ނަޞޭޙަތާއި އިރުޝާދު
ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ހެޔޮކަންބޮޑު ދެރަކުޢަތް އެނގޭތަ؟

ދުނިޔޭގެ މުދަލާއި ޖާހަށްވުރެ ހެޔޮކަން ބޮޑު މާ މާތް ދެރަކުޢަތެވެ. އެއީ މާތް ނަބިއްޔާ ﷺ ދުވަހަކުވެސް ދޫ ނުކުރައްވާ ސުންނަތް ނަމާދެކެވެ. އެއީ ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތެވެ.  އެ ދެ ރަކުޢަތާ ބެހޭ ގޮތުން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވިއެވެ.

“ސުންނަތް ނަމާދުތަކުގެ ތެރެއިން ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކުޢަތަށްވުރެ ބޮޑަށް އެގޭ ހެޔޮކަން ހޯދުމަށް އެހެން އެއްޗަކަށް އަވަސްވެ ގަންނަ ކަމުގައި ނުވެއެވެ.” (ރިވާކުރެއްވީ ބުޚާރީ 1169, އަދި މުސްލިމް 725)

އަދިވެސް އެކަމަނާވިދާޅުވިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. « رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا » . މާނައީ: “ފަތިސްނަމާދުގެ އިހުސުންނަތުގެ ދެ ރަކުޢަތް ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެން ހެޔޮކަން ބޮޑުވެގެން ވެއެވެ.”

އެހެން ރިވާޔަތެއްގައި ވެއެވެ : « لَهُمَا أَحَبُّ إِلَيَّ مِنَ الدُّنْيَا جَمِيعاً »  މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އަރިހުގައި އެ ދެ ރަކްޢަތް މުޅި ދުނިޔެއަށް ވުރެ ލޮބުވެތިކަންބޮޑެވެ.”

(ރިވާކުރެއްވީ މުސްލިމް 725)

މި ދެ ރަކުޢަތާ ގުޅުންހުރި ބައެއް ޙުކުމްތައް:

  1. ލުއިލުއިކޮށް ކުރުން
    މި ދެ ރަކުޢަތް ކުރާނީ ލުއިލުއިކޮށް ކުރުން ސުންނަތްވެގެންވެއެވެ. ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވިއެވެ. “ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެ ރަކުޢަތް ލުއިލުއިކޮށް ކުރައްވައެވެ. ތިމަންކަމަނާ އަށް ބުނެވެއެވެ. “އެކަލޭގެފާނު އުންމުލް ކިތާބް(އެބަހީ: ސޫރަތުލް ފާތިޙާ) ކިޔެވިބާއެވެ.” (ރިވާކުރެއްވީ ބުޚާރީ 1171, އަދި މުސްލިމް 724)

އެކަމަނާއަށް އެހެން ވިދާޅުވެވެނީ އެކަލޭގެފާނު އެދެ ރަކުޢަތް ލުއިކޮށްލައްވާލެއް ބޮޑުކަމުންނެވެ.

  1. ފުރަތަމަ ރަކުޢަތުގައި ސޫރަތުލް ކާފިރޫން އަދި ފަހު ރަކުޢަތުގައި ސޫރަތުލް އިޚްލާޞް ކިޔެވުން

މި ދެ ރަކުޢަތުގެ ފުރަތަމަ ރަކުޢަތުގައި ސޫރަތުލް ކާފިރޫން އަދި ފަހު ރަކުޢަތުގައި ސޫރަތުލް އިޚްލާޞް ކިޔެވުން ސުންނަތް ވެގެންވެއެވެ. އަދި ހަމަ އެފަދައިން ފުރަތަމަ ރަކުޢަތުގައި ބަޤަރާ ސޫރަތުގެ 136 އާޔަތް އަދި ފަހު ރަކުޢަތުގައި އާލް ޢިމްރާން ސޫރަތުގެ 64 ވަނަ އާޔަތް ކިޔެވުން ސުންނަތްވެގެންވެއެވެ. (ބައްލަވާ ޞަޙީޙް މުސްލިމްގެ ޙަދީޘް 726 އަދި 727)

133