މުއްސަދިންނާއިފަގީރުންނާއި، މޮޅާއި ދެރަ ލައްވާފައި ވަނީ، އެބައިމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ މިންވަރު ބެއްލެވުމަށެވެ.
މާތް ﷲ އިންސާނާ އަށް ދުނިޔެ ދެއްވާފައިވަނީ، އިމްތިޙާނަށް ޓަކައެވެ. މުއްސަދިންނާއި، ފަގީރުންނާއި، މޮޅާއި ދެރަ ލައްވާފައި ވަނީ، އެބައިމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ މިންވަރު ބެއްލެވުމަށެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “އެކަލާނގެއީ ތިޔަބައިމީހުން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ޢަޒީޒުވަންތަ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.”
ދުނީޔޭގެ އުފަލާއި އަރާމަކީ، ހިނދުކޮޅެއްގެ ކަމެކެވެ. ނިމުމެއް ނުވާ ނިޢުމަތްތައް ހުރީ އާޚިރަތުގައެވެ. ޙަޤީޤީ ބާއްޖަވެރިކަން ވަނީ އުޚްރަވީ ޙަޔާތުގައެވެ. މި ބާއްޖަވެރިކަން ޙާސިލުވާނީ ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި ނުޖެހި ﷲއަށް ކިޔަމަންތެރިކަން އަދާކުރާ މީހުންނަށެވެ. ޢުމުރުގެ ދުވަސްތައް ހެޔޮއަމަލު ކުރުމުގައި ހޭދަކުރާ މީހުންނަށެވެ. ފާފަތަކާ ދުރުހެލިވެ، ތައުބާވުން މަތީގައި ދެމިތިބޭ މީހުންނަށެވެ. ފުރިހަމަ ގޮތުގައި ދުންޔަވީ ޙަޔާތުގެ ބޭނުން ހިފައި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް އަވަސްވެ ގަންނާށެވެ!
ސުވަރުގެ ދިއުމުގެ މަގަކީ، ތަކުލީފުތަކާއި އުނދަގޫތަކުން ވަށާލެވިފައިވާ ދަތި އުނދަގޫ މަގެކެވެ. ” ސުވަރުގެ ވަށާލެވިފައިވަނީ ކުރުމަށް ހިތް ނޭދޭ ކަންތައްތަކުންނެވެ. އަދި ނަރަކަ ވަށައިލެވިފައި ވަނީ، ހިތްއެދޭ ކަންތައްތަކުންނެވެ.”