އިސްލާމީ އިޤްތިޞާދުގެ އެންމެ ޚާއްސަ އެއް ސިފައަކީ ކޮންމެ މުޢާމަލާތެއްގައިވެސް ހިމެނޭ ދެ ފަރާތުގެ މަޞްލަޙަތު ހިމާޔަތް ކުރާ ނިޒާމެއްކަމުގައި އިސްލާމީ އިޤްތިޞާދުވުމެވެ. މިގޮތުން ދަރަނި ނެގުމުގެ އަދަބުތައް ބަޔާންވެފައިވާ ބީދައިން ދަރަނިދިނުމުގައި ސަމާލުކަންދޭންޖެހޭ ކަންކަންވެސް އިސްލާމީ އިޤްތިޞާދީ ނިޒާމުގައި ބަޔާންވެފައިވެއެވެ.
މީހަކަށް ދަރަނި ދޭއިރު ﷲ ގެ ވަޖުހުފުޅު އަދައިގެން ދަރަނި ދިނުން ލާޒިމެވެ. ހީލަތާއި ޤަސްދުގައި ފަސްކުރުން ނުފެންނަހާ ހިނދަކު ދަރަނި ނެގި ފަރާތްތަކަށް މުހުލަތު ދޭށެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ދަރަނިވެރިވެގެން ދަތިވެފައިވާ މީހަކަށް ދަރަނި އަދާކުރުމުގެ މުއްދަތު ފަސްކޮށްދިން މީހާ ދަންނައެވެ. އެކަން ވާހުށީ އޭނާ ފަސްކޮށްދިން ކޮންމެ ދުވަހަކަށްޓަކައިވާ ޞަދަޤާތެއް ފަދައިންނެވެ. (އެބަހީ އެފަދަ އަޖުރެއް އޭނާއަށް ލިބޭނެތެވެ.)” (صححه الألباني)
ދަރަނި މަޢާފްކޮށްދިނުން ހެޔޮވެގެންވެއެވެ. އެއީ ދީލަތިކަމުގެ މަތީ ހަރުފަތެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “މީސްތަކުންނަށް ދަރަނި ދީ އުޅުނު މީހަކު އުޅުނެވެ. އޭނާގެ ޚާދިމުންގެ ގާތު އޭނާ ބުނެއެވެ. ދަތިވެފައިވާ މީހަކާ ބައްދަލުވެއްޖެނަމަ އެމީހަކަށް ދަރަނި މަޢާފުކޮށްދޭށެވެ. އޭރުން ﷲ ތަޢާލާ އަހަރެމެންނަށްވެސް މަޢާފުކުރައްވާފާނޭކަމަށް އުއްމީދުކުރެވެއެވެ. ފަހެ އޭނާ ﷲ ތަޢާލާއާއި ބައްދަލުވުމުން އެ އިލާހު އޭނާއަށް މަޢާފްކުރެއްވިއެވެ.”(صحيح الجامع)
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “..وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ..” رواه مسلم
އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފި މީހާ ދަންނައެވެ. ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ.
ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް ބާއްވައިލެއްވިފައިވަނީ ދަރަންޏާއި ގުޅޭގޮތުންނެވެ. އެއީ ބަޤަރާ ސޫރަތުގެ ފަހު ކޮޅުގައިވާ ދަރަނީގެ އާޔަތެވެ. ދަރަނީގެ އާޔަތުގައި ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ފަދައިން އެ ދަރަނި ލިޔެ އެކަމުގެ މައްޗަށް ހެކިވެރިން ހެކިކުރުމަށް ދަރަނި ނަގާ މީހާއާއި ދަރަނިދޭ މީހާ ރައްކާތެރިވާންވާނެއެވެ. ދަރަނި ލިޔުމަށް ފަސްނުޖެހޭށެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ކަމުގައި ވިޔަސްމެއެވެ. އެއީ ﷲ ގެ ޙަޟްރަތުގައި އެންމެ ޢަދުލުވެރި ގޮތެވެ.
ދަރަނި ދިނުމުގައި ރިބާއިން ދުރުހެލިވާށެވެ. ރިބާގައި އެއްވެސް ބަރަކާތެއް ނުވެއެވެ. ރިބާކާމީހުން ޤިޔާމަތްދުވަހު ތެދުވާނެގޮތް ސިފަކުރައްވަމުން ބަޤަރާ ސޫރަތުގެ 275ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. )ރިބާކާމީހުން ދަންނައެވެ. ފަހެ ޝައިތާނާ އަވަލުމުގެ ސަބަބުން މޮޔަވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ ޤިޔާމަތްދުވަހު އެބައިމީހުން ނުތެދުވާނެއެވެ.(ޙަރާމް ގޮތުގައި ދަރަނިދޭ މީހާއަށް މާތް ﷲ ތައުފީޤެއްވެސް އަދި ބަރަކާތެއްވެސް ނުލިބޭނެއެވެ.