ޙައްޖަކީ ޢަމަލުތަކުގެ ތެރެއިން އެންމެ މާތް އެއް ޢަމަލެވެ. ﷲ އާ އަޅާ ކުއްތަންވެވޭނެ އެންމެ މަތިވެރި އެއް އަޅުކަމެވެ. އެ އަޅުކަމެއްގެ އަސަރު މުޅި މީހާއަށް ކުރާ ތަރުބަވީ އަޅުކަމެއްވެސް މެއެވެ.
عَنْ ابنِ عَبَّاسٍ رَضِيَ اللهُ عَنْهُماَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((تَعَجَّلُوا إِلَى الْحَجِّ، يَعْنِيْ الْفَرِيْضَةَ، فَإِنَّ أَحَدَكُم لَا يَدْرِيْ مَا يَعْرِضُ لَهُ)) [صحيح الجامع الصغير برقم 2954]
މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް ރިވާވެގެންވެއެވެ. “ތިޔަބައިމީހުން ޙައްޖަށް އަވަސްވެގަންނާށެވެ! އެބަހީ ފަރުޟު ޙައްޖެވެ. ހަމަކަށަވަރުންވެސް ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ކަންދިމާވާނެގޮތެއް އެކަކަށްވެސް ނޭނގެއެވެ.”
ފާފަތައް ފުހެވޭ އަޅުކަމެއް ކުރުމަށްފަހު ދެން އެ ލިބޭ ހިތްހަމަޖެހުމަކީ ޙަޔާތް އައު ފެށުމަކުން ފަށަން ލިބޭ އިތުރު ޖޯޝެކެވެ.
އަޅަކު މަބްރޫރު ޙައްޖެއް ކޮށްފިނަމަ އޭގެ ސަބަބުން ފޭރާން ހަޑިމިލައިން ޠާހިރުވާފަދައިން ފާފަތަކުން އޭނާ ޠާހިރުވެދެއެވެ. عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ((مَنْ حَجَّ هَذَا الْبَيْتَ فَلَمْ يَرْفُثْ، وَلَمْ يَفْسُقْ، رَجَعَ كَيَومِ وَلَدَتْهُ أُمُّهُ)) [رواه البخاري] މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. “ޙައްޖުވުމުގެ ތެރޭގައި ޖިންސީކަންކަން ނުކޮށް، އުރެދުމެއް ނެތި މި ގެފުޅަށް ޙައްޖުކޮށްފިމީހަކު އެނބުރިދާހުށީ، އޭނާގެ މަންމަ އޭނާ ވިހޭ ދުވަސްފަދައިންނެވެ.” (މާނައަކީ އެއްވެސް ކުށްފާފައެއް ނުވާގޮތުގައެވެ. ސާފުކަންމަތީގައެވެ.)
އެހެން އަޅުކަންތަކާއި ޚިލާފަށް، ޙައްޖަކީ ހައްޓަށް ބުރަ އަދި މާލީގޮތުން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ އަޅުކަމެކެވެ. ޙައްޖުކުރުމުގައި އެތައް ރާސްތާއަކަށް ފައިމަގުގައި ހިނގަންޖެހެއެވެ. މިނާ، ޢަރަފާތު އަދި މުޒްދަލިފާގައި ބައިބޯކަމުގެ ސަބަބުން އެތައް އުނދަގުލެއް ތަޙައްމަލުކުރަން ޖެހެއެވެ. ޢާއްމު ދިރިއުޅުމުގައި ކިޔޫގައި ނުޖެހި ފަސޭހައިން ކުރެވޭކަންކަންވެސް، ޙައްޖުގައި ކުރަންޖެހެނީ ކިޔޫތަކުގައި ޖެހިގެންނެވެ. ޒުވާން ޢުމުރުގައި ޙައްޖުކުރަންވީ އެންމެ ބޮޑު އެއް ސަބަބަކީ މިއީއެވެ.