އުފަލާއި ހިތްހަމަ ޖެހުމަކީ މަޤާމަކުން، މީހަކު ބުނެލާ ބަހަކުން އަދި ފައިސާއަކުން ހޯދޭނޭ އެއްޗެއް ނޫންކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ކުރެވުނު ހެޔޮ އަމަލުތަކުގެ ސަބަބުން ތިބާއަށް ބުނަންވެސް ނޭނގޭހާއި ހިތްހަމަޖެހުމާއި އުފާވެރިކަން އިޙްސާސް ކުރެވޭނެއެވެ. އެހެނީ ﷲ ތަޢާލާއާއި ތިބާއާ ދެމެދު އެ ގާއިމު ކުރެވުނީ މަތިވެރި މުޤައްދަސް ގުޅުމެކެވެ. ތިބާގެ އަމާޒަކީ، އަދި ޙަޔާތުގެ މަގްސަދަކީ ވެސް، ﷲ ތައާލާގެ ރުއްސެވުން ލިބިގަތުން ކަމުގައިވާތީއެވެ. އެ އަމާޒަށް ވާޞިލު ވެވިއްޖެނަމަ، ތިބާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުނީއެވެ. އެ އުފަލާއި ހިތްހަމަ ޖެހުމަކީ މަޤާމަކުން، މީހަކު ބުނެލާ ބަހަކުން އަދި ފައިސާއަކުން ހޯދޭނޭ އެއްޗެއް ނޫނެވެ.
މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި، ބުރަ މަސައްކަތް ކުރަނީ، އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށެވެ. އެގޮތުން އެކިއެކި ކަންކަމުގައި އަވަދިނެތި މަޟްޢޫލުވެ އުޅެއެވެ. އަދި ބާއްޖަވެރިކަން ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތައާލާ ހަނދުމަކުރަން ވެސް ހަނދާނެއް ނުހުރެއެވެ. އެ ކަލާނގެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަރުޟު ފަސްނަމާދު މަތިންވެސް ހަނދާން ނުހުރުއެވެ. މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދެވެ. ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟ ލޮބުވެތި ނަބިއްޔާ ބިލާލުގެފާނަށް ހަދީޘްކުރެއްވިއެވެ. “ އޭ ބިލާލުވެ! ނަމާދަށް ގޮވާލާށެވެ! ނަމާދުން އަހަރެމެންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭށެވެ!“ އަދި ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް ކުރާމީހަކަށް ހުރި ބާއްޖަވެރިކަމާއި، ދަރުމައިގެ މަތިވެރިކަން ބަޔާންކުރައްވަމުން އިތުރު އެކަލާގެފާނު ހަދީޘް ކުރެއްވިއެވެ. “ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަަށްވުރެ ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް މާ ހެޔޮކަން ބޮޑުވެގެންވެއެވެ.“ ހަޤީޤީ ބާއްޖަވެރިކަމަކީ މިއީ ނޫން ހެއްޔެވެ؟ ނަމަވެސް އެ މަތިވެރިކަމާއި ބާއްޖަވެރިކަން ޙާސިލުކުރުމަށްޓަކައި ނަމާދަށް ފަރުވާތެރި ވަނީ ކިތައް މީހުން ހެއްޔެވެ؟ ވަޒީފާއަށް ދިޔުމަށްޓަކައި ހެދުނު ހެނދުނާ ތެދުވާއިރު، ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް މުހިއްމުކަން ދެނީ ކިތައް މީހުން ހެއްޔެވެ؟ އާދޭހެވެ! އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސު ކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް އެންމެހައި މުސްލިމުތަކުންނަށް ވިޞިއްޔަތްކޮށް ނަސޭހަތްތެރިވަމެވެ.