މިއީ ޙައްޖުމަހުގެ ފުރަތަމަ ދުވަހެވެ. ފުން ނިދިން ހޭލެވުނީ ފޯނުގެ އެލާމުގެ އަޑަށެވެ. ފާޚާނާއަށް ވަދެ މޫނުދޮވެ ވުޟޫ ކޮށްގެން މަސްޖިދުލް ޙަރާމަށް ދިޔުމަށް އަވަސްވެގަތީމެވެ. މަސްޖިދުލް ޙަރާމަށް ދިޔުމަށް އޮންނަ މަގުގައި ހޭލަމޭލަވެ އުޅެމުން އެދަނީ އެކި ޤައުމުތަކުގެ ޙައްޖުވެރިންނެވެ. ޒުވާނުންނާއި މުސްކުޅިންނެވެ. ޢަރަބީންނާއި ޢަޖަމީންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. އެއްބަޔަކު ފައިމަގުގައެވެ. އަނެއް ބަޔަކު ކާރުތަކާއި ބަސްބަހުގައެވެ. ކިންގް ފަހުދު ގޭޓުން އެތެރެއަށް ވަދެ ދަމުނަމާދުކުރަން ފެށީމެވެ.
((يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي، فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ)) أخرجه البخاري ومسلم
[އަހަރެމެންގެ ރައްބު تبارك وتعالى، ކޮންމެ ރެއަކު ރޭގަނޑުގެ ތިންބައިން ފަހުބަޔަށް ވެފައިވަނިކޮށް ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވައެވެ. އެއިލާހު ވަޙީކުރައްވައެވެ.
ތިމަންއިލާހަށް ދުޢާކުރަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ. ފަހެ އެމީހަކަށް ދެއްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާދެއްވާނަމެވެ.]
މައްކާއަށް އައުމުގެ ކުރިން އަހަރެން ދަމުނަމާދެއް ނުކުރަމެވެ. އެކަމަކު ދެން މީގެފަހުން ކޮންމެ ރެޔަކުވެސް ދަމުނަމާދުކުރެވޭތޯ ބަލާނަމެވެ. ދަމުނަމާދު ކުރަން ފެށުމުން މާތްﷲ އާ ކުއްތަންވެވޭކަމުގެ އިޙްސާސްކުރެވެން ފެށިއެވެ. ސުވަރުގޭގެ ނިޢުމަތްތަކަށް ހިތުގައި ޚާއްސަ ޝައުގުވެރިކަމެއް އުފެދުނެވެ. ދަމުނަމާދުގެ ސަޖިދަތަކުގައްޔާއި ވިތުރީގެ ގުނޫތުގައި އަހަރެންގެ އަމިއްލަ ޙާޖަތްތައް ފުއްދަވައިދެއްވުންއެދި އޯގާވަންތަ އިލާހު ޙަޟްރަތުގައި ދެންނެވީމެވެ. މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ހެޔޮ ދުޢާކުރީމެވެ.
އިސާހިތަކު ފަތިސް ނަމާދުގެ ޖަމާޢަތްފެށުނެވެ. ޙަރަމްފުޅުގެ އިމާމުގެ އެ ރީތި ކިޔެވުމުގެ އަސަރު ހިތުގެ އެންމެ ހިމަ ނާރުތަކަކަށްވެސް ކުރިއެވެ. ނަމާދުކޮށް ނިމިގެން ޒިކުރު ކުރަން އިންދާ ކައިރީގައި ތިބި މިޞްރުގެ އަޚުންތަކެއް ޢަރަބި ޤަހްވަޔާއި އެކު ހެނދުނުގެ ލުއި ނާސްތާއެއްގައި ބައިވެރިވަން ދަޢުވަތުދިނުމުން އެމީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލީމެވެ. އެއަށްފަހު ޤުރުއާން ކިޔަވަން އިނީމެވެ.
«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» رواه الترمذي وصححه الألباني
މާނައީ:”ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް ا އަކީ އަކުރެކެވެ. ل އަކީވެސް އަކުރެކެވެ. އަދި م އަކީވެސް އަކުރެކެވެ.”
