ނަޞޭޙަތާއި އިރުޝާދު
ޤުރުއާން ހިތުދަސްކުރުމުގެ މާތްކަން

ކީރިތި ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އެއީ އިންސާނުން ޖާހިލުކަމުގެ އަނދިރިން އީމާންކަމުގެ އަލިކަމަށް ގެނެސްދިން އިލާހީ ނޫރެވެ. އެއީ ޤިޔާމަތާ ހަމައަށް ރައްކާތެރި ކުރައްވައިފައިވާ އެންމެ މަތިވެރި މުޢުޖިޒާތެވެ. ކަން މިހެން އޮތްއިރު އެ ބަސްފުޅުތައް އެ މީހެއްގެ ހިތުގައިވާ މީހާގެ މާތްކަމާއި ޝަރަފާ މެދު ވިސްނައިބަލާށެވެ! މާތް ﷲ ގެ ޙަޟްރަތުން އޭނާއަށް އޮތް ރައްކާތެރިކަމާއި ތައުފީޤާ މެދު ނިކަން ވިސްނައިބަލާށެވެ! ދިރިއުޅުމުގައި ފޭލިވެ އަބާއްޖަވެރިވެފައިވާ ޙާފިޡަކާއި ދުވަހަކު ވެސް ދިމާވި ހެއްޔެވެ؟

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم  ކީރިތި ޤުރުއާން އެންމެ ބޮޑަށް ހިތުދަސް އަޞްޙާބުންނަށް މާތްކޮށް ހިތްތަވައި ޚާއްޞަކަމެއް ދެއްވެވިއެވެ. މުސްލިމުންގެ ކަންކަމުގެ ވެރީން ކަނޑައެޅުއްވުމުގައި އެކަލޭގެފާނު ޤުރުއާން ހިތުދަސް ޙާފިޡުންނަށް އިސްކަންދެއްވެވިއެވެ. އަދި ނަމާދުގައި އިމާމަކު ކަނޑައެޅުމުގައި ވެސް ޤުރުއާން އެންމެ ބޮޑަށް ދަންނަ މީހަކު އިސްކުރުމަށް އެކަލޭގެފާނު އެނގެވިއެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވާފައިވެއެވެ: ”ހަމަކަށަވަރުން މީސްތަކުންގެ ތެރޭގައި ﷲ އަށް (ޚާއްޞަ) ބަޔަކުވެއެވެ.” އަޞްޙާބުބޭކަލުން ދެންނެވިއެވެ: ”އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކޮން ބައެއްތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ”އެ މީހުންނަކީ ޤުރުއާނުގެ އަހުލުވެރީންނެވެ. އެއީ ﷲ ގެ އަހުލުވެރީންނެވެ. އަދި އެއީ އެކަލާނގެއަށް ޚާއްޞަ ވެގެންވާ ބައެކެވެ. (އެބަހީ: އެބައިމީހުންނީ ޚާއްޞަ ލޮބުވެތިކަމަކާއި ޤަދަރެއް ﷲ ދެއްވާފައިވާ ބައެކެވެ.)” (رواه ابن ماجه)

ކީރިތި ޤުރުއާނުގެ އަހުލުވެރިޔާއަށް ދުނިޔެމަތީގައި ދެއްވޭ ޤަދަރަކީ އޭނާއަށް އާޚިރަތުގައި ދެއްވޭ ނިޢުމަތްތަކާ އަޅާ ބަލާއިރު ވަރަށް ކުޑަކުޑަ މިންވަރެކެވެ. އާޚިރަތުގައި ޤުރުއާން ހިތުދަސް ޙާލު، ކިޔަވާ މީހާ ވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ. މާތް ﷲ ވަނީ ޙާފިޡުންނަށް ސުވަރުގޭގައި މަތިވެރި ދަރަޖަތަކެއް ތައްޔާރުކުރައްވާފައެވެ. ޤިޔާމަތްދުވަހު އެބައިމީހުންނަށް ބުނެވޭނެއެވެ. ”ތިބާ ކިޔަވާށެވެ! އަދި (ސުވަރުގޭގައި) ތިބާގެ ދަރަޖަ މަތިވެރި ކުރަމުންދާށެވެ! އަދި ތިބާ ދުނިޔޭގައި ތަރުތީލުމަގުން އެ ފޮތް ކިޔަވައި އުޅުނު ފަދައިން، ލަސްލަހުން، ތަރުތީލުކޮށް ކިޔަވަމުންދާށެވެ! ފަހެ، ހަމަކަށަވަރުން، (ސުވަރުގޭގައި) ތިބާގެ މަންޒިލަކީ، އެންމެފަހުން ތިބާ ކިޔަވާ އާޔަތަކުން ތިބާއަށް ފޯރި ހިސާބެކެވެ.” (رواه أبو داود والترمذي)

