ނަޞޭޙަތާއި އިރުޝާދު
އެދުވަހެއްގައި އެންމެ ގިނަ އަޅުތަކުން ނަރަކައިން މިންޖުކުރެވޭ ދުވަހަކީ ޢަރަފާތުދުވަސް

ޢަރަފާތް ދުވަހަކީ ޤަދަރު އުފުލިގެންވާ މަތިވެރި ދުވަހެކެވެ. ދުޢާތައް އިޖާބަ ކުރެވޭ ދުވަހެކެވެ. އަދި އެދުވަހަކީ މީސްތަކުންގެ ފާފަ ފުއްސަވައި ނަރަކައިން ދިންނަވާ ދުވަހެކެވެ.

އިމާމް މުސްލިމް، ﷲ ތަޢާލާ ރުއްސުން ލެއްވެވި ޢާއިޝަތުގެފާނު ކިބައިން ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.

ما من يوم أكثر من أن يعتق الله فيه عبدأ من النار من يوم عرفة، وإنه ليدنو ثم يباهي بهم الملائكة فيقول: ما أراد هؤلاء؟.

މާނައީ: ” ﷲ ތަޢާލާ ޢަރަފާތް ދުވަހަށްވުރެ ގިނައިން އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަހެއް ނުވެއެވެ. އަދި އެއިލާހު މީސްތަކުންނާއި ކައިރިވެވޮޑިގަތުމަށްފަހު އެމީސްތަކުންނާމެދު މަލާއިކަތްބޭކަލުންނަށް مباهاةކުރެއްވުމާއެކު  ވަޙީ ކުރައްވާނެއެވެ. ފަހެ އެމީސްތަކުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ “

އެދުވަހުގެ ރޯދަ ހިފުމުން ދެއަހަރު ދުވަހުގެ ފާފަ ފޮހެވިގެން ދެއެވެ.

ޢަރަފާތް ދުވަހު ރޯދަ ހިފުމާއި ބެހޭ ގޮތުން ރަސޫލު ﷲ صلى الله عليه وسلم އާއި ސުވާލު ކުރެވުނެވެ. އެހިނދު ޙަދީޘްފުޅު ކުރެއްވިއެވެ. “يكفر السنة الماضية والسنة القابلة – އެބަހީ: ޢަރަފާތް ދުވަހުގެ ރޯދަ، ފާއިތުވެދިޔަ އަހަރުގެ ފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފޮހެލައެވެ.” (رواه مسلم).

މިދުވަހު ކުރުމަށް އެންމެ މޮޅުއިތުރުވެގެންވާ ދުޢާކަމަށް ރަސޫލު ﷲ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. “خير الدعاء دعاء يوم عرفة، وخير ما قلت أنا والنبيون من قبلي: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ” (رواه الترمذي وحسنه الألباني). މާނައީ: “އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތް ދުވަހު ކުރާ ދުޢާއެވެ. އަދި އެންމެ ހެޔޮ ދުޢާއަކީ ތިމަން ނަބިއްޔާއާއި ތިމަން ނަބިއްޔާގެ ކުރީގެ ނަބީބޭކަލުންވެސް ވިދާޅުވެފައިވާ: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ އެވެ.

 

 

 

0