ނަޞޭޙަތާއި އިރުޝާދު
ތިބާގެ ދުޢާ އިޖާބަ ނުވަނީތަ؟ މިކަންކަމުގައި ހިފާށެވެ.

ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަން ބޭނުންކަމުގައިވަނީނަމަ : –

1.މާތް ﷲއަށް ޚާލިޞްކޮށް ދުޢާ ކުރާށެވެ.

2.ކެތްތެރިވާށެވެ.

3.ހުރިހާ ފާފަތަކުން ތައުބާވާށެވެ.

4. ޙަލާލު ތަކެތި ފިޔަވައި އެހެން އެއްޗެއް ނުކެއުމަށް ސަމާލުވާށެވެ.

5. ﷲއާއި މެދު ރަނގަޅަށް ވިސްނާށެވެ. ތިމާއާމެދު ކަންތައްވެގެންދާނީ އަބަދުވެސް ރަނގަޅަށް ކަމަށް ވިސްނާށެވެ. ތިމާއަށް ދެރަގޮތެއް އެއިލާހު މެދުވެރި ނުކުރައްވާނެކަން ޔަޤީން ކުރާށެވެ.

6. ދުޢާކުރާއިރު ތިބާގެ ހިތް ޙާޟިރުކުރާށެވެ. އަދި ތިބާ ކުރާދުޢާގެ މާނައާމެދު ވިސްނާށެވެ. ތިބާ، ދުޢާ ތިޔަކުރަނީ ޢާލަމްތަކުގެ ވެރި އިލާހަށްކަން ހިތްމައްޗަށް ގެނެސްގަންނާށެވެ.

7. ދުޢާކުރުމުގައި ހައްދުފަހަނަޅައި ނުދާށެވެ. ތިބާއަށް އެކަށީގެންނުވާ ކަމަކަށް އެދި ދެންނެވުމާއި، ﷲ ތަޢާލާ ދެއްވާފައިވާ ޚަބަރަކާއި ޚިލާފަށް ކަންތައްވެގެން ދިއުމަށް އެދި ދުޢާ ކުރުމާއި، ޙަރާމްކަމަކަށް މަގުފަހިކޮށްދެއްވެވުން އެދި ދުޢާކުރުމާއި، އެއިލާހުގެ ޝަރީޢަތާ ޚިލާފުކަމެއް ކުރުމަށް ތައުފީޤްދެއްވެވުން އެދި ދުޢާކުރުންފަދަ ކަންތައް، ދުޢާކުރުމުގައި ހައްދުފަހަނަޅައި ދިއުމުގެތެރޭގައި ހިމެނެއެވެ.

8. ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރާށެވެ! ޙުޛައިފާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ.

9. ދުޢާކުރަންފެށުމުގެ ކުރިން ﷲއަށް ޙަމްދުކޮށް އެއިލާހަށް ރިވެތިވެގެންވާ ޘަނާއިން ޘަނާ ދަންނަވާށެވެ! އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރާށެވެ! އެއަށްފަހު ދުޢާކުރުމުގައި ކުރިޔަށް ދާށެވެ!

10. ޤިބުލައަށް ކުރިމަތިލައިގެންހުރެ ދުޢާކުރާށެވެ. އަދި ދުޢާކުރުމަށްޓަކައި އެންމެ ފުރިހަމަ ޢިބާރަތްތައް ބޭނުންކުރާށެވެ. ޤުރުއާނާއި ޞައްޙަ ސުންނަތުގައި ވާރިދުވެފައިވާ ދުޢާތަކަށްވުރެ ފުރިހަމަ، ޖާމިޢު މާނިޢު ދުޢާތަކެއްނުވެއެވެ.

