ނަޞޭޙަތާއި އިރުޝާދު
ދަރަންޏެއް ނެގުމުގެ ކުރިން ވިސްނާލަން ޖެހޭ7 ކަމެއް

1

ދަރަންޏާއި ގުޅޭ ގޮތުން އައިސްފައިވާ ނަބަވީ އިރުޝާދުތަކަށް ވިސްނާލުމުން ވީހާވެސް ބޮޑަށް ދަރަނި ނެގުމުން ރައްކާތެރިވުމަށް އިސްލާމްދީން ބާރުއަޅާކަން އެނގެއެވެ. ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ދަރަނި ނެގުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ.

2

ދަރަންޏެއް ނުދައްކާ ވަނިކޮށް މީހަކު މަރުވުމުން އެ މަރުވި މީހާގެ އަޚާއަށް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ”إن أخاك محتبس بدينه. فاقض عنه“(رواه ابن ماجه و صححه الألباني)  ”ހަމަކަށަވަރުން ތިބާގެ އަޚާ އެވަނީ އޭނާގެ ދަރަނީގެ ސަބަބުން ބަންދުކުރެވިފައެވެ. އެ އަޚާގެ ދަރަނި އަދާކޮށްދޭށެވެ.“

3

 

ދެ ދީނާރުގެ ދަރަންޏެއް އޮތް މީހެއްގެ ދަރަނި އަދާކުރެއްވުމަށް އަބޫ ޤަޠާދާ رضي الله عنه ހަވާލުވެވަޑައިގެންފުމަށް ދާންދެން އޭނާގެ މައްޗަށް ކަށުނަމާދުކުރެއްވުމަށް ނަބިއްޔާ ﷺ  ދެކޮޅު ހެއްދެވިއެވެ.

ދެން އެއަށްފަހު އަބޫ ޤަޠާދާ رضي الله عنه އެ ދަރަނި އަދާކުރެއްވުމުން ޙަދީޘްކުރެއްވިއެވެ. الآن بردت عليه جلده މާނައީ: ”މިހާރު އޭނާގެ ހަންގަނޑަށް ފިނިކަން ލިބިއްޖެއެވެ.“ مسند أحمد حسنه النووي ދަރަނި ނުދެއްކި އޮއްވާ މަރާއި ބައްދަލުކުރާންޖެހުމުގެ ޚުޠޫރަތްތެރިކަން އިސްވެދިޔަ ޙަދީޘްތަކުން އެނގެއެވެ.

4

މާތްﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވާމީހުންނާއި ބެހޭގޮތުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

يغفر الله للشهيد كل ذنب إلا الدين

”ޝަހީދުންގެ ހުރިހާ ފާފައެއް މާތްﷲ ފުއްސަވައިދެއްވައެވެ. ދަރަނި ފިޔަވައެވެ.“ رواه مسلم

5

ދަރަނި ނަގާމީހުންގެ ތެރެއިން ގިނަ މީހުންނަށް ފިކުރު ބޮޑުވުމާއި ކުރިމަތިލާންޖެހެއެވެ. އަމީރުލް މުއުމިނީން ޢުމަރު رضي الله عنه ވިދާޅުވިއެވެ.“إياكم و الدين فإن أوله هم و آخره حرب”(رواه مالك في الموطأ)  ”ތިޔަބައިމީހުން ދަރަންޏަށް ރައްކާތެރިވާށެވެ. އޭގެ ފުރަތަމަކޮޅުގައި އޮތީ ކަންބޮޑުވުމެވެ. އަދި ފަހުކޮޅުގައި އޮތީ ހަނގުރާމައެވެ.“ ދަރަނީގެ ފަހުކޮޅުގައި ހަނގުރާމަ ވާކަމުގައި ޢުމަރުގެފާނު ވިދާޅުވެފައިވަނީ ދަރަނި އަދާކުރުމުގައި ފަރުވާކުޑަކުރެވޭ ޙާލަތްތަކުގައި ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުންގެ ގުޅުން ކެނޑޭތީ އެވެ.

6

ދަރަނި އަދާކުރެވޭވަރަށް ދަރަނިދޭމީހާގެ އަތުގައި މުދާ ހުރިނަމަ ދަރަނި ނުދައްކާ ލަސްކުރުން ހުއްދަވެގެންނުވެއެވެ. އެފަދައިން ލަސްކުރުމަކީ ދަރަނި ދިން ފަރާތަށް ކުރެވޭ އުނދަގުލެކެވެ.

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: «مَطْلُ الغني ظلم ..».

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

މާނައީ: ”މުއްސަންޖަކަށް އަދާކުރަންޖެހޭ ފައިސާއެއްވިޔަސް އެ އަދާނުކޮށް ޤަސްދުގައި ފަސްކުރުމަކީ އަނިޔާއެކެވެ.“

7

ދަރަނިތަކުގައި ނަފުސު ބަނދެވި ދަރަނި އަދާކުރުމުގެ ބުރަކަމާއިއެކު މާޔޫސްވެފައިވާ ބޭފުޅުންނަށް ޢަލީގެފާނަށް ނަބިއްޔާ ﷺ ދަސްކޮށްދެއްވި ދުޢާއިން ވަރަށް ބޮޑު ތަސައްލީއެއް ލިބެއެވެ. އަމީރުލް މުއުމިނީން ޢަލީ  رضي الله عنه ވިދާޅުވިއެވެ. އަހަރެންނަށް ނަބިއްޔާ ﷺ އުނގަންނަވައިދެއްވި ކަލިމަތަކެއް ކިޔައިދެންހެއްޔެވެ؟ މި ކަލިމަތައް ބޭނުންކޮށްގެން ދުޢާކުރުމުން ޖަބަލު ޞީރަށްވުރެވެސް ބޮޑު ދަރަންޏެއް ތިބާގެ އޮތަސް ﷲ ތަޢާލާ އެ އަދާކޮށްދެއްވާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކިޔާށެވެ.اللهم اكفني بحلالك عن حرامك و أغنني بفضلك عمن سواك  އޭ ﷲ. އިނބަ އިލާހު ގެ ޙަލާލު ތަކެތީގެ ޛަރީޢާއިން އިނބަ އިލާހު ޙަރާމްކުރައްވާފައިވާ ތަކެތިން ދުރުވުމަށް މި އަޅާއަށް ފުދުންތެރިކަން ދެއްވާފާނދޭވެ. އަދި އިނބަ އިލާހުގެ ފަޟްލުވަންތަވެރިކަމުގެ ޛަރީޢާއިން އިނބަ އިލާހު ފިޔަވައި އެހެން ފަރާތަކަށް ބޭނުން ނުޖެހޭނެހެން މިއަޅާއަށް މުއްސަނދިކަން ދެއްވާފާނދޭވެ.

صحيح الجامع

މި ދުޢާކިޔައިފިނަމަ ދަރަނިތައް ފުއްދުން ފަސޭހަކޮށްދެއްވާނެއެވެ.

45