ނަޞޭޙަތާއި އިރުޝާދު
މުއުމިނު އަޅާގެ ފުރާނަ ނެރެވޭ ހިނދު

އާޚިރަތުގެ ދަތުރުގައި އިންސާނުން އެންމެ ފުރަތަމަ ކަޑައްތުކުރާ މަރުހަލާއަކީ މަރެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَا رَأَيْتُ مَنْظَرًا قَطُّ إِلَّا وَالْقَبْرُ أَفْظَعُ مِنْهُ» [رواه ابن ماجه وحسنه الألباني]
މާނައީ: “ކަށްވަޅަށްވުރެ ބިރުވެރި ތަނެއް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ.”

އެ މަރަކީ މީހެއްގެ ވެރިކަމާއި ޢިއްޒަތާއި ޝަރަފުގެ މަތިވެރިކަމުގެ ސަބަބުން، މީހެއްގެ ވަރުގަދަކަމުގެ ސަބަބުން އެކަމުން ފިލޭނެ ކަމެއް ނޫނެވެ. މަރަކީ މާތްﷲ ކާއިނާތުގައި ލައްވަވާފައިވާ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ. ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގާތަށް މަރު އައި ހިނދު ޙަދީޘް ކުރައްވަމުން ގެންދެވިއެވެ. (إن للموت لسكرات) މާނައީ: ”ހަމަކަށަވަރުން މަރަކީ ވޭންހުރި އެއްޗެކެވެ.“

އެއްދުވަހަކު މަދީނާގެ ޤަބުރުސްތާނުގައި މީހަކު ވަޅުލުމަށްފަހު ރަސޫލާ صلى الله عليه وسلم އިށީނދެވަޑައިގެން އިންނެވިއެވެ. އަސްހާބުބޭކަލުން އެކަލޭގެފާނުގެ ވަށަވަށައިގެން އިށީނދެ ވަޑައިގެން ތިއްބެވިއެވެ. ރަސޫލާ صلى الله عليه وسلم ބައެއްފަހަރު ލޯފުޅު މައްޗަށް އުފައްލަވައެވެ. ބައެއްފަހަރު ލޯފުޅު ތިރިކުރައްވައެވެ. މިފަދަ ހަމަހިމޭން ވަގުތުކޮޅަކަށްފަހު ދުނިޔެއިން މީހާ ވަކިވެގެންދާ ވަގުތުގައި ކަންތައް ވާނެގޮތް ތަފްސީލްކޮށްދެއްވިއެވެ.

މަރުވިމީހަކީ އީމާނުގެ އަހުލުވެރިއެއް ކަމުގައިވާނަމަ، ދުނިޔޭގައި ހެޔޮގޮތުގައި އޭނާގެ ހަޔާތް ވޭތުކޮށްފައިވާ މީހެއްކަމުގައި ވާނަމަ، ސުވަރުގޭގެ ކަފުނާއި މީރުވަސް ދުވާ ހުވަނދާއިގެން މަލަކަލްމައުތު ރަޙްމަތުގެ މަލާއިކަތުންނާއިއެކު ވަޑައިގެން ވިދާޅުވާނެއެވެ.

”އޭ ހިތްހަމަޖެހިފައިވާ ޠާހިރު ފުރާނައާއިއެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުމަށްދާން ނުކުންނާށެވެ.“ އެ ހިނދުގައި ފެން ހަމަކުން ފެން ތިއްކެއް ވެއްޓޭފަދަ ލުއި ގޮތަކަށް އެ ފުރާނަ ނެރެ ސުވަރުގޭގެ ކަފުނާއި ހުވަނދަށްލެވޭނެއެވެ. ހުރިހާ އުޑެއްގެ ދޮރުކޮޅުތައް އެ ފުރާނައަށްޓަކައި ހުޅުވޭނެއެވެ. ހުރިހާ މަލާއިކަތް ބޭކަލުން އެ ފުރާނަ އުޑަށް އުފުލުމަށް އެދިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ މަލާއިކަތް ބޭކަލަކުވެސް އެ ފުރާނައަށް ރަޙްމަތްލެއްވުން އެދި ދުޢާކުރައްވާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ހަތް އުޑު ކަޑައްތުކޮށް އެ ޠާހިރު ފުރާނަ އުފުއްލެވޭނެއެވެ. އެހިނދުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާނެއެވެ. ޢިއްލިއްޔީންގައި ތިމަން ރަސްކަލާނގެ އަޅާގެ ފުރާނަ ލިޔުއްވާށެވެ. އެއަށްފަހުގައި ބިމަށް އެ ފުރާނަ ރައްދުކުރެވޭނެއެވެ. ކަށްވަޅުގައި އެ ފުރާނައާއި ސުވާލުކުރެވޭނެއެވެ. ތިބާގެ ރައްބަކީ ކޮބާތޯ، ތިބާގެ ދީނަކީ ކޮބާތޯ، ތިބާގެ ގާތަށް ފޮނުއްވުނު ނަބިއްޔަކީ ކޮބާތޯ ސުވާލުކުރެވޭނެއެވެ.  އެހިނދުގައި އެ ފުރާނަ ޘާބިތުކަމާއިއެކު ޖަވާބުދޭނެއެވެ. އިބްރާހީމް ސޫރަތުގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. يثبت الله الذين ءامنوا بالقول الثابت في الحياة الدنيا و في الآخرة

