د سعد سعود الكريباني އެބޭފުޅާގެ ފޮތް قصص أعجبت طلابي ފަށަމުން ވިދާޅުވެފައިވެއެވެ.
ސާނަވީ މަރުޙަލާގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި އަހަރެން 18 އަހަރު ހޭދަކުރީމެވެ. ސާނަވީ މަރުޙަލާއަށް ކިޔަވައިދިނުމުގެ ބާބު ނިންމާލީ ފޮހެނުލެވޭނެ އެތައް ހަނދާނަކާއި އެކުގައެވެ. އެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ކުލާސްރޫމުގެ ތެރެއިން ދިމާވި ކަންތައްތަކުގެ ހަނދާންތަކެވެ. އަހަރީ ދަތުރުތަކުގައި އެ ކުދިންނާއިއެކު ހޮޓެލްތަކުގައި ކުރެވުނު ތަޖްރިބާތަކުގެ ފޮނި ހަނދާންތަކެވެ. ޢިބްރަތްތެރި، ފައިދާހުރި ވާހަކަތައް އެކުދިންނަށް ކިޔައިދިން ހަނދާން ވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އާދަޔާޚިލާފު އުފާވެރިކަމެއް ލިބެއެވެ. މި ވާހަކަތައް އަހަރެން އެ ކުދިންނަށް ކިޔައިދިނީ އެ ވާހަކަތަކުގެ އަލީގައި ރިވެތި އަޚްލާޤާއި އިޖްތިމާޢީ އަގުތައް (ސޯޝަލް ވެލިޔުޒް) ހަރުލެއްވުމަށްޓަކައެވެ. އެ ދަރިވަރުންތައް މިހާރު ޢުމުރުން ތިރީސް ފަހަނައަޅާ ގޮސްފިއެވެ. އޭގެތެރެއިން ގިނަ ދަރިވަރުންނަކީ މިހާރު ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާ ޒުވާނުންނެވެ. މިއަދުވެސް އެ ކުދިންގެ ހިތުގައި އަހަރެން އޭރު ކިޔައިދިން ވާހަކަތައް ހަނދާން އެބަ ހުއްޓެވެ. މަގުމަތިން ދިމާވެގެން ސަލާންގަލާންކޮށްފައި އެއްކަލަ ދަތުރުގައި މުދައްރިސް މިވެނި ވާހަކަ ކިޔައިދެއްވީމުނޫންހެއްޔޭ މިހާރުވެސް ދަރިވަރުން ބުނެއުޅެއެވެ. ފާހަގަ ކުރެވޭ ކަމަކީ މި ގޮތަށް އަހަރެން ހުއްޓުވާ ފަހަރުތަކުގައި އެކުދިން އަހަރެން ފިލާވަޅުތައް ޝަރަހަކުރިގޮތުން ފިލާވަޅު ފަސޭހަވެ ޝައުގުވެރިވެގެންދިޔަ ވާހަކަ ދެއްކުމުގެ ބަދަލުގައި އޭރު ކިޔައިދިން ވާހަކަތައް މަތިން ހަނދާންކޮށްދޭކަމެވެ.