ނަޞޭޙަތާއި އިރުޝާދު
ޢިބްރަތްތެރި ވާހަކަ: ހުސްވީ މަތިވަރު

ބަރަކާތަކީ ދިރިއުޅުމުގެ އުފާވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާ މައި އެއް އަސާސެވެ. މި ހޭލަމޭލަ، ހަލަބޮލި ޒަމާނުގައި އެންމެ ގިނައިން އިވޭ އެއް ޝަކުވާއަކީ ދިރިއުޅުމުގެ ކަންކަމުން ބަރަކާތް އުނިވަމުންދާކަމުގެ ޝަކުވާއެވެ. އެއްޗަކުން ބަރަކާތް އުނިކުރެވިއްޖެނަމަ، އެ އެއްޗެއްގެ މަތިވަރު ހުސްވާންފަށައެވެ. ކަމަކުން ބަރަކާތް އުނިކުރެވިއްޖެނަމަ، އެކަމެއްގެ ހެޔޮކަން ފިލައިގޮސް، އެކަމަކުން މަންފާ ލިބޭ މިންވަރު މަދުވާން ފަށައެވެ.

ސަބާގެ އަހުލުވެރިންގެ މަތިވަރު ހުސްވީ ކިހިނެއްހެއްޔެވެ؟

ސަބާގެ އަހުލުވެރިންނަކީ ވަރަށް ގިނަގުނަ ނިޢުމަތްތަކެއް ދެއްވައިފައިވާ ބައެކެވެ. އެބައިމީހުންނަށް ތަފާތު ވައްތަރުގެ މޭވާއަޅާ ގަސްތަކުން ފުރިފައިވާ ބަގީޗާތައް ދެއްވައިފައިވެއެވެ. ނަމަވެސް އެބައިމީހުން ﷲ އަށް އުރެދުމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ބަގީޗާތައް ހަލާކުކުރެއްވިއެވެ. މި ވާހަކަ ސަބާ ސޫރަތުގެ 15 ވަނަ އާޔަތުން ފެށިގެން 19 ވަނަ އާޔަތުގެ ނިޔަލަށްބަޔާންކުރައްވާފައިވެއެވެ.

އެބައިމީހުން ދަނޑުތަކަށް ފެންދިނުމަށްޓަކައި ދެފަރުބަދައިގެ ދެމެދުގައި ޑޭމްތަކެއް ހަދައިފައިވެއެވެ. ބުނެވޭ ގޮތުގައި އެންމެ ފުރަތަމަ ޑޭމްތައް ހެދިމީހަކީ سَبَأَ بْنَ يَعْرُبَ އެވެ. އެ ޑޭމްތަކުގެ ތެރެއިން ހަތްދިހަ ކޯރު ހިނގައިފައިވެއެވެ. ޑޭމްތަކުގައި ދަނޑުތަކަށް ފެންހިނގާނެ ތިރީސް މަގުވެއެވެ. މި ޑޭމްތައް ބިނާކޮށް ނުނިމެނީސް سَبَأَ بْنَ يَعْرُبَ މަރުވެއްޖެއެވެ. ދެން އެ މަސައްކަތް ފުރިހަމަކުރީ حِمْيَرُ  އެވެ. ކޮންމެއަކަސް ސަބާގެ އަހުލުވެރިން އުޅެމުން ގެންދިޔައީ ނުހަނު އުފާ ފާގަތިކަންމަތީގައެވެ.

އެ ދަނޑުތަކުގައި ދަނޑަށް ގެއްލުންދޭ ޒާތުގެ އެއްވެސް ސޫތްޕެއްވެސް ނުވަތަ އެނޫން އެއްޗެއްވެސް ނޫޅެވެ. އެއީ އެތަނުގެ މޫސުމާއި، އާބުހަވާގެ ރަނގަޅުކަމުގެ ސަބަބުންނެވެ. ދެންފަހެ އެބައިމީހުން ﷲ ފިޔަވާ އެހެން ފަރާތްތަކަށް އަޅުކަންކޮށް، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ކުފުރުވާން ފެށުމުން އެބައިމީހުންގެ މައްޗަށް ސަހަރާ ތެރޭގައި އުޅޭ މީދާތަކެއް ފޮނުއްވިއެވެ. އެތަކެތިން ސަލާމަތް ވުމަށްޓަކައި އެބައިމީހުން ބޮޑެތި ބުޅާތައް ރަށަށް ގެނައެވެ. ނަމަވެސް ވީ އެއްވެސް ކަމެއްނެތެވެ. އެންމެފަހުން މީދާތައް ޑޭމްތަކުގެ ފާރުތައް ތޮރުފައި ކައިހެދުމުގެ ސަބަބުން ޑޭމްތައް ވެއްޓިއްޖެއެވެ. އެއާއެކު އަރައިގެން އައި ސައިލުތައް އެބައިމީހުންގެ ބަގީޗާތަކާއި ދަނޑުފަނގުތައް އެއްކޮށް ހަލާކުކޮށް ސުންނާފަތިކޮށްފިއެވެ. ދެން އެބަގީޗާ ބަދަލުކުރެއްވީ ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ބަގީޗާއަށެވެ.

މި ވާހަކައިން ލިބޭ ޢިބްރަތްތައް

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

(ليست السَّنَةُ بأنْ لا تُمطَروا ، ولكِنَّ السَّنَةَ بأنْ تُمطَروا وتُمطروا ؛ ولا تُنْبِتُ الأرضُ شيئًا) رواه مسلم

(ތަދުމަޑުކަމަކީ ވާރޭ ނުވެހުމެއްނޫނެވެ. އެހެނެއްކަމަކު ތަދުމަޑުކަމަކީ ވާރޭ ވެހުނުކަމުގައިވިޔަސް ދަނޑުގޮވާން ނުފޯދުމެވެ.)