އިރުއަރާ 20 މިނިޓްފަހުން ދެ ރަކްޢަތް ނަމާދެއް ކުރުމަށްފަހު ޠަވާފްކުރަންފެށީމެވެ. އަހަރެމެން ތިބޭ ހޮޓެލްގައި ރޭގައި އޮތް ދަރުސްގައި ޠަވާފްގެ މާތްކަމާއި ބެހޭގޮތުން ޙައްޖު ގުރޫޕުގެ ޝެއިޚް ވަރަށް ތަފްސީލުކޮށް ވާހަކަ ދެއްކެވިއެވެ. އެ ދަރުސް ގެ ބައެއް ވާހަކަތައް މިހާރު ހަނދާންނެތެވެ. އެކަމަކު ޝެއިޚް ވިދާޅުވި އެއް ޙަދީޘް އަދިވެސް ހަނދާނުގައި އެބަހުރިއެވެ.
(لَا يَضَعُ قَدَمًا وَلَا يَرْفَعُ أُخْرَى : إِلَّا حَطَّ اللَّهُ عَنْهُ خَطِيئَةً ، وَكَتَبَ لَهُ بِهَا حَسَنَةً). وصححه الألباني في ”صحيح الترمذي“
ޠަވާފްކުރާއިރު އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ފާފައެއް ފުހެވި، ތިބާގެ ފަތުގައި ޙަސަނާއެއް ނުވަތަ ހެޔޮކަމެއް ލިޔުއްވޭކަން މި ޙަދީސުން އެނގެއެވެ.
ޠަވާފްކޮށްނިމިގެން އަހަރެމެން ތިބޭ ހޮޓަލަށް ދިޔަ މަގުމަތީގައި ޛިކުރުކުރީމެވެ.
((مَنْ قَالَ سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ)) رواه الترمذي وصححه الألباني
މާނައީ: “ سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ “މިފަދައިން ކިޔައިފިމީހާ ދަންނައެވެ. އޭނާއަށްޓަކައި ސުވަރުގޭގައި ކަދުރު ރުކެއް އިންދޭ ހުށްޓެވެ.”
އަހަރެންނާއި އެއްކޮޓަރިއެއްގައި އުޅޭ ކުޅުދުއްފުށީ މޫސައާއި އޭދަފުށީ އީސައާއިއެކު ހެނދުނުގެ ސައި ބުއީމެވެ. އެއަށްފަހު މަންމަމެންނާއިއެކު މަންމަމެން ތިބޭ ފްލޯގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކުޑަކޮށް އަރާމުކޮށްލީމެވެ. 11ޖެހިހާއިރު ތެދުވެ ފެންވަރައިގެން ޟުޙާ ނަމާދުކޮށްގެން ޙަރަމަށް ދިޔައިމެވެ. މެންދުރު ނަމާދުކޮށް ނިމިގެން ޤުރުއާންކިޔަވާލުމަށްފަހު ހޮޓަލަށް ދިޔުމަށް ހިނގައިގަތީމެވެ. ޖެހެމުންދިޔަ ވައިރޯޅިގައިވެސް ވަނީ ދިލަހޫނުކަމެވެ.
ކަރުހިއްކުން ފިލުވައިލުމަށް އައިސްކުރީމެއް ގަނެގެން އެ ބޮމުން ބޮމުން ނިކަން ބާރަށް ހިނގާފައި އަހަރެމެން ތިބޭ ހޮޓަލަށް ދިޔައިމެވެ. މެންދުރު ކޭ ގަޑީގައި ޙައްޖުވެރިން އެކި ވާހަކަ ދައްކަމުންދިޔައެވެ. މީގެ ދެ ދުވަސްކުރިން އައި ބައެއް ޙައްޖުވެރިންނަށް އަދިވެސް ސިމެއް ނުލިބޭ ކަމުގެ ޝަކުވާގެ އަޑުވެސް އިވުނެވެ. މާލޭގައި އަހަރެމެން އުޅޭ ހިސާބުގައި އުޅޭ ދެމަފިރިއެއްވެސް މި ޝަކުވާކުރިއެވެ. ކައި ނިމިގެން އެ ދެމަފިރިންނަށް ސިމެއް ހޯދައިދިނީމެވެ. އަހަރެން ޤަބޫލުކުރާގޮތުގައި ޙައްޖު ގުރޫޕުގެ އޮފިޝަލުންނާއި އެހީތެރިން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމުން ބައެއް ޙައްޖުވެރިން ކަންކަމަށް އެދުމުން އެ ކަންކަން ވަގުތުން ވަގުތަށް ކޮށްނުދެވިދާނެއެވެ. މިފަދަ ކަންކަން އެ ގުރޫޕުން އަންނަ ޒުވާން ޙައްޖުވެރިން ދެނެގަނެ ހެޔޮހިތުން ދަރުމަޔާއި ޘަވާބަށް އުއްމީދުކުރަމުން ވޮލަންޓިއަރ ކޮށްދިނުމަކީ އިސްލާމީ މަތިވެރި އާދައެކެވެ. އެންމެ މާތް ބިމުގައި ހުރެ، ހެޔޮކަމެއް ކުރަން ލިބޭ ފުރުޞަތު ނަގާއިލައިގެން ނުވާނެއެވެ.
