ޚަބަރު
އައްލައުޙުލް މަޙްފޫޘުގައި ލިޔުއްވާފައިވާ ގޮތަށް އެއްވެސް ލަސްވުމެއް، އަވަސްވުމެއް ނެތި، އެމީހެއްގެ އަޖަލު އެމީހަކާ ބައްދަލު ކުރާނެ: ހުކުރުޚުތުބާ

އައްލައުޙުލް މަޙްފޫޘުގައި ލިޔުއްވާފައިވާ ގޮތަށް ލަސްވުމެއް، އަވަސްވުމެއް ނެތި، އެމީހެއްގެ އަޖަލު އެމީހަކާ ބައްދަލު ކުރާނެކަމަށް މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

ﷲ ސުބުހާނަހޫ ވަތަޢާލާ ޚަލްޤުކުރައްވައި، ފުރާނަ އަޅުއްވާފައިވާ ކޮންމެ މަޚުލޫޤަކީ، މަރުގެ ރަހަ ދެކި، ފަނާވެދަނަވި އެއްޗެކެވެ. ﷲގެ ޛާތުފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާ ހުއްޓެވެ. މާތްﷲ ވަނީ އެކަލާނގެ އަޅުތަކުންގެ އަޖަލު ކަނޑައަޅުއްވައި، އައްލައުޙުލް މަޙްފޫޘުގައި ލިޔުއްވާފައެވެ. އެ ލިޔުއްވާފައިވާ ގޮތާ ކުޑަކޮށް ވެސް ތަފާތެއްނެތި، އަދި ލަސްވުމެއް، އަވަސްވުމެއް ނެތި، އެމީހެއްގެ އަޖަލު އެމީހަކާ ބައްދަލު ކުރާނެއެވެ. އިންސާނުންގެ ތެރެއިން ޤަތުލުވާ މީހުންނާއި، ޣަރަޤުވާ މީހުންނާއި، އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި، އަލިފާނުގެ ޙާދިޘާތަކާއި، އެހެނިހެން ސަބަބުތަކާ ހެދި މި ދުނިޔެއިން ވަކިވެގެންދާ މީހުން ވެސް، ވަކިވެގެން އެދަނީ އޭނާގެ އަޖަލުފުރިހަމަ ކޮށްފައެވެ.

އިންސާނާގެ ގާތަށް މަރު އަންނާނީ ކޮން ވަގުތަކުކަމެއް އެނާއަކަށް ނޭނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲއެވެ. ޣައިބުގައިވާ ކަންކަމުގެ ތަޅުދަނޑި މިލްކްވެވޮޑިގެންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. ޙަދީޘެއްގެ މާނަގައިވެއެވެ. މާނަ ”ޣައިބުގައިވާ ކަންތައްތައް ފަހެކެވެ. އެކަންތައްތައް ދެނެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއެވެ.“

މަރަށް ޙާޟިރުވެފައިވާ ކޮންމެ އިންސާނަކަށް ވެސް މަރުގެ ވޭނާ ކުރިމަތިލާންޖެހެއެވެ. މާތްﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނަގައިވެއެވެ. : ”އަދި މަރުގެ ވާނެ ޙައްޤު ގޮތުގައި އަންނަ ހުއްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.“ ކީރިތި ރަސޫލާ މިވޭނާ ކުރިމަތި ލެއްވިއެވެ. ސަލާމާއި ޞަލަވާތް ލެއްވި ކައު ސާހިބާ މި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި، އެކަލާގެފާނުގެ އަރިހުގައި، ބެހެއްޓިފައިވާ ކޫޒުގެ ތެރެއަށް އަތްޕުޅު ލައްވައި، ފެންފޮދު ނަންގަވައި، އެކަލޭގެފާނުގެ މޫނުފުޅުގައި ފެންފުއްސަވަމުން ހަދީޘްކުރެއްވިއެވެ. ”މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވެއެވެ. ހަމަކަށަވަރުން މަރަކީ ވޭންދެނެވި ކަމެކެވެ.“

0