ނަޞޭޙަތާއި އިރުޝާދު
ކަޢްބަތުﷲ ގެފުޅު އަދި މަސްޖިދުލް ޙަރާމް

ކަޢްބަތުﷲ ގެފުޅަކީ އެންމެ ފުރަތަމަ މިބިންމަތީގައި މީސްތަކުން މާތްﷲ އަށް އަޅުކަންކުރުމަށްޓަކައި ބިނާކުރެވުނު ގެކޮޅެވެ.

އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ސުވާލުކުރެވުނެވެ. ”އެންމެ ފުރަތަމަ މިބިންމަތީގައި ބިނާކުރެވުނު މިސްކިތަކީ ކޮބައިތޯއެވެ؟”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުގައި ހަދީޘްކުރެއްވިއެވެ. ”މަސްޖިދުލް ޙަރާމްއެވެ.” ސުވާލުކުރެވުނެވެ. ”ދެން ކޮންމިސްކިތެއްތޯއެވެ؟” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުގައި ހަދީޘްކުރެއްވިއެވެ. ”މަސްޖިދުލް އަޤްޞާއެވެ.”

ދެން ތިމަންކަލޭގެފާނު (އެބަހީ އަބޫ ޛައްރު) ދެންނެވީމެވެ. ”އެދެމެދުގައި ކިތައް އަހަރުވިތޯއެވެ؟” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުގައި ހަދީޘްކުރެއްވިއެވެ. ”ސާޅީސް އަހަރެވެ.”

ނަމާދުގެ ޝަރުޠުތަކުގެ ތެރޭގައި ޤިބުލަޔަށް ކުރިމަތިލުން ވެއެވެ. ޤިބުލަޔަކީ ކަޢުބަތު ﷲ ގެފުޅެވެ. ޤިބުލައިގެ ނަންދެވިފައިވާ ސަބަބަކީ މީސްތަކުން ކަޢުބަތު ﷲ ގެފުޅާވީ ފަރާތަށް ކުރިމަތިލާތީއެވެ. އެބަހީ ނަމާދުކުރާމީހާ އެފަރާތަށް ކުރިމަތިލާތީއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

﴿فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ﴾ [البقرة: 144]

މާނައީ: “ފަހެ، ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ ކަޢުބަތުﷲ ގެފުޅާ) ދިމާއަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ. އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތައް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ.”

އިބްރާހީމްގެފާނަށް ކަޢްބަތުﷲ ގެފުޅުބިނާކުރުމަށް މާތްﷲ އަމުރުކުރެއްވިއެވެ. އަދި އެކަމުގައި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނު އެހީތެރިވެދެއްވިއެވެ.

ގެފުޅު ބިނާކުރުމާއިބެހޭގޮތުން އައިސްފައިވާ ވާހަކަތަކުގެ ތެރޭގައިވެއެވެ.

އިބްރާހިމްގެފާނު އެކަލެގެފާނުގެ ދަރިކަލުން އިސްމާޢިލްގެފާނަށް ވިދާޅުވިއެވެ.

”ތިމަންކަލޭގެފާނަށް މާތްﷲ އަމުރެއްކުރައްވައިފިއެވެ. މާތް ﷲ ތިމަންކަލޭގެފާނަށް ވަޙިކުރެއްވިއެވެ. ”ތިމަންރަސްކަލާނގެ ކަލޭގެފާނަށް އަމުރުކުރައްވާފަދައިން އެގެފުޅުބިނާކުރައްވާށެވެ.” ދެން އިބްރާހިމްގެފާނު، އިސްމާޢީލްގެފާނަށް ވިދާޅުވިއެވެ.  ”ތިމަންކަލޭގެފާނަށް އެހީ ވާނަންތޯއެވެ؟” އިސްމާޢީލްގެފާނު ވިދާޅުވިއެވެ. ”އެހީވާނަމެވެ.”

ދެން އިބްރާހިމްގެފާނު ވިދާޅުވިއެވެ. ”ހަމަކަށަވަރުން މާތްﷲ ތިމަންކަލޭގެފާނަށް އަމުރުކުރެއްވެވީ އެހެރަތާނގައި ގެކޮޅެއްބިނާކުރާށެވެ.”

އަދި އުސްވެލިފަރުބަދައަކަށް އިޝާރާތްކުރެއްވާ ވިދާޅުވިއެވެ. “އެހެރަ ހިސާބުގައި ތަރާގަނޑު(ފައުންޑޭޝަން) އަޅާށެވެ.”  ދެން އިބްރާހިމްގެފާނު ގެފުޅުބިނާކުރައްވަމުން ޙަޖަރުލް އަސްވަދާއި ޖެހުމުން ޙަޖަރުލް އަސްވަދު (އެބާއްވަން ޖެހޭތަނުގައި) ބޭއްވިއެވެ. އަދި ގެފުޅު ޢިމާރާތްކުރައްވަމުން ގެންދެވިއެވެ.

އިސްމާޢިލްގެފާނު އިބްރާހިމްގެފާނަށް ގެފުޅު ބިނާކުރައްވަން ބޭނުންވާ ހިލަގާ ގެނެސް ދެއްވަމުންގެންދެވިއެވެ. އަދި އެދެބަފައިން ވިދާޅުވަމުންގެންދެވިއެވެ.

”އަޅަމެންގެ ވެރި ރަސްކަލާކޮ. އަޅަމެންގެ ކިބައިން ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” ސޫރަތުލް ބަޤަރާ 127

އިސްވެ ދެންނެވުނު ފަދައިން އެންމެ ފުރަތަމަ ގެފުޅު ބިނާ ކުރެއްވީ އިބްރާހިމް ގެފާނެވެ.  އޭގެފަހުން ތަފާތު އެތައްފަހަރެއްގެމަތިން ގެފުޅު އަލުން ބިނާކުރެވުނެވެ. މިގޮތުން ޤުރައިޝުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަމާއިގެން ފޮނުއްވުމުގެކުރިން ގެފުޅު ބިނާކުރި ފަހަރު ފާހަގަކޮށްލަން ޖެހެއެވެ.

އެފަހަރު ގެފުޅު ބިނާކުރުމަށްޓަކައި ޤުރައިޝުން އެމީހުންގެ އެންމެ ޙަލާލު މުދާ އެއްކޮށް، އެމަސައްކަތް ކުރަމުންގެންދިޔައެވެ. ނަމަވެސް މަސައްކަތް މުޅިން ނުނިމެނީސް އެކަމަށްޓަކައި އެއްކުރި މުދަލާއި ފައިސާ ހުސްވެއްޖެއެވެ. ދެން ބާކީހުރިބައި ބައިބުރެއްގެ ބައްޓަމަށް ފާރެއްގެ ގޮތަށް ރޭނިއެވެ. އަދި އެތަނަށް ޙިޖުރުއޭ ކިޔުނެވެ.

އެފާރުކޮޅާއި ބެހޭގޮތުން ޢާއިޝަތުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ސުވާލުކުރެއްވިއެވެ.

”އެފާރުކޮޅު ވަނީ ގެފުޅުގެ ތެރެއިން ހެއްޔެވެ؟”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުގައި ހަދީޘްކުރެއްވިއެވެ. ”ކަމަނާގެ ޤައުމުގެ މީހުން އެމަސައްކަތްކުރުމަށް އެއްކުރި ފައިސާ ހުސްވިވާހަކަ އެނގިނުލައްވާތޯއެވެ؟” ދެން އާޢިޝަތުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ސުވާލުކުރެއްވިއެވެ.

”ގެފުޅުގެ ދޮރުކޮޅު ހަމަބިމަށްވުރެ މަތީގައި އެހުންނަނީ ކީއްވެހެއްޔެވެ؟”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުގައި ހަދީޘްކުރެއްވިއެވެ.

“އެއީ ޤުރައިޝުން އެބައިމީހުން ބޭނުންވާ ބަޔަކަށް ގެފުޅަށް ވަނުމަށް ފުރުޞަތުދިނުމަށާއި، ބޭނުންނޫން ބަޔަކު އެކަމުން މަނާކުރުމަށްޓަކައެވެ.

