ހެޔޮކަމުގެ މި މޫސުމާއި ކުރިމަތިލާނީ ކިހިނެއް؟
މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތުގައި މާތްކުރެވިފައިވާ ހެޔޮކަމުގެ މި މޫސުމާ ކުރިމަތިލާނީ ކިހިނެއްތޯއެވެ؟ ހަމަޔަޤީނުންވެސް މިއީ އަހަރަކު އެއްފަހަރު ލިބޭނެ ފުރުޞަތެކެވެ. މި ފުރުޞަޠު ބޭނުންނުކެރެވި ފާއިތުވެއްޖެނަމަ، ދެން މި ފަދަ އެހެން ފުރުޞަތެއް ލިބޭނެކަމުގެ ޔަޤީންކަން އޮތީ އަޅުގަނޑުމެންގެ ތެރެއިން ކޮންބޭފުޅަކަށްތޯއެވެ؟ އަޅުގަނޑުމެންނާއެކު ފާއިތުވި އަހަރުގެ ޙައްޖު މަހުގައި އުޅުނު ބައެއް ލޮބުވެތި އަޚުންނާއި އުޚުތުން ވަނީ މި ހެޔޮކަމުގެ މޫސުމާއި ބައްދަލުވުމުގެ ކުރިން ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.
އެހެންކަމުން ބުއްދިވެރިނަނަކީ، މި ފަދަ ފުރުޞަތުތައް ނަގާނުލައި، ހެޔޮކަމުގެ މޫސުމެއްގެ ގޮތުގައި މި ދުވަސްތައް ބަލައިގަންނަ މީހުންނެވެ. ވުމާއެކު ތިރީގައި އެވަނީ މި މޫސުމުގެ ބޭނުން ހެެޔޮގޮތުގައި ކުރެވިދާނެ ބައެއް ގޮތްތަކެވެ.
1. މި ދުވަސްތަކާއި ބައްދަލުކުރާއިރު، ތެދުވެރި ތައުބާއަކުން ތައުބާވުން
އާދެ، ހެޔޮކަމުގެ މި މޫސުމާއި ބައްދަލުކުރާއިރު އަޅުގަނޑުމެންނަކީ، ތައުބަތުއް ނަޞޫޙާ ނުވަތަ ތެދުވެރި ތައުބާއަކުން ތައުބާވެ މި ދުވަސްތަކާއި ބައްދަލުކުރާ ބަޔަކަން ވާންޖެހެއެވެ. ހަމަކަށަވަރުން ﷲއަށް ތައުބާވެ، ކުރަމުން ދިޔަ ފާފަތައް ދޫކޮށް އެ އިލާހަށް ރުޖޫޢަވުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ކީއްތޯއެވެ؟ އަޅުތަކުން ﷲއަށް ތައުބާވުމަކީ އެ އިލާހު އެކަމަކަށް ލޯބިވވޮޑިގަންނަވާކަމެކެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.( يَا أَيُّهَا الَّذِينَ آَمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا)( އައްތަޙްރީމް-8) މާނައީ:”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި އިޚްލާސްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲއަށް ތައުބާވާށެވެ.” އަދިވެސް އެ އިލާހު ވޙީކުރައްވާފައިވެއެވެ.( إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ )( އަލްބަޤަރާ: 222) މާނައީ:” ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ޠާހިރުވާމީހުންދެކެވެސް އެ އިލާހު ލޯބިވެވޮޑިގަންނަވައެވެ”
2. ތެދުވެރިކަމާއެކު ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިހުރުމަށް ޢަޒުމު ކަނޑައެޅުމާއި ނުބައި ކަންތައްތަކުން ދުރުވުމަށް ޢަޒުމްކަނޑައެޅުން
މި މޫސުމާއި ބައްދަލުކުރާއިރު، އަޅުގަނޑުމެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް ޢަޒުމްކަނޑައަޅާށެވެ. މި ދުވަސްތަކުގައި އަޅުކަންކުރުމަށް ހީވާގިވާފަދައިން މި މޫސުމަށް ފަހު ޙަޔާތުގެ ބާކީ ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމަށް ޢަޒުމް ކަނޑައަޅާށެވެ. ހަމައެފަދައިން މަސްތުވާތަކެތި ބޭނުންކުރުމާއި،ދުންފަތުގެ އިސްތިޢުމާލުކުރުމާއި އަދިވެސް އެ ނޫން އެހެނިހެން ފާޙިޝް ޢަމަލުތައް ކުރަމުންދާ މީހުން އެކަންތައް ހުއްޓުމަށްވެސް ޢަޒުމްކަނޑައަޅައި މަސައްކަތްކުރާށެވެ. އެހެނީ ﷲ ގެ މަގަށް ރުޖޫޢަވުމަށް ތެދުވެރިކަމާއެކު މަސައްކަތްކޮށްފިި މީހަކަށް އެ އިލާހު އެ ކަމުގެ ތައުފީޤުދެއްވާނެކަން ކަށަވަރެވެ. އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ.(وَالَّذِينَ جَاهَدُواْ فِينَا لَنَهدِيَنَّهُمّ سُبُلَنَا)( އަލް އަންކަބޫތު:69)މާނައީ:” ތިމަން އިލާހުގެ މަގުގައި ޖިހާދުކުރިމީހުން (ދަންނާށެވެ!) އެއުރެންނަށް ތިމަން އިލާހުގެ މަގުތަކަށް މަގުދައްކަވާހުށީމެވެ”
3.ﷲ ސުބުޙާނަހޫ ވަތަޢާލާމަތިން ހަނދުމަކުރުން ގިނަކުރުމާއި ޛިކުރުކުރުން ގިނަކުރުން.
މުސްލިމެއްގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް މާތްﷲ ގެ ހަނދުމަކުރުމާއި ޛިކުރުކުރުންމަތީ ހޭދަކުރާ ދުވަހެކެވެ. ނަމަވެސް، މި ފަދަ މަތިވެރި މޫސުމަކާއި ބައްދަލުވުމުން އެ އިލާހު ހަނދުމަކުރުމާއި ޛިކުރުން އިހުނަށްވުރެ ގިނަކޮށް ހީވާގިވާންޖެހެއެވެ. މި ގޮތުން އެންމެ މާތް ޛިކުރު ކަމުގައިވާ ކީރިތި ޤުރުއާން ކިޔެވުން ގިނަކުރާށެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ދަރުމަ ދެއްވާކަމަށެވެ. އެހެންކަމަށްވާނަމަ ހެޔޮ ޢަމަލުތަކުގެ ދަރުމަ އިތުރުވެގެންދާ މި ފަދަ ދުވަސް ވަރެއްގައި ޤުރުއާން ކިޔެވުން ގިނަކުރުމުން މަތިވެރި ޘަވާބާއި ދަރުމަ ލިބިގެންދާނެކަމީ ކަށަވަރުކަމެކެވެ.
ހަމަ އެފަދައިން އެ އިލާހު ހަނދުމަކޮށް ޛިކުރުކުރުމުގެ ތެރޭގައި، ތަކްބީރު، ތަޙްމީދު އަދި ތަސްބީޙު ކިޔުން ހިމެނެއެވެ. އެހެނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މި ދުވަސްތަކުގައި އެ އިލާހުގެ ޛިކުރުކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އެހެންކަމުން ސަލަފުންގެ ބޭކަލުން މި ދިހަ ދުވަހު ބާޒާރަށް ނުކުމެ ވަޑައިގެން ތަކްބީރުވިދާޅުވަމުން ވަޑައިގަންނަވައެވެ. ހަމައެފަދައިން ނަމާދުގެ ފަހުގަޔާއި މަގުމަތީގައްޔާއި، ގޭގައި ތަކްބީރުކިޔުން ސުންނަތްވެގެންވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. (ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد )(رواه أحمد) މާނައީ: “ﷲގެ ޙަޟްރަތުގައި މި ދިހަ ދުވަހަށް ވުރެ މަތިވެރި އަދި ހެޔޮ ޢަމަލުކުރުން ލޮބުވެތިކަންބޮޑު ދުވަސްތަކެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތަހުލީލާއި، ތަކްބީރު އަދި ތަޙްމީދުކިޔުން ގިނަކުރާށެވެ.” “الله أكبر. الله أكبر. الله أكبر. لا إله إلا الله. والله أكبر. الله أكبر. الله أكبر ولله الحمد“ މިއީ ތަކްބީރު ކިޔުމަށް ބައެއް ސަލަފުންގެ ކިބައިން ވާރިދުވެފައިވާ ޞީޣާއެކެވެ.