ބައެއް ތަނަވަސްކަމުގެ އަހުލުވެރިން އެމީހުންގެ ޚަރަދުތަކުން ދެކޮޅު ނުޖެހިއުޅެމުންދާއިރު، ﷲ ތަޢާލާ އަށް ވަކީލު ކުރާ ބައެއް މުއުމިނު އަޅުން މަދު ފައިސާ ކޮޅަކާއި އެކީ ފުދިގެން ދިރިއުޅެމުންދެއެވެ.

ބަރަކާތް ޙާޞިލް ވާނެ ދެ ސަބަބެއް އަންގަވާ ދެއްވަމުން، މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ 7:96

މާނައީ: ”ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. “ މި އާޔަތުން އެނގޭ ގޮތުގައި އީމާންކަމާއި ތަޤްވާވެރިކަމަކީ ބަރަކާތް ޙާސިލުކުރުމުގެ އެންމެ މުހިއްމު މަގެވެ.

މީގެއަނެއްކޮޅަށް ބަލާއިރު، ޙަރާމް ކަންތައްތައް ފެތުރި، ޢާއްމުވެފައިވުމާއި ފާފަކުރުންމަތީ ދެމިތިބުމަކީ ބަރަކާތް ގެއްލެނިކުރެވޭ އެންމެ މުހިއްމު އެއް ސަބަބެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ ‎﴿٤١﴾‏

މާނައީ: ”މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލު ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަވުމަށްޓަކައެވެ.“

އިސްތިޣުފާރުކުރުމުގައި ދެމިހުރުމަކީވެސް ބަރަކާތް ޙާޞިލުވާނެ ކަމެކެވެ. ނޫޙު عليه السلام ގެ ވާހަކަ ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވެއެވެ.

﴿فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا [10] يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا [11] وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا [12]﴾ [نوح: 10- 12]

މާނައީ: “ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަމުގައިވެއެވެ. 10] (އޭރުން) އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. 11 އަދި އެއިލާހު ތިޔަބައިމީހުންނަށް މުދާލާއި ދަރިން އިތުރުކޮށްދެއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. 12

ވިޔަފާރީގައި ތެދުވެރިވުމަކީވެސް ބަރަކާތް ޙާޞިލުވާނެކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«البَيِّعَانِ بِالخِيَارِ مَا لَمْ يَتَفَرَّقَا، فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا، وَإِنْ كَتَمَا وَكَذَبَا مُحِقَتْ بَرَكَةُ بَيْعِهِمَا» [رواه البخاري]

މާނައީ: ދެ ވިޔަފާރިވެރިން (އެބަހީ: ގަންނަމީހާއާއި ވިއްކާމީހާ) ވަކިވެގެން ނުދާހާ ހިނދަކު އެދެމީހުންނަށް އިޚްތިޔާރު ލިބިގެންވެއެވެ. ފަހެ އެދެމީހުންވެސް ތެދުވެރިވެ، ބަޔާންކޮށްދީފިނަމަ އެދެމީހުންގެ ވިޔަފާރީގައި ބަރަކާތް ލެއްވެއެވެ. އަދި އެދެމީހުންވެސް ވަންހަނާކޮށް ދޮގުހަދައިފިނަމަ އެދެމީހުންގެ ވިޔަފާރީގެ ބަރަކާތް ކެނޑެއެވެ.

ރިބާ އާއި އެއަށް މަގުފަހިވާ އެންމެހައި ކަމަކުން ދުރުހެލިވުމަކީ ވިޔަފާރީގަ ބަރަކާތް ލެއްވޭ ކަމެކެވެ. އެއީ ރިބާ އެކުލެވޭ ގޮތަށް ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނުކުރުމާއި، އެކަމަށް މަގުފަހިވާ ފަދަ ފާސިދު ޢަޤުދުތައް ނުކުރުމާއި، ޙަޤީޤަތް ނޭނގޭ އެއްބަސްވުންތަކުގައި ބައިވެރި ނުވުމާއި، ވިޔަފާރީގައި ފައިދާ ހޯދުމަށް ކުރެވޭ އެންމެހައި މުޢާމަލާތްތަކަކީ ރިބާ ނުހިމެނޭ މުޢާމަލާތްތަކެއްކަން ކަށަވަރުކުރުމެވެ.

މަކަރުހަދައިގެން ޙައްޤު ނޫން ގޮތުގައި މުދާ ހޯދާނަމަ، ނުވަތަ ޚިޔާނާތްތެރި ސްކޭމްތައް ހިންގައިގެން ފައިސާ ހޯދާނަމަ، އެ ހޯދާ ތަނަވަސްކަމަކީ ބަރަކާތްކެނޑިފައިވާ ތަނަވަސްކަމެއްކަން ދުނިޔެ ދައްކަމުންދާ ޙަޤީޤަތްތަކުން ހާމަވެއެވެ.

* ﷲ ތަޢާލާ ނުރުއްސަވާފަދަ ކަމެއްގައި މުދާ ހޭދަކުރުމަކީ އަދި މުދަލުގައިވާ ﷲ ތަޢާލާގެ ޙައްޤު އަދާނުކުރުމަކީ އޭގެ ބަރަކާތް ކެނޑޭ ސަބަބެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ﴾ [البقرة: 276].

މާނައީ: “ﷲ ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި، ޞަދަޤާތް އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ ބަރަކާތް އިތުރު ކުރައްވައި، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ.”

اللهم بارِك لنا في أعمالِنا وأعمارِنا وأزواجِنا وذرِّيَّاتِنا وأموالِنا، واجعَلنا مُبارَكين أينما كُنَّا.

 

11