ކަމަނާގެ ޤައުމުގެމީހުން (އެބަހީ އިސްލާމްވީ މީސްތަކުން) ޖާހިލިއްޔަ ޒަމާނާއި ކައިރިކަމުން އެކަން މިދަނޑިވަޅުގައި ކޮށްފިނަމަ އެމީސްތަކުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިދާނެ ކަމަށް ތިމަންކަލޭގެފާނު ބިރުނުގަންނަވާނަމަ، އެފާރުކޮޅު ގެފުޅާއި އެއްކުރައްވާ އަދި ގެފުޅުގެ ދޮރުކޮޅު ހަމަބިމުގައި ޖެހޭވަރަށް ތިރިކުރައްވައިފީމުހެވެ.”

އެހެން ރިވާޔަތެއްގައިވެއެވެ.

”އޭ ޢާއިޝަތުގެފާނެވެ. ކަމަނާގެ ޤައުމުގެމީހުން (އެބަހީ އިސްލާމްވީ މީސްތަކުން) ޖާހިލިއްޔަ ޒަމާނާއި ކައިރިކަމުން އެކަން މިދަނޑިވަޅުގައި ކޮށްފިނަމަ އެމީސްތަކުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިދާނެ ކަމަށް ތިމަންކަލޭގެފާނު ބިރުނުގަންނަވާނަމަ، ގެފުޅުތަޅާލުމަށްފަހު މިހާރު ގެފުޅާއި ވަކިން ހުރިބައި ގެފުޅާއި އެއްކޮށް އެއްބިނާއެއްގެ ގޮތަށް ރާނާ، ބިންގަނޑާއި އެއްހަމައަށް ގެފުޅުގެ ބިނާ ތިރިކޮށް، އަދި ގެފުޅުގައި ދެ ދޮރުކޮޅުލާ، (އެއީ ހުޅަނގު ފަރާތަށް އެއް ދޮރު، އަދި އިރުމަތި ފަރާތަށް އެއް ދޮރު) ލައްވާހުށިމެވެ. އޭރުން ގެފުޅުހުންނާނީ އިބްރާހިމްގެފާނު ގެފުޅުބިނާކުރި އަސާސާއި އެއްވަރުވެފައެވެ.”

ޙިޖުރުގެ ތެރޭގައި ފަރުޟުނަމާދެއްކޮށްފިމީހާ އެނަމާދު އަލުން އިޢާދަކުރަންޖެހެނީ މިސަބަބަށްޓަކައެވެ.

ގެފުޅަކީ އެންމެހައި މީސްތަކުންގެ ޤިބުލައެވެ. އެޤިބުލައަށް ކުރިމަތިނުލާ، ކުރާ ނަމާދު ޞައްޙަނުވަނީ މިހެންވެއެވެ.

ގެފުޅު ފެންނަ ހިސާބުގައިވާ މީހާ ނަމާދުކުރާނީ ސީދާ ގެފުޅަށް ކުރިމަތިލައިގެން ހުރެއެވެ. އެއަށްވުރެ ދުރުގައިވާމީހާ ނަމާދުކުރާނީ ގެފުޅުވީ ފަރާތަށެވެ.

https://islamqa.info/en/answers/142783/praying-in-hijr-ismaaeel

1
  1. ޢުމަރު

    “ޙިޖުރުގެ ތެރޭގައި ފަރުޟުނަމާދެއްކޮށްފިމީހާ އެނަމާދު އަލުން އިޢާދަކުރަންޖެހެނީ މިސަބަބަށްޓަކައެވެ.” ސަބަބު އަދި މުޅިން އޮޅުން ނުފިލާ

    • އައްޝައިޚް މުޙައްމަދު މަޢޫން

      وقد ثبت عنه – صلى الله عليه وسلم – أنه قال لعائشة – رضي الله عنها – لما أرادت دخول الكعبة : صلي في الحجر فإنه من البيت .
      أما الفريضة فالأحوط عدم أدائها في الكعبة أو في الحجر ، لأن النبي – صلى الله عليه وسلم – لم يفعل ذلك ، ولأن بعض أهل العلم قالوا : إنها لا تصح في الكعبة ولا في الحجر ؛ لأنه من البيت.
      With regard to obligatory prayers, it is better not to offer them inside the Ka‘bah or in Hijr Ismaa‘eel, because the Prophet (blessings and peace of Allah be upon him) did not do that, and because some of the scholars said that it (obligatory prayer) is not valid inside the Ka‘bah or in al-Hijr, because al-Hijr is part of the Ka‘bah.
      https://islamqa.info/en/answers/142783/praying-in-hijr-ismaaeel