4. ސުންނަތް ނަމާދުކުރުން ގިނަކުރުން
ހެޔޮ ކަމުގެ މި މޫސުމުގެ ދަރުމަ ލިބިގަތުމަށްޓަކައި ސުންނަތް ނަމާދުކުރުން ގިނަކުރާށެވެ. ހަމަ އެފަދައިން ރޭ އަޅުކަންކުރުމުގައިވެސް އިތުރަށް ހީވާގިވާށެވެ. ސުންނަތް ނަމާދުތަކަށް ފަރުވާތެރި ވުމުގެ ކުރިން ފަރްޟު ނަމާދުތަކަށް ރައްކާތެރިވެ، ފުރުތަމަ ތަކްބީރު ލިބޭނެހެން ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރުމަށް އާދަކުރާށެވެ. ޘައުބާން ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. “ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިހެން ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ.”(عليك بكثرة السجود لله، فإنك لا تسجد لله سجدة إلا رفعك الله بها درجة، وحطَّ عنك بها خطيئة)(ރަވާހް މުސްލިމް) މާނައީ:”ތިބާ ގިނަގިނައިން ﷲ އަށް ސަޖިދަކުރުންހުއްޓެވެ. އެހެނީ ތިބާ އެ އިލާހަށް ކުރާ ކޮންމެ ސަޖިދައަކާއިއެކު، ތިބާގެ ދަރަޖަ އެ އިލާހު އުފުއްލަވައެވެ. ތިބާގެ ފާފައެއް ފުއްސަވައެވެ” މިއީ އާއްމު ދުވަސްތަކުގައި ކަމަށްވާއިރު މި މަތިވެރި މޫސުމުގައި ސަޖިދަކުރުން ގިނަކުރުމުން ދަރުމަ އިތުރުވާނެކަން ޔަޤީނެވެ.
5. އުޟުޙިޔާ ކަތިލުން
ޙައްޖުމަހުގެ ދިހަވަނަ ދުވަހު، ބޮޑު ޢީދު ދުވަހު އުޟްޙިޔާ ކަތިލުމަކީ އެކަމަށް ކުޅަދާނަކަން ލިބެގެންވާ މީހަކަށް ކުރުން ސުންނަތްކަންބޮޑުވެގެންވާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އެކަލޭގެފާނުގެ ޞަޙާބީން އެކަން ކުރުން މަތީ ދެމިތިބި ކަމެކެވެ.
6. ޙައްޖާއި ޢުމްރާގެ މާތް އަޅުކަން އަދާކުރުން
އެއްވެސް ޝައްކެތްނެތް ގޮތުގައި، ޙައްޖާއި ޢުމްރާގެ އަޅުކަމަކީ މި ދުވަސްތަކުގައި ކުރެވޭނެ އެންމެ ހެޔޮކަންބޮޑު އެއް އަމަލެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ ޤަބޫލުކުރެވިގެންވާ މަބްރޫރު ޙައްޖަކަށް ސުވަރުގެ ނޫނީ އެހެންޖަޒާއެއް ނުވާކަމުގައެވެ.
7.ރޯދަ ހިފުން
އާދެ، ހެޔޮ ކަމުގެ މި މޫސުމުގައި ސުންނަތް ރޯދަ ހިފިދާނެއެވެ. އެހެނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ މީހަކު ﷲއަށް ޓަކައި ރޯދައެއް ހިފައިފިނަމަ ﷲ ތަޢާލާ އޭނަ ނަރަކައާއި ހަތްދިހަ ޙަރީފުގެ ރާސްތާއަށް ދުރުކުރައްވައެވެ. އެހެންކަމަށްވާނަމަ، މި މަތިވެރި ދުވަސްތަކުގައި ރޯދަ ހިފުމުން ލިބޭނެ ދަރުމަ އިތުރުވާނެކަން ކަށަވަރެވެ. ޢަރަފާތް ދުވަހު ރޯދައަށް ހުރުމަކީ އެކަލޭގެ ފާނުގެ ސުންނަތުން ޘާބިތުވެފައިވާ ގަދަވެގެންވާ ސުންނަތެކެވެ. ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ފުރުޞަތު ނުލިބުނު އަޚުންނާއި އުޚުތުން ޙައްޖުމަހުގެ ނުވަވަނަދުވަހު ރޯދަހިފުމަކީ ސުންނަތްކަންބޮޑުކަމެކެވެ. އެހެނީ އެކަލޭގެފާނު ބައެއް އަނބިކަނަބަލުންގެ ކިބައިން، އެކަލޭގެފާނު ޙައްޖުމަހުގެ ނުވަވަނަ ދުވަހު ރޯދައަށް ހުންނަވާކަމަށް އައިސްފައިވެއެވެ.
ހަމައެފަދައިން ޞަދަޤާތް ކުރުމާއި، ފަޤީރުންނަށް އެހީވުމާއި، މިނޫނަސް މި ފަދަ ހެޔޮ ޢަމަލުތައް ގިނަކޮށް މި މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކާމިޔާބު ލިބެނިވި ބަޔަކަށްވަމާ ހިނގާށެވެ. އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެން އެންމެންނަކީ މި މޫސުމުގައި ހެޔޮ ޢަމަލުކުރުމުގެ ތައުފީޤުދެއްވާ އަޅުގަނޑުމެން ސުވަރުގޭގެ އަހްލުވެރިންގެ ތެރެއިން ލެއްވުމެވެ.
وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
(މިއީ ނޫރުލް އިސްލާމް ވެބްސައިޓްގައި އައްޝައިޚް ނިމާލް
މުޙައްމަދު ލިޔުއްވާފައިވާ ލިޔުމެކެވެ.)