ނަޞޭޙަތާއި އިރުޝާދު
އަޢުރާފުގެ އަހުލުވެރިން

ޤިޔާމަތް ދުވަހު މީސްތަކުން ބެހިގެންވާހުށީ ތިންބަޔަކަށެވެ.

1- އެބައެއްގެ ހެޔޮކަންތައްތައް ނުބައިކަންތައްތަށްވުރެ ގިނަވި މީހުން. (މިބައިމީހުންގެ ފަހު މަންޒިލަކީ ޖަންނަތެވެ.)

2- އެބައެއްގެ ނުބައިކަންތައްތައް ހެޔޮކަންތައްތަކަށްވުރެ ގިނަވި މީހުން. (މިބައިމީހުންގެ ފަހު މަންޒިލަކީ ނަރަކައެވެ.)

3- އެބައެއްގެ ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ހަމަހަމަވި މީހުން. (މިބައިމީހުންގެ ފަހު މަންޒިލަކީ ޖަންނަތެވެ.)

ތިންވަނައަށް މި ބަޔާންކުޅަ މީހުން، އެބައެއްގެ ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ހަމަހަމަވި މީހުން ތިބޭ ހުށީ ޖަންނަތާއި ނަރަކައާއި ދެމެދުގައެވެ. އެތާނގައި އަޢުރާފު ނަމަކަށް ކިޔޭ ތަނެއް ވެއެވެ. އަޢުރާފަކީ ސުވަރުގެ އާއި ނަރަކައާ ދެމެދުގައިވާ އުސް ތަނެކެވެ. އަޞްޙާބުލް އަޢުރާފު ނުވަތަ އަޢުރާފުގެ އަހުލުވެރިންނޭ ކިޔެނީ މިބައިމީހުންނަށެވެ.

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.

وَبَيْنَهُمَا حِجَابٌ وَعَلَى الأَعْرَافِ رِجَالٌ يَعْرِفُونَ كُلاًّ بِسِيمَاهُمْ وَنَادَوْاْ أَصْحَابَ الْجَنَّةِ أَن سَلاَمٌ عَلَيْكُمْ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ * وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَاء أَصْحَابِ النَّارِ قَالُواْ رَبَّنَا لاَ تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ * وَنَادَى أَصْحَابُ الأَعْرَافِ رِجَالاً يَعْرِفُونَهُمْ بِسِيمَاهُمْ قَالُواْ مَا أَغْنَى عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ * أَهَؤُلاء الَّذِينَ أَقْسَمْتُمْ لاَ يَنَالُهُمُ اللَّهُ بِرَحْمَةٍ ادْخُلُواْ الْجَنَّةَ لاَ خَوْفٌ عَلَيْكُمْ وَلاَ أَنتُمْ تَحْزَنُونَ ) الأعراف/ 46 – 49 .

މާނައީ: “އެ ދެބައިމީހުންގެ ދެމެދުގައި، ފަރުދާއެއްވެއެވެ. އަޢުރާފު މަތީގައި މީހުންތަކެއް ވެއެވެ. އެއުރެންނަށް އެ ދެބައިމީހުންގެ ޢަލާމާތް ތަކުން، އެ ދެބައިމީހުން އެނގެއެވެ. އަދި އެއުރެން ސުވަރުގޭގެ އަހުލުވެރިންނަށް ގޮވައިލާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. އެއުރެން ތިބޭނީ ސުވަރުގެއަށް ނުވަދެވި، އެކަމުގެ ދަހިވެތިކަމުގައެވެ.* އަދި އެއުރެންގެ ލޯތައް ނަރަކައިގެ އަހުލުވެރިންނާ ދިމާއަށް އަނބުރައިލާހިނދު، އެއުރެން ބުނާނެތެވެ. އަޅަމެންގެ ރައްބެވެ. އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ* އަދި އަޢުރާފުގެ އަހުލުވެރިން، އެބަޔެއްގެ ޢަލާމާތުން އެއުރެން ދަންނަ މީހުންތަކަކަށް ގޮވައި ބުނާނެތެވެ. ތިޔަބައިމީހުންގެ ބައިގިނަކަމާއި، ތިޔަބައިމީހުން ކިބުރުވެރިވެ އުޅުނުކަން (ނަރަކައިގެ ޢަޛާބުން) ތިޔަބައިމީހުން މިންޖެއް ނުކުރިތާއެވެ* އެއުރެންނަށް ﷲ ރަޙްމަތެއް ނުލައްވާނޭކަމަށް ތިޔަބައިމީހުން ހުވާކުޅަ މީހުންނަކީ މިތިބީހެއްޔެވެ (އެއުރެންނަށް އަންގަވާނެތެވެ.) ސުވަރުގެއަށް ތިޔަބައިމީހުން ވަންނާށެވެ. ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.”

 

އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވިއެވެ.

“ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު وَبَيْنَهُمَا حِجَابٌ (މާނަ: އެ ދެބައިމީހުންގެ ދެމެދުގައި، ފަރުދާއެއްވެއެވެ.) ގެ މުރާދަކީ ސުވަރުގޭގެ އަހުލުވެރިންނާއި ނަރަކައިގެ އަހުލުވެރިންނާ ދެމެދު ފަރުދާއެއް ވުމެވެ. އެއީ އެދެބައިމީހުންގެ ދެމެދުގައި ލެއްވޭ ފާރެއްކަމުގައިވެސް ބުނެވެއެވެ. އޭގެ އެތެރެފުށުގައި ވަނީ ރަޙްމަތެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ ޢަޛާބެވެ. އެތެރެފުށަކީ މުއުމިނުންނާ ދިމާލަށް ވީ ފުށެވެ. ރަޙްމަތްވަނީ އެތާގައެވެ. އަދި ބޭރުފުށަކީ ކާފިރުންނާ ދިމާލަށްވީ ފުށެވެ. އެފުށުގައިވަނީ ޢަޛާބެވެ.

އަލްއަޢްރާފް އަކީ ޢަރަފްގެ ޖަމްޢު(ގިނަ ގޮތެވެ) އޭގެ މާނައަކީ އުސް ތަނެވެ. އެއީ ސުވަރުއާއި ނަރަކައާއި ދެމެދުގައިވާ އުސް ފާރެކެވެ. އަޢުރާފުގެ އަހުލުވެރިން ތިބޭނީ އެތާނގައެވެ.

ޚުޛައިފާ ރަޟިޔަﷲ ޢަންހު އަދި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. އެއީ (އެބަހީ އަޢުރާފުގެ އަހުލުވެރިންނަކީ) އެއީ އެބައެއްގެ ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ހަމަހަމަވި މީހުންނެވެ. މިބައި މީހުން މިތަނުގައި މާތްﷲ މިންވަރު ކުރައްވާ މުއްދަތަކަށް ތިބޭނެ އެވެ. އޭގެ ފަހުގައި އެމީހުން ﷲ ގެ ރަޙްމަތުގެ ސަބަބުން ސުވަރުގެއަށް ވަންނާނެ އެވެ.”

 

މަރްޖިޢުތައް

https://islamqa.info/ar/answers/150768

3