މީސްތަކުން ﷲ ގެ ރަޙްމަތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ޤިޔާމަތް ދުވަހު ޤުރުއާން އޭގެ އަހުލުވެރީން ނަރަކައިގެ ޢަޛާބުން ސަލާމަތް ކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި އެދޭނެއެވެ. ޤިޔާމަތް ދުވަހު ޤުރުއާން އައިސް ބުނާނެއެވެ. ”އޭ ރައްބެވެ! އޭނާ ޒީނަތްތެރި ކޮށްދެއްވާށެވެ! އެހިނދު އޭނާގެ ބޮލުގައި މާތްކަމުގެ ތާޖެއް އެޅުވޭނެއެވެ. އަނެއްކާ ވެސް ޤުރުއާން އެދޭނެއެވެ. އޭ ރައްބެވެ! އޭނާއަށް އިތުރުކޮށްދެއްވާށެވެ! އެހިނދު މާތްކަމުގެ ފޭރާމެއް އޭނާއަށް ލެއްވޭނެއެވެ. އަނެއްކާ ވެސް ޤުރުއާން ބުނާނެއެވެ. އޭނާއާ މެދު ރުހިވޮޑިގަންނަވާށެވެ! ދެން އޭނާއާ މެދު އެ އިލާހު ރުހިވޮޑިގަންނަވާނެއެވެ. (رواه الترمذي وحسنه الألباني)

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ޞައްޙަ ޙަދީޘް ބަސްފުޅުތަކުން ޘާބިތުވާ ގޮތުގައި ކީރިތި ޤުރުއާން ހިތުދަސްކުރި މިންވަރަކުން ޤިޔާމަތް ދުވަހު މުއްމިނުއަޅާއަށް ސުވަރުގޭގެ މަތިވެރި ދަރަޖަތައް ދެއްވޭނެއެވެ. އަދި ޙާފިޡުންނަށް އެ ދުވަހުގައި މާތްވެގެންވާ ޝަރަފުގެ ތާޖެއް އެޅުވޭނެވެ. އަދި މާތްވެގެންވާ ފޭރާމެއް ލެއްވޭނެވެ. އަދި ކޮބައިތޯއެވެ! އެ ޙާފިޡުގެ މައިންބަފައިންނަށް އެ ދުވަހުގައި މަތިވެރި ޝަރަފެއް ދެއްވޭނެއެވެ. އެއީ އެ ދެމަފިރިން އެނާއަށް ޤުރުއާން ހިތުދަސްކޮށްދިނުމަށް ދިން ޤުރުބާނީއަށް ޓަކައެވެ.

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙާދީޘްކުރެއްވިއެވެ: ”ޤުރުއާން ކިޔަވައި އަދި އުނގަންނައިދީ އަދި އެ އާ އެއްގޮތަށް ޢަމަލުކުރި މީހާގެ މައިންބަފައިންގެ ބޮލުގައި ނޫރުން ވާ ތާޖެއް ޤިޔާމަތް ދުވަހު އެޅުއްވޭނެއެވެ. އޭގެ އަލިކަން އިރުފަދައެވެ. އަދި އޭނާގެ މައިންބަފައިނަށް ދެ ފޭރާން ލެއްވޭނެއެވެ. މުޅި ދުނިޔެއަށް ވުރެ އޭގެ އަގު މަތިވެރިވެގެންވެއެވެ. އެ ދެ މީހުން ބުނާނެއެވެ. އަހުރެމެންނަށް މި ތަކެތި ދެވުނީ ކީއްވެގެން ހެއްޔެވެ؟ އެހިނދު ބުނެވޭނެއެވެ. އެއީ ތިޔަ ދެ މީހުންގެ ދަރިފުޅު ޤުރުއާނުގައި ހިފުމުގެ (ދަސްކޮށް ޢަމަލުކުރުމުގެ) ސަބަބުންނެވެ.” (رواه الحاكم) އަދި އެހެން ރިވާޔަތެއްގައިވެއެވެ: “އެއީ ތިޔަ ދެ މީހުންގެ ދަރިފުޅަށް ޤުރުއާން އުނގަންނައި ދިނުމުގެ ސަބަބުންނެވެ.” (رواه الطبراني)

