ކަންފަތުގައި ގަހަނާ އެޅުވުމަށް، އަންހެނެއްގެ ކަންފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާލާއިރު، އެންމެ ބުރަދަން ހުރި ބަސްފުޅަކީ އަންހެނެއްގެ ކަންފަތް ތޮރުފުމަކީ ހުއްދަކަމެކެވެ. އަދި އެކަމުގައި މައްސަލައެއް ނެތެވެ. އެހެނީ އޭގެ ސަބަބުން ލިބޭ ތަދާއި އުނދަގުލަކީ ވަރަށް ކުޑަކަމެކެވެ. ޚާއްޞަގޮތެއްގައި ކުޑައިރުކުރުމުން އެކަމުގެ ގެއްލުން ކުޑަވެއެވެ. އޭގެ ސަބަބުން ލިބޭ ރިވެތިކަމަކީ އަންހެނާއަށް ލިބޭ އިތުރު ފުރިހަމަކަމެކެވެ. އެބަހީ: ޒީނަތާއި ރިވެތިވުމުގެ ސަބަބުން އަންހެނާއަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًا ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ﴿١٧﴾ أَوَمَن يُنَشَّأُ فِي الْحِلْيَةِ ﴿١٨﴾ [سورة الزخرف]
މާނައީ: “ރަޙްމާނުވަންތަ އިލާހަށް އެއުރެންގެ މީހަކު ނިސްބަތްކުރިފަދަ ދަރިޔަކު (އެބަހީ: އަންހެން ދަރިޔަކު) ލިބުނުކަމުގެ ޚަބަރު އެ މީހަކަށް ދެވިއްޖެނަމަ، އޭނާގެ މޫނު އަނދިރިވެގެންދެއެވެ. އޭނާޔަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ. (17) އަދި (ﷲއަށް އެއުރެން އެ ނިސްބަތްކުރަނީ) ގަހަނާ އަޅުވައި، ބޮޑުކުރާ މީހަކު ހެއްޔެވެ؟ (18)” …
އަންހުންނަކީ ޒީނަތްތެރިކަމުގައި ބޮޑުވާ ބައެކެވެ. އެގޮތުން އެކަނބަލުންގެ ކަންފަތުގައި އަޅާ ގަހަނާ ފަދަ ތަކެއްޗަކީ އެފަދަ އެއްޗިއްސެވެ.
އެހެންކަމުން އަންހެނަކު އޭނާގެ ކަންފަތުގައި ގަހަނާ އެޅުވުމަށްޓަކައި ކަންފަތުގެ ފޫޅު ތޮރުފުމަކީ މައްސަލައެއް ނޫނެވެ.
– ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله –
[ބައްލަވާ: فتاوى نور على الدرب، الشريط رقم (254).]
އަދި ސަމާޙަތުއްޝައިޚް ޢަބްދުލް ޢަޒީޒު ބުން ބާޒު رحمه الله އާ ސުވާލު ދެންނެވުނެވެ.
އަންހެން ކުދިންގެ ކަންފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
ޖަވާބު: “އެއީ މައްސަލައެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައި އަންހެން ކަނބަލުން އެކަނބަލުންގެ ކަންފަތް ތޮރުފާފައި ގަހަނާ އެޅުއްވިއެވެ. އެހެން ކަމުން އެއީ މައްސަލައެއް ނޫނެވެ.”
[فتاوى نور على الدرب]
ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އުޅުއްވި އަންހެން ކަނބަލުން ކަންފަތުގައި އަޅާ އެކި ބާވަތްތަކުގެ ގަހަނާތައް ގެންގުޅުއްވި ކަން ޘާބިތުވެއެވެ. (ބައްލަވާ: صحيح البخاري، حديث رقم: 98، 5249) އަދި އެއީ މަނާކަމެއްކަމުގައިވާ ނަމަ ނަބިއްޔާ صلى الله عليه وسلم އެކަން މަނާ ކުރެއްވީހެވެ. އެކަން މަނާ ކުރާ ސާފު ދަލީލެއް ޤުރުއާނާއި ސުންނަތުގައި ފެންނާކަށް ނެތެވެ.
މަސްދަރު: ދިސަަލަފިއްޔާ