމެ މާތް ޞިފަތަކުގެ ތެރެއިން އެއް ޞިފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ‎﴿ كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ ﴾‏ މާނައީ: “ މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. “ (آل عمران : 110)

އަދި އަބޫ ރުޤައްޔާ ތަމީމް ބިން އައުސް އައްދާރީ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ”ދީނަކީ ނަޞޭޙަތެވެ.“ ތިމަންމެން (ޞަޙާބީން) ދެންނެވީމެވެ. ”ކޮން ބަޔަކަށް ތޯއެވެ؟“ ޙަދީޘްކުރެއްވިއެވެ. ”ﷲ އަށާއި، އެކަލާނގެ ފޮތަށާއި، އެކަލާނގެ ރަސޫލާއަށާއި، މުސްލިމުންގެ އިމާމުންނަށާއި، ޢާންމުންނަށެވެ.“ (މުސްލިމް 55) އިސްވެ ދިޔަ އާޔަތާއި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެން ދަނީ ހެޔޮ ބަސް ނުވަތަ ހެޔޮ ނަޞޭޙަތް އެހެން މީސްތަކުންނަށް ފޯރުކޮށްދިނުމަކީ ދީނުގެ މަތިވެރި އަސާސެއް ކަމުގައެވެ. އަދި މި އުންމަތަށް އެކަލާނގެ ދެއްވާފައިވާ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ހެޔޮކަންތަކަށް އަމުރު ކޮށް، އަދި ނުބައިކަންތައް ނަހީކުރުން، ލައްވާފައިވާކަމެވެ. މިފަދަ އަހުލުވެރިއަކަށް ވާން ބޭނުން ތޯއެވެ؟

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް މި ފަދަ މުސްލިމަކަށް ވެވިދާނެ ފަދަ މީހެކެވެ. ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާއިން އަޅުގަނޑުމެންނަށް އެތައް ހެޔޮ ބަސް ތަކެއް ފެނެއެވެ. އެހެންކަމުން އެފަދަ ޕޯސްޓެއް، އާޓިކަލްއެއް، ވީޑިއޯއެއް ނުވަތަ ފޮތެއް ވިޔަސް އެހެން ބަޔަކަށް ފޯރުކޮށްލަދެވޭނަމަ އެ ކުރެވެނީ ބޮޑު ވެގެންވާ އަޅުކަމެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((وَإِنَّ أَحَبَّ الأَعْمَالِ إِلَى اللهِ مَا دُووِمَ عَلَيهِ وَإِنْ قَلَّ )) ”ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ހެޔޮކަން ބޮޑުވެގެންވާ ޢަމަލަކީ، އެ ޢަމަލެއް މަދުން ކުރެވުނު ކަމުގައިވީނަމަވެސް މެދުކެނޑުމެއްނުވާ ގޮތުގައި ކުރެވޭ ޢަމަލެވެ.“ (މުސްލިމް 782) އެހެންކަމުން ކިތަންމެ ކުޑަ ޢަމަލެއް ކަމުގައި ވިޔަސް ދާއިމީ ގޮތެއްގައި އެ ޢަމަލެއް ކުރެވޭކަމުގައި ވާނަމަ އެކަލާނގެ ޙަޟްރަތުގައި އެއީ މަތިވެރި ޢަމަލަކަށް ވެގެންދާނެއެވެ. އަޅުގަނޑުމެންގެ ފެންވަރުން ބޮޑެތި ޚުޠުބާތައް ނުވަތަ ދަރުސްތައް ނުދެވުނު ކަމުގައި ވީނަމަވެސް އެފަދަ އެއްޗެހި އެހެން ބަޔަކަށް ފޯރުކޮށްލަ ދިނުމަކީ ވެސް ބޮޑު ހެޔޮ ޢަމަލަކަށް ވެގެންދާނެއެވެ.

ވިސްނާލައްވާށެވެ! މި ދެންނެވި ގޮތަށް ހެޔޮ ޢަމަލު އަޅުގަނޑުމެން ކޮންމެ ދުވަހަކު ފަތުރާ، އެހެން މީހުންނަށް އެކަމަށް ބާރު އަޅާކަމުގައި ވާނަމަ އަޅުގަނޑުމެންގެ މުޖުތަމަޢަށް ކުރާނެ އެދެވޭ ހެޔޮ ބަދަލާމެދު ވިސްނާލައްވާށެވެ!

6