ޚަބަރު
އެހެން މީހުންގެ ދިރިއުޅުމުގެ ދަތުރު ނޭނގި ގޮތް ނިންމުމުގެ ބަދަލު، އަބަދުވެސް އޯގާތެރިވެ، ލޯބިދޭން ދަސްކުރޭ: މުފްތީ މެންކް 

އެހެން މީހުންގެ ދިރިއުޅުމުގެ ދަތުރު ނޭނގި ގޮތް ނިންމުމުގެ ބަދަލު، އަބަދުވެސް އޯގާތެރިވެ، ލޯބިދޭން ދަސްކުރުމަށް މުފްތީ މެންކް ގޮވާލައްވާފައިފިއެވެ. ފުއަށްމުލަކުގައި މިރޭ ކުރިއަށް ދަރުސްގައި ޝެއިޚް މުފްތީ މެންކް ވިދާޅުވީ އެހެން މީހުންގެ ދިރިއުޅުމުގެ ދަތުރު ނޭނގި ގޮތް ނިންމުމުގެ ބަދަލުގައި އަބަދުވެސް އެހެންމީހުންނަށް އޯގާތެރިވެ، ލޯބިދޭން ދަސްކުރަންޖެހޭނެއެވެ.

އެކަކު އަނެކަކަށް އަޅާލާ ހާލުބާލާ މުޖުތަމައަކީ ވަރަށް ބޭނުންތެރި މުޖުތަމައެކެވެ. އެއްބަޔަކު ކުރާ ގޯސްކަންތައްތައް ކިޔައިދީ ރަގަޅު މަގަށް އެމީހުން ގެނައުމަކީ ވަރަށް މުހިއްމުކަމެވެ. އިސްލާމް ދީނަކީ އެކަކު އަނެކަކަށް އޯގާތެރިވުމަށް ބާރު އަޅާ ދީނެއްކަން ފާހަގަކުރައްވާ މުފްތީ މެންކު ވިދާޅުވީ އެކަން އިސްލާމްދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ޒަކާތް ދިނުމުގެ ރުކުނުން ވެސް އެނގޭ ކަމަށެވެ. އެގޮތުން، ތިމާ މީހާގެ އަތުގައި ހުންނަ އެއްޗެއް އެހެން މީހެއްގެ އަތުގައި ނެތްނަމަ، ތިމާ މީހާ އަތުގައި މާގިނައިން އެ އެއްޗެއް ހުރެއްޖެނަމަ އެ ނެތް މީހުންނަށް ދޭން އަންގަވާފައިވަނީ ހަމައެކަނި އިސްލާމް ދީނުގައި ކަމަށާއި އެއީ މުސްލިމުން އެކަކު އަނެކަކު ބާރުވެރިކުރުވުމުގެ ބޭނުމުގައި އަންގަވާފައިވާ އެންގެވުމެއް ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

މާތް ﷲ އެއްވެސް އަޅަކަށް ބޭނުން ނުވާކަމަށާއި އެހެންނަމަވެސް ހުރިހާ އަޅުތަކުން އެކަލާނގެއަށް ބޭނުންވެގެންވާކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އަޅަކުދެކެ ލޯބިވޮޑިގަންނަވާނަމަ އެމީހަކަށް އިމްތިހާންތަކާއި ކުރިމަތިކުރައްވާކަމަށެވެ.

އިންސާނާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަންކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަމެއް ބަލައިނުގަތަސް އެކަމާ ދެރަ ނުވުމަށެވެ. އޭގެ ބަދަލުގައި މާތްﷲ ތިމާއަށް ދެއްވަންހުރި ހެޔޮކަމާއި ދަރުމައަށް ވިސްނައި، ގިނަ ގިނައިން ﷲއަށް ދުޢާކޮށް ޙަމްދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، އޯގާވެރިވުމަށާއި އަދަބު އިޚްތިރާމް އަދާކުރުމަށް އެދިވަޑައިގެން ހިނިތުންވުމަކީވެސް ސަދަގާތެއްކަމަށް ވިދާޅުވިއެވެ.އެހެންކަމުން ގިނަ ގިނައިން ހިނިތުންވުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި ނަސޭހަތްތެރިވެވަޑައިގެންފައެވެ.

0