ނަޞޭޙަތާއި އިރުޝާދު
އަހަރެން ތި އަންހެން ކުއްޖާއެއް ނުދަންނަމެވެ. ތީ އޭނާ ކޮންތާކުން ހޯދި ދަރިއެއްތޯ ބަލާށެވެ.

ޢަރަބި ނޫހެއްގައި ޝާއިޢުކޮށްފައިވާ ޙަޤީޤީ ހާދިސާއެކެވެ. އެވާހަކަ ކިޔާދީފައިވަނީ އެކަން ދިމާވި ފަރާތުނެވެ. އޭނާ އެ ނޫހުގައި އެދުނީ އޭނާގެ ނަން ނުޖެހުމަށެވެ. އޭނާ ހަމައެކަނި ބޭނުންވީ އޭނާގެ ހާދިސާއިން މީސްތަކުން އިބުރަތް ލިބިގަތުމަށެވެ.

އޭނާ އެވާހަކަ ކިޔާދެމުން ބުންޏެވެ. އަހަރެން ދިޔައީ ޔުނިވަރސިޓީގައި ތައުލީމް ޙާޞިލް ކުރަމުންނެވެ. އަދި އެހެން ވަރަށް ގިނަ ކުދިން ވެސް އުޅުނު ފަދައިން އަހަރެންވެސް އުޅުނީ އަންހެން ކުއްޖަކާ ރައްޓެހިވެގެންނެވެ. އަދި އަހަރެން އެ އަންހެން ކުއްޖާއާއެކު ނަހަމަ ޖިންސީ ގުޅުން ހިންގަމުން ދިޔައިމެވެ. މިގޮތަށް ކަންތައްތައް ކުރިއަށް ދަނިކޮށް އެ އަންހެން ކުއްޖާ އަހަރެންގެ ދަރިއަކަށް ބަލިވެ އިނދެއްޖެއެވެ. އެކަން އެ އަންހެން ކުއްޖާގެ ޢާއިލާއަށް އެނގުމުން އޭނާގެ ބޭބެ އަހަރެންގެ ގާތަށް އައިސް އަހަންނާ ކުރިމަތިލިއެވެ. އެހިނދު އަހަރެން ބުނީމެވެ. ”އަހަރެން ތި އަންހެން ކުއްޖާއެއް ނުދަންނަމެވެ. ތީ އޭނާ ކޮންތާކުން ހޯދި ދަރިއެއްތޯ ބަލާށެވެ.“ އެހެން ބުނުމަށްފަހު އަހަރެން އޭނާ ދޫކޮށް އެތަނުން ދިޔައިމެވެ. އަދި އަހަންނާ ދެކޮޅަށް އެއްވެސް ހެއްކެއް ނުފެނުމުން އެމީހުން އަހަރެންގެ ފަހަތުން ދުވުން ދޫކޮށްލިއެވެ.

އެތަކެއް އަހަރުތަކެއް ފާއިތުވެގެން ގޮސް އަހަރެން އެކަމުގެ މަތިން ހަނދާވެސް ނެތިއްޖެއެވެ. އެއްދުވަހަކު އަހަރެން ގެޔަށް ވަނުމުން ފެނުނީ އަހަރެންގެ މަންމަ ހޭނެތިގެން ބިންމަށްޗަށް ވެޓިފައި އޮތްތަނެވެ. އަހަރެން މަންމަ ހޭއަރާތޯ ވަރަށް މަސައްކަތް ކުރީމެވެ. ހޭއަރާ ކޮންމެ ފަހަރަކު ހަޅޭއްލަވައިގަނެފައި އަނެއްކާވެސް ހޭނެތެނީއެވެ. މިގޮތަށް ދެ ފަހަރުވެ ތިން ވަނަފަހަރު ހޭ އެރުމުން އަހަރެން ސުވާލު ކުރީމެވެ. މަންމާއެވެ. ކިހިނެއްވީ ހެއްޔެވެ!؟ މަންމަ ބުންޔެވެ. ކަލޭގެ ކޮއްކޮއެވެ! އަހަރެން ބުނީމެވެ. ކޮއްކޮ އަށް ކިހިނެއްވީ ހެއްޔެވެ!؟ މަންމަ ބުންޏެވެ. އަވައްޓެރިޔާގެ ދަރީގެ ދަރިއަކަށް ބަލިވެ އިނދެއްޖެއެވެ.

އަވައްޓެރިޔާގެ ދަރީގެ ގާތަށް ގޮސް އޭނާގެ ގައިގައި ހިފާ އޭނާއާ ކުރިމަތިލާން މަސައްކަތް ކުރުމުން އޭނާ އަހަންނާ ދީމާލަށް ބުންޏެވެ. “ އަހަރެން ކަލޭގެ ކޮއްކޮއެއް ނުދަންނަމެވެ. ތީ އޭނާ ކޮންތާކުން ހޯދި ދަރިއެއްތޯ ބަލާށެވެ.“ އަހަންނަށް ހީވީ ހިތުގެ މެދަށް ތީރެއް ހަރާލި ހެންނެވެ… ސުބްޙާނަﷲ!! އެއީ ހަމަ އަހަރެން އެއްކަލަ އަންހެން ކުއްޖާގެ ބޭބެއާ ދިމާލަށް ބުނި ބަހެވެ. ﷲ ތަޢާލާ ޖަޒާ ދެއްވަނީ ކުރި ޢަމަލަކާ ގުޅޭ ގޮތުގެ މަތިންނެވެ.

