މާތް ﷲއަށް ވަކީލުކުރުން:
އީމާންތެރިކަމުގެ ވަރުގަދަކަމާއި މާތްﷲއަށް ވަކީލުކުރުމަކީ ނަޞްރާއި ކާމިޔާބީއާއިހަމައަށް ގެންގޮސްދޭ ފާލަމެވެ.
ޢުމަރު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. ”ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. «لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا يُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا» (رواه الترمذي) ”ތިޔަބައިމީހުން ﷲ އަށް ވަކީލު ކުރުން ޙައްޤު ގޮތުގައި ވަކީލުކުރަނީނަމަ، އެކަލާނގެ ދޫނި ސޫފާސޫތްޕަށް ރިޒުޤު ދެއްވާފަދައިން، ތިޔަބައިމީހުންނަށް ވެސް، ރިޒުޤު ދެއްވީހެވެ. އެސޮރުމެން ހެނދުނު އުދުހިގެންދަނީ، ހައިބަނޑާ ތިބގެންނެވެ. އަދި ހަވީރު އެނބުރި އަންނަނީ ބަނޑުބޮޑުވެ ތިބެގެންނެވެ.“ (رواه الترمذي)
މާތް ﷲ އަށް ވަކީލު ކުރުން ބިނާވެފައި ވަނީ ދެކަމެއްގެ މައްޗަށެވެ. އެއްކަމަކީ، އެއިލާހަށް އީމާންވެ، ފުރިހަމައަށް އެއިލާހަށް އިތުބާރާއެކު ކަންކަމުގައި ބަރޯސާވުމެވެ. އަދި ކަންކަމުގެ ސަބަބުތައް ލެއްވެވީ އެއިލާހުކަމާއި، އެކަންކަން ހިނގަނީ އެއިލާހުގެ ޤުދުރަތްތެރިކަމުންކަމަށް އީމާންވުމެވެ. ދެވަނަކަމަކީ، ކަންކަމުގެ ސަބަބަތުކަގައި ހިފައި، މަސައްކަތް ކުރުމެވެ.
ނިޢްމަތްތަކަށް ޝުކުރުވެރިވުން:
ކާމިޔާބު ލިބޭނީ ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެންނެވެ. ނިޢުމަތްތަކަށް ފުރިހަމައަށް ޝުކުރުކޮށްގެންނެވެ. އަންފާލް ސޫރަތުގެ 26 ވަނަ އާޔަތުގައި ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ބާރުއަޅުއްވައިފައިވެއެވެ. وَرَزَقَكُم مِّنَ الطَّيِّبَاتِ لَعَلَّكُمْ تَشْكُرُونَ
އަދި ރަނގަޅު ތަކެތިން ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكرވެރިވުމަށްޓަކައެވެ.(އަލްއަންފާލް:26)
ދުރާލާ ތައްޔާރުވުން އަދި އާދަވެ ހުނަރާއި ތަމްރީން ހޯދުން:
ދުރާލާ ތައްޔާރުވުމަކީ ކާމިޔާބުގެ މަންޒިލަށް ވާޞިލުވުމަށް ކުރާ ދަތުރު ނިޔާމަކޮށްދޭ އެންމެ މުހިއްމު ސަބަބެވެ. އަންފާލު ސޫރަތުގެ 60 ވަނަ އާޔަތުގައި މާތް ﷲ މުސްލިމުންނަށް އަންފަވާފައިވަނީ ކާފަރުންނާއި ދެކޮޅަށް ކުޅަދާނަވީހައި ބާރެއް ތައްޔާރުކުރުމަށެވެ.
وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ
އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން اللَّه ގެ عدوّ ންނާއި، ތިޔަބައިމީހުންގެ عدوّ ންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. (60)
ދުރާލާ ތައްޔާރުވުމުގެ ގޮތުން ހެޔޮ އާދަތައް އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ހެޔޮ އާދަތަކުގެ ނަތީޖާ ކައިރި މުސްތަޤްބަލުގައި ތިބާއަށް ނުފެނިދާނެއެވެ. އެކަމަކު ދާއިމީކޮށް ރަނގަޅު ކަމެއް ކުރާނަމަ އޭގެ ފޮނި ނަތީޖާ ތިބާއަށް ލިބޭނެކަން ޔަޤީންކުރާށެވެ. ހަނދާނުގައި ބަހައްޓަންވީ ހާސް މޭލުގެ ދަތުރުވެސް ފެށެނީ އަޅާލެވޭ އެންމެ ފިޔަވަޅަކުން ކަމެވެ.