އަހަރެން މައްކާއަށް އައުމުގެ ކުރިން ހީކުރި ވަރަށްވުރެވެސް މައްކާގެ ހޫނުމިން މާގަދަ އެވެ. ދިލަ ހޫނުގައި 3:30 ކަން ހާއިރު ޙަރަމްފުޅަށް ދިޔައިމެވެ. ޢަސުރުނަމާދުން ނިމިގެން ސަޢުދީ ޙައްޖު މިނިސްޓްރީގެ ހަދިއްޔަތުލް ޙާއްޖު ޗެރިޓީ އޮފީހަށް ގޮސް މީގެ 3 އަހަރުކުރިން ނިޔާވި މާމަ ނަމުގައި ޞަދަޤާތެއްކުރީމެވެ.
ޞަދަގާތްކުރިކަމުގެ ރަސީދާއިއެކު 2 ޒަމްޒަމްފުޅިއާއި ޙައްޖުތެރޭގައި އަތްމަތީ ގައި އަބަދުވެސް ގެންގުޅެންޖެހޭ ކުދިކުދި ސާމާނު އެ އޮފީހުގެ މުވައްޒަފެއް އަހަރެންނަށް ހަދިޔާކުރިއެވެ.
މަޣްރިބާއި އިޝާނަމާދު ދޭތެރޭގައި އެހެން ގުރޫޕުތަކުން އައިސް ދިވެހި ޙައްޖުވެރިންނާއި ބައްދަލުވެވުނެވެ. އިޝާނަމާދު ކޮށްނިމިގެން އެނބުރި ހޮޓަލަށް ދެވުނުއިރު 9 ގަޑި ބައި ވެއްޖެއެވެ. މީރު ދިވެހި ކެއުމަކަށްފަހު ވަގުތު ބޭކާރުނުކޮށް އަވަހަށް ނިދީމެވެ.
އޭގެ އަނެއް ދުވަހު ޙައްޖު ގުރޫޕުން މައްކާ ޒިޔާރަތް ދަތުރު ހަމަޖައްސާފައި އޮތެވެ. ހެނދުނުގެ ނާސްތާއަށް ފަހު ހުރިހާ ހައްޖުވެރިންވެސް ބަސްތަކަށް އެރިއެވެ. ޒިޔާރަތް ދަތުރުގައި އެންމެ ފުރަތަމަ ދިޔައީ ޘައުރު ފަރުބަދަ ބަލާށެވެ. ޘައުރު ފަރުބަދައަށް ދިޔަ މަގުމަތީގައި ރާޖްޙީ މިސްކިތް ފެނުނެވެ. މިއީ ވަރަށް ބޮޑު ރީތި މިސްކިތެކެވެ. ޘައުރު ފަރުބަދަ ހުންނަނީ މައްކާގެ ދެކުނު ބިތުގައެވެ. އެ ފަރުބަދައިގައިވާ ހޮހޮޅައަކީ ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ދަތުރުފުޅުގައި މުޝްރިކުންގެ ލޯތަކުން އެއްފަރާތްވެ ވަޑައިގެން އަބޫބަކުރުގެފާނާ ދެބޭފުޅުން ފިލައިވަޑައިގެން 3 ދުވަސްވަންދެން ތިއްބެވި ފަރުބަދައެވެ. އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާންގެ ޙައްޖުވެރިން ގަދަ ފޯރީގައި ފަރުބަދައަށް އަރާ ހޮހޮޅައިގެ ތެރެއަށް ވަދެ އެކިއެކި ބިދުޢީ ކަންކަން ކުރެއެވެ.
