ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
އަޚްލާޤު
މަސީޙުއް ދައްޖާލު ފާޅުވުން

المَسِيْحُ މި ލަފްޒަކީ: ޢަރަބިބަހުގައި ޢީސާ عليه السلام އަށް ނިސްބަތްކުރުމަށް އަދި ދައްޖާލަށް ނިސްބަތްކުރުމަށްވެސް ބޭނުންކުރާ ލަފްޒެކެވެ.

  • ޢީސާ عليه السلام އަށް މި ލަފްޒުން މުޚާޠަބުކުރެވެނީ ބަލިޖެހިފައިވާ މީހެއްގެ ގައިގައި އެކަލޭގެފާނުގެ އަތްޕުޅުން ބީހުމުން ބަލި ފަސޭހަވާތީއެވެ.
  • އަދި ދައްޖާލަށް މި ލަފްޒުން މުޚާޠަބުކުރެވެނީ އޭނާގެ އެއްލޮލަށް ނުފެންނާތީ، އެކަމަށް އިޝާރަތްކޮށެވެ.

އަދި ޢަރަބި ބަހުގައި الدَّجَل ގެ މާނައަކީ އޮޅުވާލުމެވެ. ދައްޖާލަށް އެ ނަމުން ނަން ދެވުނީ އޭނާގެ ކިބައިގައި ދޮގުހެދުމާއި އޮޅުވާލުންތައް ގިނަކަމުންނެވެ.

ދައްޖާލަކީވެސް އާދަމުގެ ދަރިންގެ ތެރެއިންވާ މީހެކެވެ. އޭނާގެ ސިފަތައްވަނީ ޞައްޙަ ޙަދީޘްތަކުގައި ބަޔާންވެގެންނެވެ. އެއީ އޭނާއާމެދު މުއުމިނުން ސަމާލުވެ، އޭނާގެ ފިތުނައިގައި ނުޖެހުމަށެވެ.

އޭނާގެ ސިފަތަކުގެ ތެރޭގައި އޭނާއަކީ: ޒުވާން، ބިޔަ، ހަމުގެ ކުލަ ރަތް، ބޯ ބުޅި އަދި އެއްލޮލަށް ނުފެންނަ މީހެކެވެ. އޭނާގެ ދެލޮލުގައިވެސް ޢައިބު ހުންނާނެއެވެ. އަދި އެއް ލޯ ހުންނާނީ އުފުލިފައި ހުންނަ މޭބިސްކަދުރެއް ހެނެވެ. އަދި ދެލޮލުގެ ދެމެގައި (ك ف ر) މިފަދައިން ލިޔެފައި ވާނެއެވެ. ކޮންމެ މުސްލިމަކަށްމެ އެކިޔަން އެނގޭނެއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އުޅުނު އިބްނު ޞައްޔާދު ކިޔާ މީހެއްގެ ކިބައިން ޝައިޠާނީ ކަންތައްތަކެއް ފެނުމުން ނަބިއްޔާ صلى الله عليه وسلم އޭނާ އިމްތިޙާނުކުރެއްވިއެވެ. އަދި އޭނާއާ ބެހޭގޮތުން އެކަލޭގެފާނު ފުރަތަމަ ވަކި ގޮތެއް ނުނިންމަވައެވެ. އެހެނަސް އޭނާއަކީ ދައްޖާލު ނޫންކަން، ނަބިއްޔާ صلى الله عليه وسلم އަށް ފަހުން ބަޔާންވެގެން ދިޔައެވެ. އިބްނު ކަޘީރާއި އިބްނު ތައިމިއްޔާ ބުރަވެވަޑައިގެންފައިވަނީ އޭނާއަކީ ފަހު ޒަމާނުގައި ފާޅުވާނޭ ބޮޑު ދައްޖާލު ނޫންކަމުގައެވެ.

ނަބިއްޔާ  صلى الله عليه وسلم ގެ ޒަމާނުގައި އިސްލާމްވެވަޑައިގެންނެވި ޞަޙާބީ ބޭކަލެއްކަމުގައިވާ ތަމީމުއްދާރީއަށް ދައްޖާލު ފެނުނު ޙާދިޘާވަނީ ވަރަށް ތަފްޞީލުކޮށް ޞަޙީޙު މުސްލިމުގައި ބަޔާންކުރައްވާފައެވެ. ޚުލާޞާ ގޮތަކަށް އެ ޙާދިޘާއަށް ބަލާލާއިރު އެކަން ހިނގާފައިވަނީ އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުގެ ކުރިން، ނަޞާރާއެއްގެ ގޮތުގައި އުޅުއްވަނިކޮށެވެ.

