ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް، ހެއުކަމުގެ މަގަށް ރުޖޫޢަވުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މާދަމާ އަކީ ހިޖުރީ އާ އަހަރު ފެށޭ ދުވަހެވެ.އެހެންކަމުން، ކީރިތި ރަސޫލާﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރާއިމެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަން ވެއްޖެ ކަމެކެވެ. ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަންދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތް ކަމެކެވެ. އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް، ހެއުކަމުގެ މަގަށް ރުޖޫޢަވުމެވެ. ކީރިތިރަސޫލާﷺ ގެ އަރިހުން އައިސްފައިވެއެވެ. މާނައީ: ”ކީރިތި ރަސޫލާﷺ ގެ އަރިހުގައި މީހަކު ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލުﷺ ޙަދީތް ކުރެއްވިއެވެ. އެއީ، ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތަކާ ދުރުވުމެވެ.“