11. ތަވާޟުޢުވެރިކަމާއި މަޑުމޮޅިކަމާއެކު ދުޢާކުރާށެވެ! ﷲގެ ރަޙުމަތަށް މުޙުތާޖުވެގެންވާ މީހެއްކަން ހިތްމައްޗަށް ގެނެސްގަނެ، އަމިއްލަ ފާފަތަކަށް އިޢުތިރާފުވާ ޙާލުގައެވެ. އަމިއްލަ ނަފްސަށް އެއްވެސް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ﷲތަޢާލާގެ މިންވަރުފުޅުންމެނުވީ ނުދެވޭނެކަން ޤަބޫލުކޮށް، އެއަށް އިޢުތިރާފުވާ ޙާލުގައެވެ. ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚުތާއެވެ! ﷲތަޢާލަގެ ޙާޟްރަތުގައި ނިކަމެތިވެ، މަޑުމޮޅިވެ، ރޮއެ އާދޭސްކުރާ ޙާލު ދުޢާކޮށްފިނަމަ، އެއިލާހުގެ ރަޙުމަތުން އޭނާ މަޙުރޫމް ނުވާނޭކަން ދަނެ، އެކަމަށްޓަކައި އުފާކުރާށެވެ!

12. ﷲތަޢާލާ މާތްކުރައްވާފައިވާ ވަގުތުތައް އިޚްތިޔާރުކޮށް އެވަޤުތުތަކުގައި ދުޢާކުރުން ގިނަކުރާށެވެ! ޢަރަފާތް ދުވަހާއި، ހުކުރުދުވަހާއި، ލައިލަތުލްޤަދްރިއާއި، ބަންގިއާއި ޤަމަތާއި ދެމެދާއި، ވާރޭވެހޭއިރާއި، ރޭގަނޑު ﷲތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާ ވަގުތާއި، ރޯދައަށް ހުންނައިރާއި، ސަޖިދައިގައި އޮންނަ ވަގުތު ފަދަ ވަގުތުތަކުގައެވެ.

13. ބަލިވެއުޅޭ ވަގުތާއި، އަނިޔާއެއްލިބެމުންދާ ވަގުތާއި، ދަތުރެއްމަތީވާ ވަގުތުގައިވެސް ދުޢާކުރުން ގިނަކުރާށެވެ! އެހެނީ އެވަގުތުތަކުގައި ކުރާ ދުޢާ ﷲތަޢާލާ އިޖާބަކުރައްވާކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަންގަވާފައިވެއެވެ.

14. ދެއަތް އުފުލައި ދުޢާ ކުރާށެވެ!

15. ކޮންމެވެސް ހެޔޮޢަމަލެއް ކުރުމަށްފަހުގައި ދުޢާކުރަން ފަށާށެވެ! ޞަދަޤާތެއް ކުރުމަށް ފަހު، ނުވަތަ އެފަދަ އެހެންވެސް ހެޔޮކަމެއް ކުރުމަށްފަހު ދުޢާކުރާށެވެ. މުސްލިމު އަޚެއްގެ ޙާޖަތެއް ފުއްދައިދީފި މީހެއްގެ ޙާޖަތް، ﷲތަޢާލާ ފުއްދަވައި ދެއްވާކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

16. ބާރަށް އަޑުލައި ދުޢާނުކުރާށެވެ! އަޅުގަނޑުމެން ދުޢާކުރަނީ ސިއްރާއި ފާޅުގައިވާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހަކަށެވެ.

17. ﷲތަޢާލާގެ، ރިވެތިވެގެންވާ ބަރަކާތްތެރި އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާ ކުރާށެވެ. ދަންނަވާ ކަމަކާއި އެންމެ ގުޅޭ އިސްމަފުޅެއް ބޭނުންކުރާށެވެ. މިސާލަކަށް ރަޙުމަތަށް އެދި ދަންނަވާއިރު ‘ޔާ ރަޙުމާނު ޔާ ރަޙީމް’ ފާފަފުއްސެވުމަށް އެދި ދަންނަވާއިރު ‘ޔާ ޣަފޫރު’ ބޭނުން ކުރާށެވެ.

 18. ﷲ ތަޢާލާ އިޖާބަ ނުކުރައްވައިފިނަމަ، ދުޢާ އިޖާބަކުރައްވާނޭ އެހެން އެއްވެސް ފަރާތެއްނުވާކަމާއި، ތިބާގެ ޙާޖަތްފުއްދައިދެވޭނޭ އެހެން އެއްވެސް ފަރާތެއް އެއިލާހު ސުބުޙާނަހޫވަތަޢާލާ ފިޔަވައި ނުވާކަމަށް، ތިބާގެ ދުޢާގައި ގިނަގިނައިން ކިޔާށެވެ.

