ނަޞޭޙަތާއި އިރުޝާދު
ޠަވާފުކުރުމުގެ މާތްކަމާއި މަތިވެރިކަން

ޠަވާފުކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. އަދި އެއީ އިސްލާމްދީނުގެ މަތިވެރި ޝިޢާރެކެވެ. މާތްﷲ ގެކޮޅަށް ކުރެވޭ އިޙްތިރާމެކެވެ. މާތްﷲ މަތިވެރިކޮށް މަލާއިކަތުން ބައިތުލް މަޢްމޫރުގެ ވަށައިގެން ޠަވާފުކުރާއިރު، ބިންމަތީގައި އިންސާނުން ގެފުޅުވަށައިގެން ޠަވާފުކުރެއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

﴿وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ﴾ سورة الحج 26

”އަދި ޠަވާފުކުރާމީހުންނަށާއި، ޤާއިމުވެތިބޭ މީހުންނަށާއި، ރުކޫޢުކޮށް ސަޖިދަ ކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު ޠާހިރު ކުރައްވާށެވެ!“

މި އާޔަތުގައި ޤާއިމުވެތިބޭ މީހުންނާއި ރުކޫޢުކޮށް ސަޖިދަކުރާމީހުންނަށް ވުރެ ކުރިން ޒިކުރުކުރެވިފައިވަނީ ޠަވާފްކުރާމީހުންގެ ވާހަކައެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ.

“ مَنْ طَافَ بهذا البيت أُسْبُوعًا ، يُحْصِيهِ ، فيصلي ركعتين كان كعتق رقبة وما وضع رجل قدما و لا رفعها إلا كتب الله بها حسنة و محا عنه بها سيئة و رفع له بها درجة ”( صححه الألباني)

“ ޠަވާފު ގެ ހަތް ބުރު ފުރިހަމަކުރުމަށް ފަހު ދެ ރަކުޢަތް ނަމާދެއްކޮށްފިނަމަ އަޅަކު މިނިވަންކުރުމުގެ އަޖުރު ލިބޭނެއެވެ. ޠަވާފުކުރާއިރު އަޅާ ކޮންމެ ފިޔަވަޅަކާއެކީގައި ﷲ ތަޢާލާ އޭނާއަށްޓަކައި ހެޔޮކަމެއް ލިޔުއްވައެވެ. އަދި އޭނާގެ ފާފައެއް ފުއްސަވައިދެއްވައެވެ. އަދި އޭނާ އަޅާ ކޮންމެ ފިޔަވަޅަކާއެކީގައި ދަރަޖައެއް އުފުލޭނެއެވެ.“

އަޅުން މިނިވަންކުރުމަކީ ވަރަށް މުއްސަނދިންނަށް ނޫނީ ނުކުރެވޭ ކަމެކެވެ. ޠަވާފުކުރުމުން އަޅަކު މިނިވަންކުރުމުގެ ޘަވާބުލިބޭކަން އިސްވެދިޔަ ޙަދީޘުން އެނގެއެވެ.

ޠަވާފުގެ ހަތް ބުރު ފުރިހަމަ ކުރުމަށްފަހު ދެ ރަކްޢަތް ނަމާދެއް ކުރުން އޮވެއެވެ.މަސްޖިދުލް ޙަރާމް ގައި ކުރާ ނަމާދުގެ ޘަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްލައްކަ ގުނަ އިތުރުވެގެންވާއިރު ޠަވާފުގެ ދެ ރަކްޢަތަށްވެސް އެފަދަ ޘަވާބެއް ލިބޭނެއެވެ.

އަމީރުލް މުއުމިނީން ޢަލީ رضي الله عنه ވިދާޅުވިއެވެ.

“ استكثروا من الطواف بهذا البيت ما استطعتم من قبل أن يحال بينكم وبينه ”( أخرجه عبد الرزاق في المصنف)

“ މި ގެކޮޅުގައި ތިޔަބައިމީހުންނަށް ޠަވާފުކުރުމަށް ހުރަހެއް މެދުވެރިވުމުގެ ކުރިން ވީވަރަކުން މި ގެކޮޅުގައި ޠަވާފުކުރުން ގިނަ ކުރާށެވެ.“

ޠަވާފުކުރުމުގެ މައިގަނޑު މަޤްޞަދަކީ މާތްﷲގެ ޛިކުރުކުރުމެވެ. ދުޢާކުރުމެވެ. ޠަވާފުކުރާއިރު ކުރާ ދުޢާތައް އިޖާބަކުރެއްވުމުގެ އުއްމީދު ބޮޑުވެގެންވާ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އިސްލާމީ ތާރީޚުގެ އެކި ޒަމާންތަކުގައި އުޅުއްވި ޢިލްމުވެރި، ތަޤްވާވެރި ބޭކަލުން ގިނަގިނައިން ޠަވާފުކުރެއްވިއެވެ.

3