ދަމުނަމާދަކީ މާތް މަތިވެރި ޢަމަލެކެވެ. އެއީ ފަރުޟު ނަމާދަށްފަހު އެންމެ މާތް ނަމާދެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ. “ފަރުޟު ނަމާދަށްފަހު އެންމެ މާތް ނަމާދަކީ ދަމުނަމާދެވެ.” (ރިވާކުރެއްވީ މުސްލިމް)
އަދިވެސްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަގެ ޙަދީޘްތަކުން އެނގޭގޮތުގައި ދަމުނަމާދަކީ ބަލިތަކަށްވާ ޝިފާއެއްވެސް މެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ދަމުނަމާދު ކުރާހުށިކަމެވެ. ފަހެ އެއީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ އާދައެވެެ. އަދި ދަމުނަމާދަކީ ﷲ އާ ކުއްތަންކުރުވާ ކަމެކެވެ. އަދި ކުށްތައް މަނާކުރާކަމެކެވެ. އަދި ފާފަތަކަށްވާ ކައްފާރާއެކެވެ. އަދި ހަށިގަނޑުގެ ބަލިތަކުން ދުރުކުރުވާ ކަމެކެވެ.” (ރިވާކުރެއްވީ އައްތިރްމިޛީ އާއި އެނޫން ބޭކަލުން)
އެނގިލައްވާތޯއެވެ؟ ކޮންމެ ރެއެއްގެވެސް ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބާވަޑައިގެން ބަސް ވަޙީކުރައްވާނެތެވެ.
[ތިމަން ރަސްކަލާނގެއަށް ދުޢާ ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ އިޖާބަ ކުރެއްވުމަށެވެ.
ތިމަން ރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ސުވާލު ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އޭނާ އެދޭ ކަންތައް އޭނާއަށް ދެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ ފުއްސެވުމަށެވެ.]
ދަމުނަމާދުކުރުމުގެ ފައިދާތަކުގެ ތެރޭގައި މާތް ﷲއާ ކުއްތަންވުމާއި، ފާފަތައް ފުހެވިގެންދިޔުމާއި، ފާފަތައް ކުރުމާއިމެދު ހިތުގައި ނަފުރަތުކަމެއް އުފެދިގެންދިޔުމާއި، އުޚުރަވީ ނިޢުމަތްތަކަށް ޝައުޤުވެރިވުމާއި، ދުޢާތައް އިޖާބަވުމާއި، މޫނު އުޖާލާވުމާއި، ހިތް އަލިވުމާއި، ޝަޚްޝިއްޔަތު ހަރުދަނާވުމާއި އަދި ބަލިތަކަށް ޝިފާލިބުން ހިމެނެއެވެ.
ދަމު ނަމާދާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައިވެސް ވަރަށް ގިނަ އާޔަތްތައްއައިސްފައިވެއެވެ.
(إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ ۚ وَاللَّـهُ يُقَدِّرُ اللَّيْلَ وَالنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ۚ…) (سورة المزمل 20)
މާނައީ : ” ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން عفو ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!”
އަދިވެސް މާތް ﷲ ވަޙީކުރެއްވިއެވެ.
تَتَجَافَى جُنُوبُهُمْ عَنْ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفاً وَطَمَعاً وَمِمَّا رَزَقْنَاهُمْ يُنفِقُونَ (16)
فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (17) [السجدة:19
“އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ.”
އަޅުގަނޑުމެންނަކީ ފަރުޟުނާމާދުތަކުގެ އިތުރުން ދަމުނަމާދާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވާ ބަޔަކުކަމުގައި ލައްވާށިއެވެ! އާމީން!