މާނައީ: ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި ސާބިތުވެގެންވާ ޙައްޤުބަހުން އީމާންވީމީހުންނަށް ﷲ ސާބިތުކަން ދެއްވަތެވެ.

 

އެކަށްވަޅު ތަނަވަސް ކޮށްދެއްވުމަށާއި އެ ކަށްވަޅުގައި ސުވަރުގޭގެ ދާން އެޅުމަށް

އެހިނދުގައި ނިދާ އިއްވެވޭނެއެވެ. އެ ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާއެއްފަދަ ތަނަކަށް ވާނެއެވެ.

 

ތަޤްވާވެރިންގެ ފުރާނަތައް ނެރެވޭ ވަގުތުގައި އެ ފުރާނަތަކުގެ އިސްތިޤްބާލުގައި މަލާއިކަތުން ފައިބާ ވަޑައިގަންނަވާނެކަން ބަޔާން ކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

إن الذين قالوا ربنا الله ثم استقاموا تتنزل عليهم الملائكة

ހަމަކަށަވަރުން ތިމަންމެންގެ ވެރި ރަސްކަލާނގެއީ ﷲ އޭ ބުނެ ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ.) އެއުރެންގެ މައްޗަށް  މަލާއިކަތް ބޭކަލުން ފައިބާވަޑައިގަންނަވާނެއެވެ. ވިދާޅުވަމުންނެވެ. الا تخافوا و لا تحزنوا ތިޔަބައިމީހުން ބިރުނުގަންނާށެވެ. އަދި ހިތާމަ ނުކުރާށެވެ. ތިޔަބައިމީހުންނަށް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ. نحن أولياؤكم في الحياة الدنيا و في الآخرة ތިމަންބޭކަލުންނީ ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ތިޔަބައިމީހުންގެ އެހީތެރިންނެވެ.

ولكم فيها ما تشتهي أنفسكم و لكم فيها ما تدعون

ތިޔބައިމީހުންނަށް އެ ސުވަރުގެ ތަކުގައި ތިޔަބައިމީހުންގެ ނަފުސު އެކަމަކަށް އެދުންވެރިވާ ހުރިހާ އުފަލަކާއި އަރާމަކާއި ލައްޒަތެއް ލައްވާފައިވެއެވެ. އަދި އެކަމެއް ހޯދައިގަތުމަށް އެދޭ އެންމެހާ ނިޢްމަތްތައް އެ ސުވަރުގޭގައި ލައްވާފައިވެއެވެ.

نزلا من غفور رحيم

އެއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ކަލެއްގެ މެހެމާންދާރީއެވެ. (فصلت 30-32)

ދުނިޔޭގައި އޭނައަކީ ކިތަންމެ ފަޤީރެއްކަމުގައިވިޔަސް މީހުން ދެރަ ނިކަމެއްޗެއް ކަމުގައި ދެކޭ މީހެއްކަމުގައިވިޔަސް، އޭނާގެ ޙަޔާތް ހެޔޮ ގޮތުގައި ހޭދަކޮށްފައިވާނަމަ ޢިއްޒަތާއި ޝަރަފާއި ކަރާމަތާއިއެކު އެ ފުރާނަ މާތް ﷲ ގެ ޙަޟްރަތަށް އުފުލޭނެއެވެ.

7
  1. Ibrahim Ihsaan Mohamed(Issey Offical)

    Jazakallahu Kharain