ތިރީހަކަށް މީހުންނާއެކު ކަނޑުގައި ދަތުރުކޮށްފައި ދަނިކޮށް ބެހިގެން ދިޔައީ އިރުމަތީ ފަރާތުގެ ޖަޒީރާ ރަށަކަށެވެ. އަދި އެރަށުން އެބައިމީހުން ގެންދެވުނީ ދައްޖާލުގެ ކައިރިއަށެވެ. އޭނާވަނީ އޭރު ވަރުގަދައަށް ކަސްތޮޅުތަކުން ހައްޔަރުކުރެވިފައެވެ. ދެން އޭނާ ސުވާލުތަކެއް ކުރިއެވެ. އަދި އެސުވާލުތަކަށް ޖަވާބު ދިނުމުން އޭނާ ނުކުތުމުގެ ވަޤުތު ގާތްވެއްޖެކަމުގެ ޚަބަރު ދިނެވެ. އެސުވާލުތަކަކީ ބައިސާނުގެ ކަދުރުށްތަކުގައި ކަދުރުއަޅާތޯއެވެ. އޭގައި ކަދުރުއެޅުން ހުއްޓޭނެކަމުގައި އޭނާ ޚަބަރުދިނެވެ. އަދި ޠަބަރިއްޔާގައިވާ ފެންގަނޑުގައި ފެން އެބަހުރިތޯ އެހިއެވެ. އަދި އެ ފެންގަނޑު ހިނދޭނެކަމަށް އޭނާ ޚަބަރުދިނެވެ. އަދި ޒުޣަރުގެ ފެންއާރާ ބެހޭގޮތުންނާއި ނަބިއްޔާ صلى الله عليه وسلم ފާޅުވެއްޖެތޯވެސް ސުވާލުކުރިއެވެ. އަދި އެކަލޭގެފާނަށް ތަބާވުން ޢަރަބިންނަށް ހެޔޮކަން ބޮޑުކަމުގައިވެސް ބުންޏެވެ. ދެން އެއަށްފަހުގައި އޭނާ ނުކުތުމަށް ފަހު ހިނގާނޭ ބައެއް ކަންތައްތައް ކިޔައިދިނެވެ. މި ވާހަކަތައް ތަމީމުއްދާރީ ކިޔައިދެއްވުމުން، ނަބިއްޔާ صلى الله عليه وسلم ވަނީ ޞަޙާބީ ބޭކަލުން އެއްކުރައްވާފައިވާ މިވާހަކަތައް ކިޔައިދެއްވާފައެވެ. އެއީ އޭގެ ކުރިން އެކަލޭގެފާނު ބަޔާންކުރައްވާފައިވާ ވާހަކަތަކާ މި ވާހަކަތައް ދިމާވާތީއެވެ.

ދައްޖާލު ފާޅުވާނީ އިރުމަތީ ފަރާތުގެ ރަށެއްކަމުގައިވާ ޚުރާސާނުގެ އަވަށެއްކަމުގައިވާ ޔަހޫދިއްޔާއިންނެވެ. [1] އެއަށް ފަހު އޭނާ ބިމުގައި ދަތުރުކުރާނެއެވެ. އަދި މައްކާއާއި މަދީނާ ފިޔަވާ ހުރިހާ ރަށަކަށް ވަންނާނެއެވެ. އެ ދެ ރަށަށް ނުވަދެވެނީ މަލާއިކަތުން އެ ދެ ރަށް ހިމަޔާތްކުރައްވާތީއެވެ.

ޙަދީޘްގައި އައިސްފައިވެއެވެ.

«فَأَخْرُجَ فَأَسِيرَ فِي الْأَرْضِ فَلَا أَدَعَ قَرْيَةً إِلَّا هَبَطْتُهَا فِي أَرْبَعِينَ لَيْلَةً غَيْرَ مَكَّةَ وَطَيْبَةَ» [رواه مسلم]

މާނައީ: “(ދައްޖާލު ބުންޏެވެ.) ފަހެ އަހަރެން ބިމުގައި ދަތުރުކުރާނަމެވެ. އަދި އެއްވެސް ރަށެއް ދޫނުކޮށް، ސާޅީސް ރެއިން ހުރިހާ ރަށަކަށް ވަންނާނަމެވެ. މައްކާއާއި މަދީނާ ފިޔަވައެވެ.”

ޙަދީޘްތަކުން އެނގިބަޔާންވެގެންދާ ކަމަކީ ދައްޖާލު ފާޅުވުމުން އޭނާއަށް އެންމެ ގިނައިން ތަބާވާނީ ޔަހޫދީންނާއި ކޫޒީންނާއި ކިރްމާނީންނާއި ތުރުކީންނާ އަދި އެނޫނަސް ރަށްފުށުގައި އުޅޭ މީހުންނާއި އަންހެނުންނެވެ.

