ޚަބަރު
މީހުންނަށް އަނިޔާވެރިވެ، ދެރަކޮށްލައިފިނަމަ، ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމުގެ ތަކުލީފު ތަހައްމަލު ކުރަން ޖެހޭނެ: މުފްތީ މެންކް

މީހުންނަށް އަނިޔާވެރިވެ، ދެރަކޮށްލައިފިނަމަ، ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމުގެ ތަކުލީފު ތަހައްމަލު ކުރަން ޖެހޭނެކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ. ފުއަށްމުލަކުގައި މިރޭ ކުރިއަށް ދަރުސްގައި ޝެއިޚް މުފްތީ މެންކް ވިދާޅުވީ މީހުންނަށް އަނިޔާވެރިވެ، ދެރަކޮށްލައިފިނަމަ، ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެކަމުގެ ތަކުލީފު ތަހައްމަލު ކުރަން ޖެހޭނެއެވެ.

އޯގާތެރިކަމުގެ އިދިކޮޅަކީ އަނިޔާވެރިވުންކަން ފާހަގަކުރައްވައި މުފްތީ މެންކް ވިދާޅުވީ އަނިޔާވެރިވާ މީހާ އެކަމަކުން ތައުބާ ނުވާހާ ހިނދަކު އޭނާ އެ ކުރި ކަމެއް އެނބުރި އޭނާއަށް އަންނާނެ ކަމަށެވެ. އެކަން ވާނީ ކޮންއިރަކު، ކޮން ވަގުތަކުކަން ނޭނގުނު ނަމަވެސް މާތްﷲ އެފަދަ މީހަކަށް އޭގެ އަދަބު ދެއްވާނެ ކަން ފާހަގަކުރައްވާ މުފްތީ މެންކް ވަނީ ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އޯގާތެރިވާ ބަޔަކަށްވުމަށް އިލްތިމާސްކުރައްވާފައެވެ.

އެއްވެސް މީހަކު އެހެން މީހަކު ދައްކަން އެކަން ވަގުތުން ނުޖެހުނަސް ކޮންމެވެސް ހިސާބަކުން ފަހުން އެބުރި އަންނާނެއެވެ. އަންނާނެ ގޮތެއް ﷲ ދެނެވޮޑިގަންނަވާނެއެވެ. ބައެއްފަހަރު އަނިޔާވެރިންނަށް ވަގުތު ދެއްވައެވެ. ތައުބާވުމަށް ވަގުތުދެއްވާ އިސްލާހުނުވެއްޖެނަމަ އެކަން މީހަކަށް ޖައްސަވައެވެ.

އެކަކު އަނެކަށް ހާލުބަލާ އަޅާލުމަކީ މުޖުތަމައުގައި ކަންކަން ހިގާންޖެހޭގޮތެވެ. ގޯސްކަންތައްތައް ފެނިއްޖެނަމަ އެކަން އިސްލާހުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

މާތް ﷲ އެއްވެސް އަޅަކަށް ބޭނުން ނުވާކަމަށާއި އެހެންނަމަވެސް ހުރިހާ އަޅުތަކުން އެކަލާނގެއަށް ބޭނުންވެގެންވާކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އަޅަކުދެކެ ލޯބިވޮޑިގަންނަވާނަމަ އެމީހަކަށް އިމްތިހާންތަކާއި ކުރިމަތިކުރައްވާކަމަށެވެ.

އިންސާނާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަންކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަމެއް ބަލައިނުގަތަސް އެކަމާ ދެރަ ނުވުމަށެވެ. އޭގެ ބަދަލުގައި މާތްﷲ ތިމާއަށް ދެއްވަންހުރި ހެޔޮކަމާއި ދަރުމައަށް ވިސްނައި، ގިނަ ގިނައިން ﷲއަށް ދުޢާކޮށް ޙަމްދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، އޯގާވެރިވުމަށާއި އަދަބު އިޚްތިރާމް އަދާކުރުމަށް އެދިވަޑައިގެން ހިނިތުންވުމަކީވެސް ސަދަގާތެއްކަމަށް ވިދާޅުވިއެވެ.އެހެންކަމުން ގިނަ ގިނައިން ހިނިތުންވުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި ނަސޭހަތްތެރިވެވަޑައިގެންފައެވެ.

8