ނަޞޭޙަތާއި އިރުޝާދު
އަހަރެން ހަނގުރާމައަށް ތައްޔާރުކޮށްދެއްވާށެވެ!

މާތް ޞަޙާބީ އަބޫ ޠަލްޙާ رضي الله عنه ސޫރަތުއް ތަޥްބާ ކިޔަވާ ވިދާޅުވަމުން ދިޔައެވެ. މި އާޔަތާ ޖެހެންދެނެވެ.
{انفِرُوا خِفَافًا وَثِقَالًا وَجَاهِدُوا بِأَمْوَالِكُمْ وَأَنفُسِكُمْ فِي سَبِيلِ اللَّهِ} [التوبة: 41]
މާނައީ: ”ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ! އަދި ތިޔަބައިމީހުންގެ މުދާތަކާއި، ނަފްސުތަކުން اللَّه ގެ މަގުގައި ޖިހާދުކުރާށެވެ!“
އެ ހިނދު ވިދާޅުވިއެވެ.“{خِفَافًا وَثِقَالًا} ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ އަޅަމެންގެ ވެރި ރައްބު އެވަނީ މުސްކުޅިންނާ އަދި ޒުވާނުންވެސް ޖިހާދަށް ނުކުތުމަށް އަމުރުކުރައްވާފައެވެ.“
ދެން އެކަލޭގެފާނުގެ ދަރިންނަށް ވިދާޅުވިއެވެ. ”އަހަރެން ޖިހާދަށް ތައްޔާރުކޮށްދެއްވާށެވެ!“
އެހިނދު އެކަލޭގެފާނުގެ ދަރިން އައިސް ދެންނެވިއެވެ. ”ﷲ ބައްޕައަށް ރަޙްމަތް ލައްވާށިއެވެ. ބައްޕަ ނަބިއްޔާ ގެ އަރިހުގައި އެކަލޭގެފާނުގެ އަވަހާރަވަންދެން ހަނގުރާމަ ކުރެއްވީމެއް ނޫންތޯއެވެ! އަދި އަބޫބަކުރުގެފާނުގެ އަރިހުގައި ވެސް އެކަލޭގެފާނު އަވަހާރަވަންދެން ހަނގުރާމަ ކުރެއްވީމެއް ނޫންތޯއެވެ! އަދި ޢުމަރުގެފާނުގެ އަރިހުގައި ވެސް އެކަލޭގެފާނު އަވަހާރަވަންދެން ހަނގުރާމަ ކުރެއްވީމެއް ނޫންތޯއެވެ! ދެން މިހާރު ތިމަން ބޭކަލުން ކަލޭގެފާނުގެ މަތިން ހަނގުރާމަ ކުރާނަމެވެ.“
އަބޫ ޠަލްޙާ ވިދާޅުވިއެވެ. ”ނޫނެކެވެ! އަހަރެން ޖިހާދަށް ތައްޔާރުކޮށްދެއްވާށެވެ!“
ދެން އެކަލޭގެފާނުގެ ދަރިން އެކަލޭގެފާނު ހަނގުރާމައަށް ތައްޔާރުކޮށްދެއްވިއެވެ.
އެއަށްފަހު ކަނޑުމަތީގައި ކުރެވުނު ހަނގުރާމައިގައި ހަނގުރާމަކޮށް ކަނޑުމަތީގައި އަވަހާރަވިއެެވެ.
އެކަލޭގެފާނު ފަސްދާނުލެއްވުމަށް ރަށެއްވެސް ފެނުނީ އެކަލޭގެފާނު އަވަހާރަވިތާ 7 ދުވަސް ފަހުންނެވެ. އެހެނެއްކަމަކު އެކަލޭގެފާނުގެ ހަށިގަނޑަށް ބަދަލެއް އައިސްފައިނުވެއެވެ.
رضي الله عنه.
ބައްލަވާ: [ صحيح ابن حبان (16/152) ، وأبو يعلى (6/138) ، والبيهقي (4/10) ، خلاصة الأحكام للنووي (2/1031)]

0