އިބުނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. ”އުފާވެރިކަމުގެ ތިން ދަރަޖައެއް ވެއެވެ. ފުރަތަމަ ދަރަޖައަކީ މާއްދީ ތަކެތި ލިބުމުން ލިއްބައިދޭ އުފާވެރިކަމެވެ. އުފާވެރިކަމުގެ ދަރަޖަތަކުގެ ތެރެއިން އެންމެ ދަށު ދަރަޖައަކީ މި ފަނާވެދަނިވި ދުނިޔަވީ ޙަޔާތުގެ ޒީނަތާއި ގުޅިފައިވާ އުފާތަކުގެ ދަރަޖައެވެ. އެހެނީ މިފަދަ އުފާތަކަކީ ވަގުތީ އުފާތަކެކެވެ. ދުނިޔެވީ މުދަލެއް ގެއްލުމުން ނުވަތަ ހަލާކުވުމުން އެ މުދަލަކާއި ގުޅިގެން ތިބާއަށް ލިބެމުން ދިޔަ އުފާވެރިކަން ކަފުން ކުރެވުނީއެވެ.
اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ۖ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ ۚ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ސޫރަތުލް ޙަދީދު: 20
ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން عجائب ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި آخرة ގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ. އަދި اللَّه ގެ حضرة ން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ.
މި ދަރަޖައިގެ އުފާވެރިކަމުން އެއްކޮށް މަޙްރޫމުވަން އިސްލާމްދީން ގޮވާނުލައެވެ.
وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا ۖ
އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ!
[28:77]
އުފާވެރިކަމުގެ ދަރަޖަތަކުގެ ތެރެއިން ދެވަނަ ދަރަޖައަކީ ތިބާގެ ހަށިގަނޑުގެ ފުރިހަމަކާއި، ރީތިކަމާއި، ހަށިހެޔޮކަމާއި ގުޅިފައިވާ އުފާވެރިކަމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ދުޅަހެޔޮކަމާއިއެކު ޙިއްސުތައް ސަލާމަތުން ހުރުމާއެކު ލިއްބައިދޭ އުފާވެރިކަމެވެ. އިންސާނާގެ އަޖަލު ހަމަވުމާއެކު މި ދަރަޖައިގެ އުފާވެރިކަންވެސް ނިމިގެންދާނެއެވެ.
އުފާވެރިކަމުގެ ދަރަޖަތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައަކީ ތަޤްވާވެރިކަމާއި ޢިލްމުވެރިކަމުގެ ސަބަބުން ލިއްބައިދޭ އުފާވެރިކަމެވެ.
މިއީ ދެމި ހުންނަނިވި އުފާވެރިކަމެކެވެ.
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ ﴿٥٨﴾
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ فضل ވަންތަ ކަމާއި، އެކަލާނގެ رحمة އަށްޓަކައި (އެބަހީ: إسلام دين އާއި قرآن އަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.
އުފާވެރިކަމުގެ ދަރަޖަތައް ތަރުތީބުކުރާގޮތަކުން ތިބާ ބާއްޖަވެރިއަކަށް ނުވަތަ އަބާއްޖަވެރިއަކަށް ވެގެން ހިނގައިދާނެއެވެ.
ބުއްދިވެރިން އުފާވެރިކަމުގެ ދަރަޖަތައް ތަރުތީބުކުރުމުގައި އިސްކުރާނީ ރޫޙާނިއްޔަތާއި ގުޅިފައިވާ އުފާވެރިކަމެވެ. ޢިލްމާއި ތަޤްވާވެރިކަމާއި ގުޅިފައިވާ އުފާވެރިކަމެވެ. އެހެނީ މި އުފާވެރިކަން ލިބުމުން ތިބާގެ ހަށިހެޔޮވެ، ދުނިޔެވީ ޙަޔާތުގެ ކަންކަން ފަހިވެގެންދެއެވެ.
ރެފަރެންސް:
ޛަ ޓްރޫ ސީކްރެޓް، އުސްތާޛާ ޢާމިރާ