ނަޞޭޙަތާއި އިރުޝާދު
ނަބަވީ އިރުޝާދުގެ އަލީގައި ދަރަނި

ދަރަންޏާއި ގުޅޭ ގޮތުން އައިސްފައިވާ ނަބަވީ އިރުޝާދުތަކަށް ވިސްނާލުމުން ވީހާވެސް ބޮޑަށް ދަރަނި ނެގުމުން ރައްކާތެރިވުމަށް އިސްލާމްދީން ބާރުއަޅާކަން އެނގެއެވެ. ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ދަރަނި ނެގުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. 

ދަރަންޏެއް ނުދައްކާ ވަނިކޮށް މީހަކު މަރުވުމުން އެ މަރުވި މީހާގެ އަޚާއަށް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ”إن أخاك محتبس بدينه. فاقض عنه“(رواه ابن ماجه و صححه الألباني) މާނައީ:  ”ހަމަކަށަވަރުން ތިބާގެ އަޚާ އެވަނީ އޭނާގެ ދަރަނީގެ ސަބަބުން ބަންދުކުރެވިފައެވެ. އެ އަޚާގެ ދަރަނި އަދާކޮށްދޭށެވެ.“ އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. ”يغفر الله للشهيد كل ذنب إلا الدين“ (رواه مسلم) މާނައީ: ”ޝަހީދުންގެ ހުރިހާ ފާފައެއް މާތްﷲ ފުއްސަވައިދެއްވައެވެ. ދަރަނި ފިޔަވައެވެ.“

ދެ ދީނާރުގެ ދަރަންޏެއް އޮތް މީހެއްގެ ދަރަނި އަދާކުރެއްވުމަށް އަބޫ ޤަޠާދާ رضي الله عنه ހަވާލުވެވަޑައިގެންފުމަށް ދާންދެން އޭނާގެ މައްޗަށް ކަށުނަމާދުކުރެއްވުމަށް ނަބިއްޔާ ﷺ  ދެކޮޅު ހެއްދެވިއެވެ. ދެން އެއަށްފަހު އަބޫ ޤަޠާދާ رضي الله عنه އެ ދަރަނި އަދާކުރެއްވުމުން ޙަދީޘްކުރެއްވިއެވެ. الآن بردت عليه جلده މާނައީ: ”މިހާރު އޭނާގެ ހަންގަނޑަށް ފިނިކަން ލިބިއްޖެއެވެ.“ (مسند أحمد)ދަރަނި ނުދެއްކި އޮއްވާ މަރާއި ބައްދަލުކުރާންޖެހުމުގެ ޚުޠޫރަތްތެރިކަން އިސްވެދިޔަ ޙަދީޘްތަކުން އެނގެއެވެ.

ދަރަނި ނަގާމީހުންގެ ތެރެއިން ގިނަ މީހުންނަށް ފިކުރު ބޮޑުވުމާއި ކުރިމަތިލާންޖެހެއެވެ. އަމީރުލް މުއުމިނީން ޢުމަރު رضي الله عنه ވިދާޅުވިއެވެ. ”إياكم و الدين فإن أوله هم و آخره حرب“(رواه مالك في الموطأ) ”ތިޔަބައިމީހުން ދަރަންޏަށް ރައްކާތެރިވާށެވެ. އޭގެ ފުރަތަމަކޮޅުގައި އޮތީ ކަންބޮޑުވުމެވެ. އަދި ފަހުކޮޅުގައި އޮތީ ހަނގުރާމައެވެ.“  ދަރަނީގެ ފަހުކޮޅުގައި ހަނގުރާމަ ވާކަމުގައި ޢުމަރުގެފާނު ވިދާޅުވެފައިވަނީ ދަރަނި އަދާކުރުމުގައި ފަރުވާކުޑަކުރެވޭ ޙާލަތްތަކުގައި ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުންގެ ގުޅުން ކެނޑޭތީ އެވެ.

ޢަލީގެފާނު ވިދާޅުވިއެވެ. ”އަހަރެންނަށް ނަބިއްޔާ ﷺ އުނގަންނަވައިދެއްވި ކަލިމަތަކެއް އުނގަންނައިދެންހެއްޔެވެ؟ މި ކަލިމަތައް ބޭނުންކޮށްގެން ދުޢާކުރުމުން ޖަބަލު ޞީރަށްވުރެވެސް ބޮޑު ދަރަންޏެއް ތިބާގެ އޮތަސް ﷲ ތަޢާލާ އެ އަދާކޮށްދެއްވާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކިޔާށެވެ.اللهم اكفني بحلالك عن حرامك و أغنني بفضلك عمن سواك މާނައީ: އޭ ﷲ. އިނބަ އިލާހު ގެ ޙަލާލު ތަކެތީގެ ޛަރީޢާއިން އިނބަ އިލާހު ޙަރާމްކުރައްވާފައިވާ ތަކެތިން ދުރުވުމަށް މި އަޅާއަށް ފުދުންތެރިކަން ދެއްވާފާނދޭވެ. އަދި އިނބަ އިލާހުގެ ފަޟްލުވަންތަވެރިކަމުގެ ޛަރީޢާއިން އިނބަ އިލާހު ފިޔަވައި އެހެން ފަރާތަކަށް ބޭނުން ނުޖެހޭނެހެން މިއަޅާއަށް މުއްސަނދިކަން ދެއްވާފާނދޭވެ.“ (صحيح الجامع)

މި ދުޢާކިޔައިފިނަމަ ދަރަނިތައް ފުއްދުން ފަސޭހަކޮށްދެއްވާނެއެވެ.

2