އަހަންނަށް އެކަމުގެ ސަބަބުން ބޮޑު ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވެ މުޅިމީހާ ޑިޕްރެޝަންއަށް ދިޔައެވެ.

އަހަރުތަކަށް ފަހު އަހަރެން ކައިވެނި ކުރުމަށް ގަސްތު ކުރީމެވެ. އަދި ވަރަށް ގިނަ ތައްޔާރީ ތަކަކަށް ފަހު ކައިވެނި ކުރީމެވެ. ކައިވެނީގެ ފުރަތަމަ ރޭ އަހަންނަށް ލިބުނީ ބޮޑު ސިހުމެކެވެ. އަހަރެންގެ އަނބިމީހާ އަކީ ކުރީގައި ޒިނޭކޮށް އުޅުނު އަންހެނެކެވެ. އަނބިމީހާ ބުންޏެވެ. އަހަރެން ވަންހަނާ ކޮށްދޭށެވެ. އޭރުން ﷲ ތިބާ ވަންހަނާ ކޮށްދެއްވާނެއެވެ. އަހަރެން ހިތާހިތުން ބުނީމެވެ. އޭ ﷲ އެވެ! ފުދިއްޖެއެވެ! އަހަރެން ކުރި ނުބައި ޢަމަލުގެ ޢުޤޫބާތް ލިބިއްޖެއެވެ! އަހަންނަށް މިކަމުން އަރައިގަނެވުނީ ވަރަށް އުނދަގުލުންނެވެ. އެ އަންހެން ކުއްޖާއާއެކު ގިނަ އަހަރުތަކެއް ވޭތު ކުރީމެވެ. އަދި ﷲ ތަޢާލާ އަހަންނަށް ހަނދެއް ފަދަ ލޯބި އަންހެން ކުއްޖެއް ދެއްވިއެވެ. އެ އަންހެން ކުއްޖާއަށް އަށް އަހަރު ފުރުނު ތަނާހެން އެއް ދުވަހަކު ރޮމުން ރޮމުން ގެޔަށް އައެވެ. އަހަރެން އަވަސް އަވަހަށް ވީގޮތް ބަލަން ސުވާލު ކުރުމުން ބުންޏެވެ. އެ އިމާރާތުގެ ސެކިއުރިޓީ ގަރޑް އަޅުގަނޑު ރޭޕްކުރީއެވެ. لا حول و لا قوة إلا بالله العلي العظيم..

ﷲ ތަޢާލާ ޖަޒާ ދެއްވަނީ ކުރި ޢަމަލަކާ ގުޅޭ ގޮތުގެ މަތިންނެވެ.

އެއްކަލަ އަންހެން ކުއްޖާގެ ބޭބައަށް ލިބުނު ހިތާމައާ އަނިޔާގެ ރަހަ ދުނިޔެމަތީގައި ދެއްކެވީއެވެ.

އެ ކުއްޖާގެ ފިރިމީހާއަށް ލިބުނު ހިތާމައާ ހިތްދަތިކަމުގެ ރަހަ ދުނިޔެމަތީގައި ދެއްކެވީއެވެ.

އެ ކުއްޖާގެ ބައްޕަގެ ހިތް ކުދިކުދި ވީ ފަދައިން އޭނާގެ ހިތް ކުދިކުދި ކުރެއްވީއެވެ.

މި ވަހަކައިގައި އެހެން ފަރާތްތަކަށް އެ ދިމާވި މުސީބާތްތަކަކީ އެބައިމީހުނަށް ދުނިޔެމަތީގައި ކުރިމަތިވީ އިމްތިހާންތަކެވެ.

އެހެނީ ދުނިޔެމަތީގައި ކުރިމަތިވާ މުސީބާތްތަކަކީ  އެކަންކަމުގެ ސަބަބުން ފާފަފުހެވޭ ކަންކަމެވެ. ޢާޚިރަތުގެ ވޭންދެނިވި ޢަޒާބުން ސަލަމާތްވެ ސުވަރުގޭގައި ދަރަޖަ މަތިވެރިވެގެންދާ ކަންކަމެވެ.

މި ވާހަކައިން އަޅުގަނޑުމެން ޢިބުރަތް ލިބިގަންނަމާ ހިންގަވާށެވެ. މީހެއްގެ ހައްޤަކަށް އަރާއިގަނެވިފައި ވާނަމަ އެކަމަށް މާފަށް އެދެމާ ހިންގަވާށެވެ. ގިނަގިނައިން އިސްޤްފާރުކޮށް ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ތައުބާވަމާ ހިންގަވާށެވެ. އެހެނީ ޢިޚްލާސްތެރި ތައުބާވުމުގެ ސަބަބުން ފާފައިގެ ޢުޤޫބާތް ﷲ ތަޢާލާ ޢަފޫ ކުރައްވައެވެ.

 

މިއީ އައްޝެއިޚް މިޝާރީ އަލްޚައްރާޒްގެ ދަރުހެއްގައި ކިޔާދެއްވި ވާހަކައެއްގެ ތަރުޖަމާއެވެ.

101