ޣީބަބުނުމާއި ނެތިމޮށުމަކީ މީސްތަކުން ބައިބައިކުރުމަށާއި މީހުންގެ ހިތްތަކުގައި ރުޅިވެރިކަމުގެ އަލިފާން އެނދުމަށްޓަކައި ބޭނުންކުރާ ދަރެއްކަމުގައި މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
މި ޒަމާނުގައި ކޮފީތަކުގައްޔާއި، ނާދިތަކުގައްޔާއި، ޓުވިޓާ އާއި، ފޭސްބުކް ފަދަ މަންސަތަކުގައި މީހުންގެ އައިބުތައް ހާމަކޮށް ފަތުރާ މީހުންވަނީ ގިނަވެފައެވެ. މި އާފަތް ވަނީ ޒަމާނީ މުޖްތަމަޢުތަކުގައި ރޯގާއަކަށް ވެފައެވެ. ހިތުގައި އީމާންކަން ފުރަހަމަ ނުވާ ކޮންމެ މީހަކު ވަނީ، މި ރޯގާގެ ޖަރާސީމުން އޭނާގެ ހިތް ކިލަނބު ކޮށްފައެވެ. ޓުވިޓާ އާއި، ފޭސްބުކް ފަދަ މީސްމީޑިއާގެ މަންސަތަކުގައި މުސްލިމުންގެ އަބުރާއި، އިއްޒަތަށް ބުރޫއަރާ ގޮތަށް ދައްކާ ވާހަކަތަކަކީ، ނެތިމޮށުމާއި ޣީބަބުނުމުގެ ތެރޭގައި ހިމެނޭ އަމަލުތަކެއްކަން ކަށަވަރެވެ. މާތް ﷲ އާއި އެކަލާނގެ ރސޫލާ ވަނީ ނެތިމޮށުން މަނާކުރައްވައިފައެވެ. ޣީބަބުނުމާއި ނެތިމޮށުމަކީ މީސްތަކުން ބައިބައިކުރުމަށާއި މީހުންގެ ހިތްތަކުގައި ރުޅިވެރިކަމުގެ އަލިފާން އެނދުމަށްޓަކައި ބޭނުންކުރާ ދަރެކެވެ. އެއީ ފަރުދުންނާއި ޖަމާއަތްތައް ޚަރާބުކުރާ ނުރައްކާތެރި ވަބާއެކެވެ. އެހެންކަމުން މިފަދަ އެންމެހައި ސިފަތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ.