ޚަބަރު
ބުނާ ބަހަކުން އަޅާ ފާފަވެރިވެ، ނަރަކައަށް ވަންނަން ޖެހޭ ފަދައިން ބަސްމަގު ރިވެތި ކުރުމަކީ ސުވަރުގެ ލިބުން ޙައްޤުވާ މަތިވެރި އަމަލެއް: ހުކުރުޚުތުބާ

ބުނާ ބަހަކުން އަޅާ ފާފަވެރިވެ، ނަރަކައަށް ވަންނަން ޖެހޭ ފަދައިން ބަސްމަގު ރިވެތި ކުރުމަކީ ސުވަރުގެ ލިބުން ޙައްޤުވާ މަތިވެރި އަމަލެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މުސްލިމެއްގެ ޙަޔާތުގައި ނުބައި ބަސްތަކަށް އެއްވެސް ޖާގައެއް ލިބިގެނެއް ނުވެއެވެ. އޭނާގެ މުޅި ޙަޔާތް ބިނާކުރަން ޖެހޭނީ ހެޔޮ ކަންތައްތައް  ކުރުމާއި، ހެޔޮ ބަސްތައް ބުނުމުގެ މަތީގައެވެ. ހެޔޮ ބަހުގެ ސަބަބުން ސަފުތައް ސިދާވެ މީސްތަކުން އެއްގަލަކަށް އަރާފައި ވެއެވެ. ހިތްތައް އެކުވެރިވެފައި ވެއެވެ. ހަތުރުވެރިން އެކުވެރިންނަށް ބަދަލުވެފައިވެއެވެ. ދުރުމީހުން ގާތްމީހުންނަށް ވެފައިވެއެވެ.  ދޭދޭ މީހުން މެދުގައި ހުރި ރުޅިވެރިކަން ފިލައި އިސްލާޙްވެފައި ވެއެވެ. އެއްދުވަހަކު މީހަކު ރަސޫލާ ﷺ އަރިހަށް އައިސް އޭނާއަށް ސުވަރުގެ ވަދެވޭނެ ކަމެއް ވިދާޅުވެ ދެއްވުމަށް ދެންނެވިއެވެ. އެހިނދު ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. މާނައީ: “ތިބާގެ މައްޗަށް އޮތީ ބަސްމަގު ރިވެތިކުރުމާއި ސަލާމް ކުރުން ގިނަކުރުމެވެ.” ބުނާ ބަހަކުން އަޅާ ފާފަވެރިވެ، ނަރަކަށް ވަންނަން ޖެހޭ ފަދައިން ބަސްމަގު ރިވެތި ކުރުމަކީ ސުވަރުގެ ލިބުން ޙައްޤުވާ މަތިވެރި އަމަލެއްކަން މި ޙަދީޘް އިން އެގެއެވެ.

 

ހެޔޮ ބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާހުރި މޭވާއެކެވެ. އެއީ ހިނިތުންވުން ގެނެސްދޭ ކަމެކެވެ. ހެޔޮ ބަސް ބުނެ އުޅުމަކީ  ވާހަކަ ދައްކާ މީހާގެ ޝަހްސިއްޔަތު އަންގައިދޭ ކަމެކެވެ. އެއީ އޭނާގެ ފޭރާމެވެ.  އެއީ މީސްތަކުން ހިތްތައް ހުޅުވައިދޭ ތަޅުދަނޑިއެވެ. އެއީ މާތް ﷲގެ ހަޟްރަތަށް އޭނާގެ މެސެޖްތައް ގެންގޮސްދޭ ސަފީރެވެ. ހެޔޮ ބަހެއް މެނުވީ މާތް ﷲ ގެ ޙަސްރުތަކަށް ނުފޯރާނެއެވެ. މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މަނާގައިވެއެވެ. “ރަނގަޅު ބަސްތައް އުފުލިގެން ދަނީ، އެކަލާނގެ ޙަޟްރަތަށެވެ. އަދި ޞާލިޙް ޢަމަލު އެކަލާނގެ ޙަޟްރަތަށް އުފުލައްވަތެވެ.”

1