އައްޝައިޚް އިބްނު ޢުޘައިމީން -رحمه الله- ވިދާޅުވެފައި ވެއެވެ.
”ނަބިއްޔާ ﷺ ގެ އަމުރުފުޅެއް އަޑު އިވިއްޖެނަމަ މުސްލިމަކު ބުނުމަށް ވާޖިބު ވެގެންވަނި މިފަދައިންނެވެ. ”އަހަރެމެން އަޑު އަހައިފީމެވެ. އަދި އަހަރެމެން ކިޔަމަން ވެއްޖައީމެވެ.“ އަދި އެމީހަކަށް ކުޅަދާނަ ވެގެންވީ މިންވަރަކުން އެ އަމުރަކަށް ކިޔަމަން ވާށެވެ. ﷲ އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަކަން ލިބިގެންވާ ކަމަކަށް މެނުވީ ތަކުލީފު ނުޖައްސަވަ އެވެ.
މީސްތަކުންގެ ތެރެއިން ވަރަށް ގިނަ މީހުން މިހާރު ބުނެއެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ މިވެނިކަމަކަށް އަމުރު ކުރައްވާފައި އެބައޮތެވެ. ވުމާއެކު އެކަމަކީ ވާޖިބެއް ހެއްޔެވެ؟ ނުވަތަ އެއީ ސުންނަތެއް ހެއްޔެވެ؟
ނަބިއްޔާ ﷺ ކަމަކަށް އަމުރު ކުރައްވައިފިނަމަ ތިބާ އެކަމެއް ކުރާށެވެ. ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ މިފަދައިންނެވެ. އެކަމަކީ ވާޖިބު ކަމެއް ކަމުގައި ވެއްޖެނަމަ ތިބާގެ ކިބައިން އެ ޛިންމާ ކެނޑުނީ އެވެ. އަދި އެކަމަކީ ސުންނަތް ކަމެއް ކަމުގައި ވެއްޖެނަމަވެސް ތިބާއަށް ހެޔޮކަމެއް ލިބުނީ އެވެ.
އެކަމަކު އެއީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯ ސުވާލުކޮށް އަދި މީގެ ޖަވާބު ލިބެންދެން އެކަމެއް ނުކޮށް ހުރުމަކީ ހަމަ ޔަޤީނުންވެސް ކަންނެތް ވެގެންވާ، ހެޔޮ ކަންކަމަށް ލޯބި ނުކުރާ އަދި ހެޔޮ ކަންކަން އިތުރު ވުމަށް ލޯބި ނުކުރާ މީހަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ.“
]شرح رياض الصالحين، لابن عثيمين -رحمه الله- (٢/٣٢٢) [