ޚަބަރު
ޢީދު ދުވަހު ކުޅިވަރުތައް ކުޅެ, އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚްލާޤީ އިމުން ބޭރު ނުވާ ގޮތަށް: ހުކުރު ޚުޠުބާ

ޢީދު ދުވަހު ކުޅިވަރުތައް ކުޅެ, އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚްލާޤީ އިމުން ބޭރު ނުވާ ގޮތަށް ކަމަށާއި ތިމާގެ އަމިއްލަ ނަފްސާއި އެހެން މީހުންނަށްވެސް ގެއްލުމާއި އުންދަގޫތައް ނުވާނެ ގޮތަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. އެގޮތުން ޢާއްމު މަޞްލަޙަތައްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދު ތަކާވެސް ޚިލާފު ނުވުމަށް ގޮވާލެއްވިއެވެ.

’ޢަރަފާތް ދުވަހުގެ މާތްކަން‘ މި މައުޟޫޢުއަށް ދެއްވި މިޚުޠުބާގައި ޢަރަފާތްދުވަހުގެ މާތް ކަމާއި މަތިވެރިކަމާ ބެހޭގޮތުން ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން އަޅުގަނޑުމެން ވޭތުކުރަމުން މިދަނީ ހެޔޮ ޢަމަލުކުރުން الله ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ދުވަސްވަރު ކަމަށާއި މި ދުވަސްތައް ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަށް ވުރެވެސް މާތްކަމުގައި ވިދާޅުވިއެވެ.

އަދި ހަމައެފަދައިން, ޢަރަފާތް ދުވަހަށް ވުރެ ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވާ ކަމަށާއި އެދުވަހަކީ މާތް الله އެކަލާނގެ އަޅުތަކުންގެ ކިބައިން އަހުދު ކަށަވަރު ހިއްޕެވި ދުވަސް ކަމުގައި ވެސް ބަޔާން ކުރެއްވިއެވެ.

އަދި ހަމަ މިއާއެކު, ޢަރަފާތްދުވަހުގެ ރޯދައިގެ މާތް ކަމަށް އަލިއަޅުވާ ލައްވަމުން އެދުވަހުގެ ރޯދައިގެ ސަބަބުން އިސްވެ ދިޔައަހަރާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވާނެ ކަމެއް ކަމުގައި ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ޢަރަފާތް ދުވަހުގެ މާތް ކަމާ ގުޅޭ އެތައް ވާހަކަ އެއް ވަނީ މިއަދުގެ ޚުޠުބާގައި ގެނެސްދެއްވާފައެވެ.

ޚުޠުބާ ވިދާޅުވެލެއްވުމަށް: https://islamicaffairs.gov.mv/?p=6272

2