ޚަބަރު
ޙައްދު ކަނޑައެޅިފައިވާ ފާފަތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ސާބިތުވެއްޖެނަމަ، ޝަރްޢީ ގޮތުން ކަނޑައެޅިފައިވާ ޙައްޤު އަދަބު ދޭންޖެހޭނެ: ހުކުރުޚުތުބާ

ޙައްދު ކަނޑައެޅިފައިވާ ފާފަތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ސާބިތުވެއްޖެނަމަ، ޝަރްޢީ ގޮތުން ކަނޑައެޅިފައިވާ ޙައްޤު އަދަބު ދޭންޖެހޭނެކަމަށް މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

އެކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ މީހަކަށް މުންކަރާތަކަށް އަރައިގަނެވިއްޖެނަމަ، އޮތީ އޭނާއަށް ނަސޭޙަތް ދިނުމެވެ. އޭނާގެ އަތުގައި ހިފައި، ފާފަތަކުން އެއްކިބާވެ ހެޔޮމަގަށް ރުޖޫޢަވުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ. ނަމަވެސް، ފާޅުކަން ބޮޑު ގޮތެއްގައި ވަކިން ޚާއްސަކޮށް ޙައްދު ކަނޑައެޅިފައިވާ ފާފަތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށައެޅި ކުށް ސާބިތުވެއްޖެނަމަ، ޝަރްޢީ ގޮތުން ކަނޑައެޅިފައިވާ ޙައްޤު އަދަބު ދޭންޖެހޭނެއެވެ. އެއީ ވަލިއްޔުލް އަމްރުގެ ޒިއްމާއެކެވެ.

ފާފަތައް ފޮރުވައި ވަންހަނާ ކުރުމުގެ މާނައަކީ މުންކަރާތްތަކާ ދެކޮޅު ހެދުން ދޫކޮށްލުމެއް ވެސް ނޫންކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ: ފާފަތައް ފޮރުވައި ވަންހަނާ ކުރަންޖެހެނީ އޭގެ ސަބަބުން މީސްތަކުންގެ ސިއްރުތައް ހާމަވެ ފަޟީޙަތްވެގެން ދާނެތީއެވެ. އިޚްލާސްތެރިކަމާއެކު ތައުބާވުމުން އެކަންކަން މާތްﷲގެ އިރާދަފުޅުން، ހެޔޮ ކަންކަމަށް ބަދަލުކުރައްވާނެތީއެވެ. ފާފަތައް ފޮރުވައި ވަންހަނާ ކުރުމުގެ މާނައަކީ އެއްވެސް ޙާލެއްގައި ފާޙިޝް ކަންތަކާއި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރު ދިނުމެއް ނޫނެވެ. މުންކަރާތްތަކާ ދެކޮޅު ހެދުން ދޫކޮށްލުމެއް ވެސް ނޫނެވެ. އެކުށަކަށް ކަނޑައެޅިފައިވާ އަދަބު ނުދިނުމެއް ވެސް ނޫނެވެ. އަދި އެއީ މުންކަރާތް ހުއްޓުވޭ ފަދަ ފަރާތެއް މެދުވެރިކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ނުކޮށް ދޫކޮށްލުމެއް ވެސް ނުމެނޫންމެއެވެ. ފާފަތަކަށް އަރައިގަނެވޭ މީހާ ފަޟީޙަތް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ.

 

 

0