ގިނަގިނައިން ޛިކުރުކުރުމާއި ހެޔޮލަފާ ޞާލިޙްކަންމަތީގައި ދިރިއުޅުން:
ނަޞްރާއި ކާމިޔާބުގެ މަގަށް ވާޞިލުވާން ބޭނުންވާ މީހާ ގެ ކޮއްތަކީ ގިނަގިނައިން ޒިކުރުކުރުން ކަމުގައި ހަދަންޖެހެއެވެ. އެހެނީ މާތް ﷲގެ މަތިން ހަނދުމަކުރުމާއި އެ އިލާހަށް ބިރުވެތިވުމަކީ މާތްﷲ ގެ މަދަދާއި ތައުފީޤުލިބުމުގެ އެންމެ މުހިއްމު ސަބަބެވެ. ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި މި ޙަޤީޤަތްވަނީ ކަށަވަރުކުރައްވައިފައެވެ. މިގޮތުން އަންފާލް ސޫރަތުގައި އައިސްފައިވެއެވެ.
وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴿٤٥﴾
އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.
ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.
﴿وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴾ [سورة الطلاق 4]
މާނައީ: “އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”
﴿ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا [2] وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ﴾ [سورة الطلاق 2-3]
މާނައީ: “އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް މުޞީބާތުން ނިކުތުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.”
އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
﴿وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ ﴾ [سورة الأعراف 96]
މާނައީ: ”އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.”
ދަމުނަމާދުކުރުން:
((يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي، فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ)) أخرجه البخاري ومسلم
[އަހަރެމެންގެ ރައްބު تبارك وتعالى، ކޮންމެ ރެއަކު ރޭގަނޑުގެ ތިންބައިން ފަހުބަޔަށް ވެފައިވަނިކޮށް ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވައެވެ. އެއިލާހު ވަޙީކުރައްވައެވެ.
ތިމަންއިލާހަށް ދުޢާކުރަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ. ފަހެ އެމީހަކަށް ދެއްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާދެއްވާނަމެވެ.]
ދަމުނަމާދުކުރުމުގެ ފައިދާތަކުގެ ތެރޭގައި މާތް ﷲއާ ކުއްތަންވުމާއި، ފާފަތައް ފުހެވިގެންދިޔުމާއި، ފާފަތައްކުރުމާއިމެދު ހިތުގައި ނަފުރަތުކަމެއް އުފެދިގެންދިޔުމާއި، އުޚުރަވީ ނިޢުމަތްތަކަށް ޝައުޤުވެރިވުމާއި، ދުޢާ އިޖާބަވުމާއި، މޫނު އުޖާލާވުމާއި، ހިތް އަލިވުމާއި، ޝަޚްޞިއްޔަތު ހަރުދަނާވުމާ އަދި ބަލިތަކަށް ޝިފާލިބުން ހިމެނެއެވެ.
ހަށިން ކަންނެތްކަމުގެ ހިރަފުސްތައް ފޮޅާލުން އަދި ހިއްމަތްތެރިކަން އިތުރުކުރުން
ހިއްމަތުގެ އަހުލުވެރިޔަކަށްވުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ ފައިދާހުރި ބޮޑެތި ކަންކަމުގައި މަޝްޣޫލުވުމުގެ ތައުފީޤުދެއްވަވާތޯ ދުޢާކުރުމެވެ. ދެވަނަ ކަމަކީ ތިބާގެ ލަނޑުދަނޑިތައް ޙާސިލުވުމުން ލިބޭނެ ބާއްޖަވެރިކަމާއިމެދު ވިސްނުމެވެ. އިބުނުލް ޖައުޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.“ من تذكر حلاوة العاقبة نسي مرارة الصبر“ ނިމޭކޮޅުގެ ފޮނިކަން ހަނދާންވާނަމަ، ކެތްތެރިކަމުގެ ދުވަސްތަކުގެ ހިތިކަން ހަނދާންނެތޭނެއެވެ.“. ތިންވަނަ ކަމަކީ ހިއްމަތުގެ އަހުލުވެރިންނާއިއެކު ވަގުތުހޭދަކުރުމެވެ. ހަތަރުވަނަ ކަމަކީ ކުރިޔަށްދާނެގޮތުގެ ޕުލޭނެއް ހަދާ، އެ ޕުލޭނުގައި ވަރުގަދަޔަށް ހިފެހެއްޓުމެވެ. ފަސްވަނަކަމަކީ النفس الأمارة بالسوء ނުވަތަ ނުބައި ކަންކަމަށް އަމުރުކުރާ ނަފުސުން ތިބާ ކަންނެތްކަމުގެ މަގަށް ދިޔުމަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަނުދިނުމެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ. ( إنَّ اللهَ تعالى يُحِبُّ مَعاليَ الأُمورِ، وأَشرافَها، ويَكرَهُ سَفْسافَها ) صححه الألباني މާނައީ: “ ހަމަކަށަވަރުން އެކަންކަމުގެ މަންފާ ބޮޑު ބޮޑެތި އަދި ޝަރަފުވެރި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލްވުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑުވެގެންވާ ކަމެކެވެ. ބޭކާރު ކުދިކުދި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލުވުމަކީ އެކަލާނގެ ނުރުއްސަވާ ކަމެކެވެ.“