ޤުރުއާން ހިތުދަސްކުރުމީ ވަކި ޢުމުރަކަށް އޮތް ކަމެއް ނޫނެވެ. ވަރަށް ގިނަ އަޞްޙާބު ބޭކަލުން ޤުރުއާން ހިތުދަސްކުރެއްވީ ދޮށީ ޢުމުރުގައެވެ. މި ޒަމާނުގައި ވެސް ދޮށީ ޢުމުރުގައި ޤުރުއާން ދަސްކުރާ ބޭފުޅުން ވަކި މަދެއް ނޫނެވެ. ހަޔާތުގެ މަސްއޫލިއްޔަތުގެ ސަބަބުން ކިތަންމެ ބިޒީ ވިޔަސް ޤުރްއާން ހިތުދަސްކުރުން ދޫކޮށްނުލާށެވެ! މަޑުމަޑުން ކުރިއަށް ދާނީއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި ޤުރްއާނުގެ ސަބަބުން މާތް ﷲ ތިބާގެ ޙަޔާތުގައި ބަރަކާތް ލައްވަވާނެތެވެ. ޙަޔާތުގެ ކަންކަން ލުއިފަސޭހަ ކޮށްދެއްވަވާނެތެވެ.މިއީ ވަރަށް ގިނަ ޙާފިޡުން ބުނާ ވަހަކައެކެވެ. ތިމަންމެންގެ ޙަޔާތުގައި ކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ ކީރިތި ޤުރުއާނެވެ.

ޙަޔާތުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް ނިންމައިލުމުގެ ނަސީބު ނުލިބުނުކަމުގައި ވީ ނަމަވެސް ދެރަ ނުވާށެވެ! ﷲ ތިބާގެ ނިޔަތަށްޓަކައި އަދި މަތިވެރި ޢަޒުމަށްޓަކައި ޘަވާބު ދެއްވާނެއެވެ. އެގޮތުން ހެޔޮ ޢަމަލެއް ކުރުމުގެ ޢަޒުމުގައި މުސްލިމަކު މަސައްކަތްކޮށް ކާމިޔާބު ނުވިކަމުގައި ވީ ނަމަވެސް މާތް ﷲ އޭނާއަށް އެކަމުގެ ފުރިހަމަ ޘަވާބު ދެއްވައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ( އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރާ ޙާލު، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ ﷲ ގެ ޙަޟްރަތުގައި ޘާބިތުވެއްޖެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.) سورة النساء: 100. އަލް އިމާމް އިބުނު ކަޘީރު –رحمه الله- މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ: “އަދި މިއީ ހިޖުރުއާއި އަދި އެހެނިހެން އެންމެހައި ހެޔޮ ޢަމަލުތަކަށް އާންމު ޙުކުމެކެވެ.” އެހެންކަމުން އަޅުގަނޑުމެން އިޚްލާސްތެރިކަމާއި އެކު ވަރުގަދަ ޢަޒުމެއްގައި ޤުރުއާން ހިތުދަސްކުރުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ! އޭރުން ޢުޚްރަވީ ޙަޔާތާއި ދުނިޔެވީ ޙަޔާތަށްވެސް އުޖާލާކަން ލިބޭނެއެވެ! މާތް ﷲ އަޅާމެންނަށް އެ މަތިވެރި ޝަރަފު ދެއްވާށި! އާމީން!

5