19. އިބައިލާހު އިރާދަކުރައްވާނަމަ ދުޢާ އިޖާބަކުރައްވާފާނދޭވެ އޭ ބުނެ، ދުޢާ ނުކުރާށެވެ. އެގޮތަށް ދުޢާކުރުމުން ދޭހަވަނީ، އެ ދުޢާ އިޖާބަވުމަށް އޭނާ އެހާބޮޑަށް ބޭނުން ނުވާކަމެވެ. މިސާލަކަށް މީހެއްކައިރިން އެއްޗެއް ހޯދަން އުޅޭއިރު، ބޭނުމިއްޔާ ދިނަސް އެންމެ ރަނގަޅޭ ބުނެފިނަމަ ދޭހަވަނީ، އެ ނުލިބުނަސް އޭނައަށް ފުދޭ ކަމެވެ.

20. އެންމެ ފުރަތަމަ އަމިއްލަ ނަފްސަށްޓަކައި ދުޢާ ކުރާށެވެ! އެއަށްފަހު އެހެން މުސްލިމް އަޚުންނަށް ދުޢާ ކުރާށެވެ. އަދި މިދުޢާގައި މައިންބަފައިންނާއި، ޢިލްމުވެރިންނާއި، ޞާލިޙު އަޅުންނާއި، އެބަޔަކު ރަނގަޅުވުމުން އިސްލާމީ އުއްމަތަށް ފައިދާކުރާނޭ މީހުންތަށް ޚާއްޞަކުރާށެވެ.

21. ﷲގެ މަތިން ހަނދުމަކޮށް، ޢިލްމު އުނގެނި، އުނގެންނައިދޭ މަޖްލިސްތަކަށް ގިނަގިނައިން ޙާޟިރުވާށެވެ. ﷲތަޢާލާ، އެފަދަ މަޖިލިސްތަކަށް ޙާޟިރުވާ މީހުންގެ ދުޢާ އިޖާބަކުރައްވައި އެމީހުންގެ ފާފަފުއްސަވައި ދެއްވައެވެ.

22. ޙާޖަތަށްޖެހި މުޙުތާޖުވެފައިވާ ވަގުތު، އެކަމެއް ހިންމަވައިދެއްވާތޯ، ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހަށް އެންމެފުރަތަމަވެސް ދަންނަވާށެވެ! އެއިލާހީ ޙާޖަތަށްޖެހިފައިވާ މީހުންގެ ދުޢާ އިޖާބަކުރައްވާ އިލާހެވެ. އެހެން ހުރިހާ މަގެއް ބަންދުވެ ގޮތްހުސްވުމުން، އެއިލާހުގެ ޙަޟްރަތުގައި ދެންނެވުމުގެ ބަދަލުގައި، އެންމެފުރަތަމަވެސް އަދި އެންމެފަހުންވެސް ދަންނަވާ ފަރާތަކީ އެއިލާހުކަމުގައި ހަދާށެވެ.

ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚުތާއެވެ! މިހުރިހާ ކަމަކަށް ފަރުވާތެރިވުމާއެކުވެސް، ތިބާގެ ދުޢާ އިޖާބަ ނުކުރެވުނަސް، އުންމީދު ކަނޑާނުލާށެވެ. އެހެނީ ތިބާ އެދުނު ކަންތައް ހިންމަވައި ދެއްވުމުގެ ބަދަލުގައި، އެ ދުޢާގެ ސަބަބުން، ތިބާއަށް ކުރިމަތިވަމުންއައި އެތަކެއް މުޞީބާތަކުން އެއިލާހު ތިބާ ރައްކާތެރިކުރައްވަފާނެތެވެ. ނުވަތަ، ޤިޔާމަތްދުވަހަށް އެދުޢާތައް ރައްކާކުރެވިގެން މެނުވީ، ތިބާގެ ހެޔޮކަމުގެފަތް ބަރު ނުވާނެކަން އެއިލާހަށް އެނގިވޮޑިގަންނަވާތި، އެދުވަހަށްޓަކައި އެ ދުޢާ ރައްކާވެސް ކުރައްވަފާނެތެވެ.

މަސްދަރު: ދިސަލަފިއްޔާ

29