ތިމާގެ އަހާގެ ސިއްރުތަކާއި އުނި ސިފަތައް ހާމަކޮށްފި މީހާ، މާތް ﷲ ފަޟީހަތް ކުރައްވާނެކަމށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
އަހުލާގަކީ އިސްލާމް ދީން އެކަމަށް އިސްކަން ދީފައިވާ އަސާސުތަކުގެ ތެރެއިން މަތިވެރި އަސާސެއް ކަމަށާއި ރިވެތި އަހުލާގުގެ ސިޑިން ލާފައި އިންސާނާއަށް ވާސިލުވެވޭ މަންޒިލު ވަރަށް އުސް ކަމަށެވެ.
އަދި އިންސާނަކު ކުރާ އަމަލުތަކުން އޭނާއަށް ވާސިލު ނުވެވޭ ފަދަ މަގާމުތަކަށް, އޭނާގެ ރިވެތި އަހުލާގުގެ ސަބަބުން ވާސިލު ވެވޭކަން ކީރިތި ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ކަމަށް ބުންޏެވެ.
ރިވެތި ސިފަތަކާއި މާތް އަހުލާގުގެ ތެރޭގައި އެހެން މީހުންގެ އައިބުތަކާއި އުނި ސިފަތައް ފޮރުވައި ވަންހަނާކުރުންވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, މާތް الله އަކީ އެކަލާނގެ އަޅުތަކުންނަށް ކުރެވޭ ނުބައި އަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެ ކަމަށެވެ.
އެހެންވެ އިސްލާމް ދީން މުސްލިމުންނަށް އެމީހުންގެ އައުރަ ނިވާކުރުމަށާއި އެހެން މީހުންގެ ސިއްރުތައް ރައްކާތެރިކޮށް ސިއްރުކޮށްދިނުމަށް ގޮވާލާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ އަހަރަމެންނަށް ކުރެވޭ ކުށްފާފަތައް ވަންހަނާ ކުރުމަށް ކީރިތި ރަސޫލާ އަމުރު ކުރައްވާފައިވާ ކަމަށާއި ތިމާ އެފަދަ ކަންކަން އާންމުކޮށް, ފާޅު ނުކުރާހައި ހިނދަކު މާތް الله އިންސާނާގެ އެފަދަ އަމަލުތައް ބޭޒާރު ނުކުރައްވައި ވަންހަނާކޮށް ދެއްވާނެ ކަމަށެވެ.