ޚަބަރު
ތިމާގެ މުސްލިމު އަޚާގެ ޢިއްޒަތާއި އަބުރަށް އަރައިގަންނަ މީހުން ރަސޫލާﷺގެ ވަޞިއްޔަތްތައް ހަނދުމަކުރައްވާ!: ހުކުރުޚުތުބާ

ތިމާގެ މުސްލިމު އަޚާގެ ޢިއްޒަތާއި އަބުރަށް އަރައިގަންނަ މީހުން ރަސޫލާ ﷺ ވަޞިއްޔަތްތައް ހަނދުމަކުރެއްވުމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

މުސްލިމުން ވާންޖެހޭނީ މަޑުމައިތިރި، ހިތްތިރި، ކަންކަމުގައި އަވަސް އަރައިނުގަން ބަޔަކަށެވެ. ރިވެތި އަޚްލާޤުން ޒީނަތްތެރިވެފައިވާ ބަޔަކަށެވެ. ރިވެތި އަޚުލާޤުގެ ވެރިންނަށް ޤިޔާމަތް ދުވަހުން ލިބެން ހުރި ޘަވާބާއި ދަރުމަ ބާޔަން ކުރައްވައި ރަސޫލާ ﷺ  ޙަދީޘް ކުރައްވާފައިވެއެވެ، މާނަގައިވަނީ: ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ޤިޔާމަތް ދުވަހު، ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑުވެފައި، ތިމަންކަލޭގެފާނާ އެންމެ އަރިސް މީހަކީ، ތިޔަބައިމީހުން ކުރެ އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ. އަދި ހަމަކަށަވަރުން ތިޔައިބައިމީހުންގެ  ތެރެއިން އެދުވަހު ތިމަންކަލޭގެފާނު އެންމެ ރުހިވަޑައިނުގަންނަވާ، ތިމަންކަލޭގެފާނާ އެންމެ ދުރުގައިވާނެ މީހަކީ، ތިޔަބައިމީހުންގެ ކުރެ، ބޭކާރު ވާހަކަ ދައްކައި، މީހުން ދެރަކޮށްލުމުގެ ގޮތުން މަލާމަތްކޮށް އުޅޭ ބޮޑާ މީހާއެވެ.“

މި ވަސިއްޔަތްތަކަށް އަހަރެމެން ފުރަގަސްދީފިނަމަ، ޤިޔާމަތް ދުވަހުން އަހަރެމެންނަށް އެކަލޭގެފާނުގެ އަރިހުގައި ސުވަރުގެއަށް ވަނުމުގެ ނަސީބު ލިބޭނީ ފަހެ ކޮން ފަދައަކުން ހެއްޔެވެ؟ ސޯޝަލްމީޑިޔާ އާއި، ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ތިމާގެ މުސްލިމު އަޚާގެ ޢިއްޒަތާއި އަބުރަށް އަރައިގަންނަ މީހުން މިފަދަ ވަޞިއްޔަތްތައް ހަނދުމަކުރުން ހުއްޓެވެ. ތިމާގެ އަޚާގެ ޙުރުމަތް ކަނޑާލައި، އަނިޔާވެރިވެ އުޅޭ މީހުން، މިފަދަ ވަޞިއްޔަތްތަޖާ މެދު ވިސްނުން ހުއްޓެވެ. އެއްވެސް ޙައްޤާކާ ނުލައި ތިމާގެ އަޚާގެ ލޭ އޮހޮރުވާލުމަށް އަތް އުފުލާ މީހާ މިފަދަ ވަޞިއްޔަތްތައް ހަނދުމަކުރުން ހުށްޓެވެ! ހަމަކަށަވަރުން މި ވަޞިއްޔަތްތައް ހަނދުމަކޮށް، ﷲ ގެ ޙަޟްރަތުގައިވާ ދަރުމަޔާއި ޘަވާބު އެދިގެން ނުބައި ޢަމަލުދޫކޮށްފިމީހާ ޤިޔާމަތް ދުވަހުން ވާހުށީ ކީރިތިރަސޫލާ ﷺ ގެ އަރިހުގައި ޖައްނަތުލް ފިރުދައުސުގައެވެ.

0