ޚަބަރު
ރަޙްމަތްތެރީން އެނގޭނީ ކަމެއް ދިމާވުމުން، ދަތިކަމެއް ކުރިމަތިވުމުން ގާތުގައި ތިބޭ ގިނަ ބަޔަކު ދޫކޮށް ދާނެ

ރަޙްމަތްތެރީން އެނގޭނީ ކަމެއް ދިމާވުމުން، ދަތިކަމެއް ކުރިމަތިވުމުން، އޭނާގެ ގާތުގައި އެކުވެރީންކަމުގައި ހެދިގެން އުޅުނު ގިނަ ބަޔަކު، އޭނާ ދޫކޮށްދާތަން ފެންނަކަމުގައި މިއަދުގެ ހުކުރުޚުތުބާ ގައި ވިދާޅުވެއްޖެއެވެ.

ހަރުބަހެއްގައި ވާ ގޮތުގައި ރަޙްމަތްތެރީން އެނގޭނީ މުޞީބާތުގެ ވަގުތުގައެވެ. މީހަކާ މުޞީބާތެއް ނުވަތަ ކާރިޘާއެއް ނުވަތަ ދަތިކަމެއް ކުރިމަތިވުމުން، އޭނާގެ ގާތުގައި އެކުވެރީންކަމުގައި ހެދިގެން އުޅުނު ގިނަ ބަޔަކު، އޭނާ ދޫކޮށް ދުރަށް ދާތަން ފެނެއެވެ. ﷲގެ ނަބިއްޔާ، ސަލާމް ލެއްވި އައްޔޫބުގެފާނު އާލާސްކަންފުޅެއް ކުރިމަތިވެ، އެކަލޭގެފާނުގެ ބޭފުޅުން އަވަހާރަވެ، މުއްސަދިކަމާއި، ތަނަވެސްކަން ގެއްލި ދިޔަ ވަގުތު، އެކަލޭގެފާނަށް ޒިޔާރަތްކުރަމުން ދިޔަ މީހުންނާއި، އެކަލޭގެފާނުގެ މަޖިލީހަށް ޙާޒިރުވަމުން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު، އެކަލޭގެފާނު ދޫކޮށް ދުރަށް ދިޔައެވެ. އެކަލޭގެފާނުގެ އަރިހުގައި ތިބީ އިޚްލާސްތެރި މަދު ރަޙްމަތްތެރީން ކޮޅެކެވެ. އިބްނު ޙިއްބާން ރިވާކުރައްވާފައިވާ ގޮތުގައި، އައްޔޫބުގެފާނު މި އާލާސްކަންފުޅުގައި، އަށާރަ އަހަރު ހޭދަކުރެއްވިއެވެ. އެކަލޭގެފާނު ދޫކޮށްނުލައި އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރަމުން ދިޔައީ ހަމަ އެންމެ ދެ މީހެކެވެ.

ރަޙްމަތްތެރީންނަކީ ޖަމާއަތެއްގެ ކުރިއެރުމާއި ފަހަތަށް ޖެހުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ ބަޔަކެވެ. ހިތްހަމަޖެހުމާއި ނުތަނަވަސްކަން ގެނެސް ދިނުމުގައި، މީހުންގެ ޙަޔާތާއި، ވިސްނުމާއި، ފިކުރަށް ވެސް، ރަޙްމަތްތެރީންގެ އަސަރު ވަރަށް ބޮޑަށް ކުރައެވެ.

ރަޙްމަތްތެރިކަމުގެ ގުޅުމަކީ ވަރަށް ވަރުގަދަ، ވަރަށް ނުފޫޒުގަދަ ގުޅުމެކެވެ. އެހެންކަމުން ރަޙްމަތްތެރީން އިޚްތިޔާރު ކުރާއިރު، ޚުލްޤު ހެޔޮ ރަނގަޅު މީހުން ނޫނީ އިޚްތިޔާރުކޮށްގެން ނުވާނެއެވެ. މިޒާޖުގައި ރަޙުމަތްތެރިންނާއި، އެކުވެރިން ކޮޕީކުރާގޮތް ހުރެއެވެ. އެކަކުގެ ނުބައި އަޚްލާޤުން އަނެކާއަށް ނުބައި އަސަރު ފޯރުވައެވެ. އަހިވަކާއިޖެހި، އަހިވައް ފާވާ ގޮތަށެވެ. ހެޔޮ ކަންތައްތަކުގެ އަސަރަށްވުރެ ނުބައި ކަންތައްތަކުގެ އަސަރު ޢާއްމު ގޮތެއްގައި މާ ވަރުގަދައެވެ. ވަރަށް ގިނަ ފަހަރަށް ސިނގިރެޓް ބުއިން ފަދަ. ނުބައި ޢަމަލުތައް ދަސްވަނީ ތިމާގެ ރަޙްމަތްތެރިޔާގެ ކިބައިންނެވެ. މަސްތުވާތަކެތީގެ ދަލުގައި ޖެހެނީ، ރަޙްމަތްތެރީންގެ ސަބަބުންނެވެ. އިސްލާމްދީން މަނާކުރާ، ފާޙިޝް ޢަމަލުތަކުގެ އަވައިގާ ޖެހެނީ ރަޙްމަތްތެރީންގެ ސަބަބުންނެވެ.

 

5