ދައްޖާލުގެ ފިތުނައަކީ މި ދުނިޔޭގައި ފާޅުވާނެ އެންމެ ބޮޑު ފިތުނައެވެ. އެއީ އޭނާއަށް ﷲ ތަޢާލާ ދެއްވާ ބާރުތައް ބޭނުންކޮށްގެން، އޭނާ ކުރާނެ އާދަޔާ ޚިލާފު ކަންތައްތަކުގެ ސަބަބުންނެވެ. ފެނުގެ ދެ ކޯރު އޭނާ ގެންގުޅޭނެއެވެ. އަދި އޭނާ އަމުރުކުރުމުން އުޑުން ވާރޭ ވެހޭނެއެވެ. އަދި ބިމަށް އަމުރުކުރުމުން ބިމުން ގަސްފަޅާނެއެވެ. އޭނާ ބިމުގައި އުޅޭނީ ސާޅީސް ދުވަހެވެ. އެއީ އެއް އަހަރުފަދަ ދުވަހަކާއި އެއްމަސްފަދަ ދުވަހަކާއި ހަފްތާއެއްފަދަ ދުވަހަކާއި ދެން ހަމަ އާދައިގެ ދުވަސްތަކުން ކުރެ ދުވަސްތަކެކެވެ.

އޭނާގެ ފިތުނައިގެ ބޮޑުކަމުން، އޭނާގެ ގާތަށް ނުދިޔުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ. އެއީ އޭނާ ކުރާ އާދަޔާޚިލާފު ކަންތައްތަކުގެ ސަބަބުން ފިތުނަވެރިވެދާނެތީއެވެ.

ދައްޖާލުގެ ފިތުނައިން ސަލާމަތްވެވެން އޮތް މަގަކީ އިސްލާމްދީނުގައި ވަރުގަދައަށް ހިފަހައްޓާ، އިސްލާމީ ޢަޤީދާ އުނގެނި، ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތައް އުނގެނުމާއި ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުން އެދި ﷲތަޢާލާގެ ޙަޟްރަތުގައި ދެންނެވުމާއި، ވަކިން ޚާއްޞަކޮށް ނަމާދުގައި ސަލާމްދިނުމުގެ ކުރިން ދުޢާކުރާއިރު އެކަމަށްޓަކައި ދުޢާކުރުމާއި، ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކުރުމާ އަދި އޭނާ ފާޅުވުމުން އޭނާގެ ފިތުނައިން ދުރުހެލިވުމެވެ. އަދި މިކަމުގައި އެންމެ މޮޅުއިތުރީ މައްކާ ނުވަތަ މަދީނާގައި ދިރިއުޅުމެވެ. އެހެނީ އޭނާގެ ފިތުނައިގެ ބޮޑުކަމުން އެމީހެއްގެ ހިތުގައި އީމާންކަމާއި ޘާބިތުކަން ހުރިހެން ހީވާ މީހަކުވެސް، އޭނާ ކުރާ ކަންތައްތައް ފެނުމުން އެފިތުނައިގައި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. – އަޅަމެން އެންމެން އޭނާގެ ފިތުނައިން ރައްކާތެރިކޮށްދެއްވާނދޭވެ! –

ދައްޖާލު ނިމިގެން ދާނީ ޢީސާ عليه السلام ގެ އަތްޕުޅުން ޤަތުލުވެގެންނެވެ. އޭނާއަށް ތަބާވާ މީހުން ގިނަވެ އޭނާގެ ފިތުނަ ބޮޑުވެފައިވަނިކޮށް ޢީސާ عليه السلام އުޑުން ފައިބާ ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނު ފައިބާވަޑައިގަންނަވާނީ ދިމިޝްޤުގެ އިރުމަތީ ފަރާތުގައިވާ ހުދު މުންނާރު ކައިރިއަށެވެ.

ﷲ އަށް އީމާންވާ މުއުމިނު އަޅުތަކުންނާއެކު ދައްޖާލު ހުރި ތަނަށް އެކަލޭގެފާނު ވަޑައިގަންނަވާނެއެވެ. އޭރު ދައްޖާލު ދާނީ ބައިތުލް މަޤްދިސްއާ ދިމާލަށެވެ. ފަހެ ފަލަސްޠީނުގެ ރަށެއްކަމުގައިވާ ބާބު ލުއްދާ ހަމައިން އެކަލޭގެފާނު އޭނައާ އަރާހަމަކުރާނެއެވެ. ދައްޖާލަށް އެކަލޭގެފާނު ފެންނައިރަށް، ފެނުގައި ލޮނު ގިރޭފަދައިން ގިރެން ފަށާނެއެވެ. ފަހެ ދެން ޢީސާ عليه السلام އޭނާ ޤަތުލުކުރާނެއެވެ. އަދި އޭނާއާއި އޭނާއަށް ތަބާވީ މީހުން ބަލިވެގެންދާނެއެވެ. އެހިސާބުން ﷲ ތަޢާލާގެ ފަޟްލުވަންތަކަމުން ދައްޖާލުގެ ފިތުނަ އެކީ ނިމިގެންދާނެއެވެ.

 


 

[1] މިއީ އިރާނުގައިވާ ރަށެކެވެ.

 

މަސްދަރު: ދިސަލަފިއްޔާ

15
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top