އެއަށްފަހު ދެން ދިޔައީ ޢަރަފާތު ބިމަށެވެ. ޢަރަފާތު ބިމަށް ދިޔަ މަގުމަތީގައި އުއްމުލް ޤުރާ ޔުނިވަރސިޓީ ފެނުނެވެ. މިފަދަ ތަންތަނާއި ބެހޭ މަޢުލޫމާތު ބަހުގައި އިން ޝެއިޚް ދެމުން ގެންދިޔައިރު ގިނަ މީހުން ތިބީ ނިދާފައެވެ.
2000ގެ ކުރީކޮޅުން ފެށިގެން ކޮންމެ އަހަރަކު ޙައްޖަށް އަންނަމުން ދިޔަ ބޭބެއެއް ޙައްޖުގެ މަޝާޢިރުތަކަށް އައިސްފައިވާ ބަދަލުތަކުގެ ވާހަކަ ކިޔައިދިނެވެ. އެ ބޭބެ ބުނި ގޮތުގައި 2000ގެ ކުރީކޮޅުވެސް ޢަރަފާތުބިން އޮންނަނީ ބޮޑު ސަހަރާއެއް ގޮތަށެވެ. އެކަމަކު މިހާރު ޢަރަފާތު ބިން ފެންނަނީ ވަރަށް ފެހި ކޮށެވެ.
ޢަރަފާތުގައިވާ މަސްޖިދު ނަމިރާއަކީ ކީރިތި ރަސޫލާ ﷺ ޙައްޖުދުވަހު ޙައްޖުވެރިންނާއިއެކު މެންދުރު ނަމާދާއި އަޞްރު ނަމާދުކުރެއްވި ތަނެވެ. މި މިސްކިތުގައި އެއްފަހަރާ 2 ލައްކައަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވެއެވެ.
ޖަބަލުލްރަޙްމާކައިރިޔަށްވެސް އަހަރެމެން ދަތުރުކުރަމުންދިޔަ ބަސް މަޑުކުރިއެވެ. ބައެއް މީހުން އެ ފަރުބަދަޔަށް އަރަންވެސް އެރިއެވެ.
އަރަފާތުގައި ހުންނަ އެންމެ ތާރީޚީ ތަނަކީ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާ އެވެ. ރަސޫލާ ﷺ ޙައްޖަތުލް ވަދާޢުގައި ދުޢާކުރައްވަން ހުންނެވީ މި ފަރުބަދަ ކައިރީގައެވެ.
ޢަރަފާތުން ނޫރު ފަރުބަދަޔަށް ދިޔަ މަގުމަތީގައި މުޒުދަލިފާގައި ހުންނަ މަސްޖިދު އަލްމަޝްޢަރުލް ޙަރާމްފެނުނެވެ. އަދި މިނާގެ ޓެންޓުތަކާއި މިނާގައި ހުންނަ ޚައިފު މިސްކިތާއި ޖަމަރާތުތައް ދެކުނީމެވެ. 20 މިނެޓް ތެރޭ ނޫރު ފަރުބބަދަޔަށް ދެވިއްޖެއެވެ. ނޫރު ފަރުބަދަޔަކީ ހިރާ ފަރުބަދައެވެ. ހިރާ ހޮހޮޅަ ހުންނަނީ މައްކާ އާ ގާތްގަނޑަކަށް 4 ކިލޯ މީޓަރު ދުރުގައެވެ. މިތަންވަނީ ނޫރު ފަރުބަދަ (ޖަބަލުއް ނޫރު) މަތީގައި 634 މީޓަރު އުހުގައެވެ. ހޮހޮޅައިގެ އަނމަތި ހުންނަނީ ސީދާ ކައުބާ އާ ދިމާވާ ގޮތަށެވެ.
ނޫރު ފަރުބަދަ އަކީ ދުރުންވެސް ފަސޭހައިން ފާހަގަ ކުރެވޭފަދަ ބައްޓަމަކަށް ހުންނަ ފަރުބަދަ އެކެވެ. ފަރުބަދައިގެ އެންމެ އުސްބައި ފެންނަނީ ޖަމަލުގެ ބުރަކަށިމަތީގައި އުފުއްލިފައި ހުންނަ ގުދުގެ ބައްޓަމަށެވެ.
ވަރަށް ކިޔާ ހިތުން ކިޔަމުން މި ދިޔައީ. ދެން ހުރި ބައިތަށް އަވަހަށް ނެރޭނެ ކަމަށް ހީކުރަން
https://youtu.be/ths1l4ftAo4