ޚަބަރު
ޙަދީޘްތަކުގެ ތަރުޖަމާ ފަސޭހައިން ހޯދާލުމަށް – ޙަދީޘް އެމްވީ

ދައްކަން މިއުޅެނީ މިވަގުތު އިންޓަރނެޓުގައި އެންމެ ފަސޭހައިން އެންމެ ގިނަ އަދަދެއްގެ ޙަދީޘްތަކުގެ ދިވެހި ތަރުޖަމާ ހޯދާލެވެން އޮތް ވެބްސައިޓްގެ ވާހަކައެވެ. ފައިދާ ހުރި ބޭނުންތެރި މަސައްކަތެކެވެ.

ޙަދީޘްއެމްވީ މަޝްރޫއަކީ އިސްލާމީ ދިވެހި މުޖުތަމައަށް ވީހާވެސް ފަސޭހަ ކަމާއިއެކު ރަސޫލު ﷲ ﷺ ގެ ޙަދީޘްފުޅުތަަކުގެ މާނަ އުނގަންނައިދީ ފޯރުކޮށްދިނުމަށް ޓަކައި ޒަމާނީ ވަސީލަތެއް ގާއިމު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. އިރާދަ ކުރެއްވިއްޔާ މި މަޝްރޫއު ފުރިހަމަ ވުމުން ގިނަ އަދަދެއްގެ ޙަދީޘް ދިވެހި ބަހުން ފަސޭހައިން އެއްތަނަކުން ލިބެން ހުންނާނެ ކަމަށް މި މަޝްރޫއު ހިންގާ ފަރާތުން މަޢުލޫމާތު ދެއެވެ. އަދި އެހެނިހެން އިސްލާމީ ލިޔުންތައް އެކުލަވާލާ ގެނެސްދިނުމުގެ އިތުރުން، ބޭނުން ކުރާ ބަޔަކަށް ފައިދާކުރާނެ އާލަތްތަކައި މައުލޫމާތު ވެސް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރާކަމަށްވެސް ފަރާތުން މަޢުލޫމާތު ދެއެވެ.

ޙަދީޘް އެމްވީގެ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރޭގައި ގެންގުޅޭ ވަސީލަތްތަކާއި، އުޅޭ ތަނާއި، އުމުރާއި، ބަސް އެނގެނުމާއި، ތަނަވަސްކަން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައް ފަހަނައަޅައި، ރަސޫލު ﷲ ﷺ ގެ ހަަދީސްފުޅުތައް އެންމެހައި ދިވެހިންނަށް ހަމައަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މި ޒަމާނަކީ ފޮތްތަކަށް ވުރެ ބޮޑަށް ފޯނާއި ކޮމްޕިޔުޓަރ ފަދަ ވަސީލަތްތަކަށް ދިވެހިން އަހުލުވެރި ވެފައިވާ ޒަމާނެއް ކަމުން، އަދުގެ ޓެކްނޮލަޖީގެ ޒަރިއްޔާއިން ސުންނަތް ފަތުރައި އެއާ އެއްގޮތަށް އުޅުމުގެ ލޯބި ހިތްތަކުގައި ޖެއްސުންވެސް ހިމެނެއެވެ.

ޙަޤީޤަތުގައިވެސް މިއީ ދިވެހި މުޖުތަމަޢު އެ ޚިދުމަތަކަށް ނުހަނު ބޭނުންޖެހިފައިވާ ފައިދާ ހުރި ކަމެކެވެ. ޙަދީޘްއެމްވީގެ އަމާޒަކީވެސް ގިނަގުނަ ބޭނުން ހިފޭ، ބޭނުން ކުރަން ފަސޭހަ ހިދުމަތެއް އެންމެންނަށް ފޯރުކޮށް ދިނުމެވެ. އަދި ގެންގުޅޭ ވަސީލަތްތަކާއި ސެޓިންގްތައް ތަފާތު ވިޔެއްކަމަކު، ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ ހިތްގައިމު މާހައުލެއް ގާއިމު ކޮށްދިނުމެވެ. ޙަދީޘްއެމްވީ ފަރުމާ ކުރެވިފައި ވަނީ ފޯނަށް އަހައްމިއްޔަތުކަން ދެވި، ޖާގައަށް ބުރަ ނުވާ ގޮތަށެވެ. މި ވަގުތު ވެބް، އެންޑުރޮއިޑް އަދި ވިންޑޯސްގެ ވަސީލަތްތަކުގައި ބޭނުން ކުރެވޭނެއެވެ.

ޙަދީޘް އެމްވީ ވެބްސައިޓް

ޙަދީޘް އެމްވީ އެންޑްރޮއިޑް އެޕް

30
  1. Muniyyath Ahmed

    Jazaakumullah khiran