މިއީ ވަރަށް ގިނަ ބޭފުޅުންގެ ހިތުގައި ދިރިއުޅުމުގެ ވަކި ހިސާބަކުން އުފެދިދާނެ ސުވާލެކެވެ.
މި ސުވާލަށް ދެ ގޮތަކަށް ޖަވާދު ދެވިދާނެއެވެ.
ފުރަތަމަ ގޮތް:
ކާއިނާތު އުފެދެން މެދުވެރިވި ފަރާތަކީ ﷲ އެވެ. ނަމަވެސް އެ ފަރާތް އެފެދެން މެދުވެރީ ކޮން ފަރާތެއްތޯ ސުވާލު ކުރާ ކަމުގައި ވާނަމަ އެސުވާލަކަށް ނިމުމެއް ނާންނާނެއެވެ.
އަޅުގަނޑުމެނަށް ސުވާލު ކުރެވިދާނެއެވެ. ކާއިނާތު އުފެދެން މެދުވެރިވި ސަބަބު އުފެދެން މެދުވެރިވީ ކޮން ސަބަބެއްހެއްޔެވެ؟ އަދިވެސް ސުވާލު ކުރެވިދާނެއެވެ. ކާއިނާތު އުފެދެން މެދުވެރިވި ސަބަބު އުފެދެން މެދުވެރިވި ސަބަބު އުފެދެން މެދުވެރީ ކޮން ސަބަބެއް ހެއްޔެވެ؟
މިސާލަކަށް ބަލާލަމާ ހިންގާށެވެ.
ސިފައިންގެ އޮފިސަރަކު ބޭނުންވަނީ ކުއްވެރިއެއްގެ ގަޔަށް ބަޑި ޖަހާށެވެ. ނަމަވެސް އޭނާއަށް އެކަން ކުރެވޭނީ އޭނާގެ ފަހަތުގައި ހުރި އޭނާގެ ކޮމާންޑަރު ގާތު ހުއްދަ ހޯދުމަށް ފަހުއެވެ. ނަމަވެސް ކޮމާންޑަރު ބުންޔެވެ. ތިމަންނާވެސް ތިމަނާގެ ފަހަތުގައި ހުރި ކޮމާންޑަރު ގާތުން ޖެހޭނީ ހުއްދަ ހޯދާށެވެ. އޭނާގެ ފަހަތުގައި ހުރި ކޮމާންޑަރު ގާތުގައި އެހުމުން އޭނާވެސް ހަމަ އެހެން ބުންޔެވެ. މިފަދައިން ނިމުމެއް ނެތި އަބަދުގެ އަބަދަށް ކުރިއަށްދާ ކަމުގައިވާނަމަ ދުވަހަކުވެސް އެ ކުއްވެރިޔާގެ ގަޔަށް ބަޑި ޖެހޭނެހެއްޔެވެ؟ ނުޖެހޭނެއެވެ!
ކައުނު އުފެއްދެވި ފަރާތް ހެއްދެވީ ކޮންފަރާތެއް ތޯ ކުރާ ސުވާލަކީ އެއްވެސް ނިމުމެއް ނުވާ ސުވާލެއް ކަމުގައި ވާނަމަ ކައުނު ވުޖޫދުގައި ނުވީހެއްޔެވެ.
އެހެނީ ސުމެއް ސުމަކާއި ކިތަންމެ ވަރަކަށް އެއްކުރި ކަމުގައި ވީނަމަވެސް އޭގެ ނަތީޖާ އެކަކަށް ނުވާނެއެވެ.
ނަމަވެސް އަޅުގަނޑުމެނަށް އެއްވެސް ޝައްކެއްނެތި ފެންނަން އޮތް ފަދައިން ކައުނު ވުޖޫދުގައިވެއެވެ. މީގެން އިނގެނީ ކައުނު ވުޖޫދު ކުރެއްވި ފަރާތް(ﷲ) ހެއްދެވީ ކޮން ފަރާތެއްތޯ ކުރާ ސުވާލަކީ ތާކުންތާކު ނުޖެހޭ ސުވާލެއްކަމެވެ. ފެށުމެއް ނުވާ އިލާހަކު ނުވި ނަމަ މި ކައުނު ވުޖޫދުގައި ނުވީހެއްޔެވެ. ކާއިނާތު އުފެދެވި ފަރާތް އުފެއްދެވީ ކާކުހޭ ސުވާލު ކުރުމަކީ ކާއިނާތެއް ވުޖޫދުގައި ނުވެޔޭ ބުނުމާއި އެއްފަދަ ކަމެކެވެ.
ދެވަނަ ގޮތް:
އަޅުގަނޑުމެނަށް ﷲ ތަޢާލާ އުފެއްދެވީ ކާކުތޯ ސުވާލު ކުރެވެނީ ކާއިނާތު އުފެއްދެވުމުގެ ކުރީގައި ވަގުތު އަދި ޒަމާން ވުޖޫދުގައިވާ ކަމަށް ވިސްނިފައި އޮތީމައެވެ. ނަމަވެސް ވުޖޫދުގައި ވާހާއެއްޗެއް އުފެއްދެވުމުގެ ކުރީގައި ވަގުތު އަދި ޒަމާނެއް ނެތެވެ. އަޅުގަނޑުމެން ދަންނަންޖެހޭ ހަގީގަތަކީ ވަގުތު އަދި ޒަމާނަކީ ﷲ ތަޢާލާ އުފައްދަވާފައިވާ އެކަލާންގެ މަޚްލޫގެއް ކަމެވެ. ވަގުތު ނުވާނަމަ މަޒީ ވުޖޫދުގައި ނުވާނެއެވެ. އަދި މަޒީ ނުވާނަމަ އެ ސުވާލެއް ނުކުރެވޭނެވެ. އެހެނީ މަޒީއެއް ނެތި ފަހަތަކަށް ނުދެވޭނެއެވެ.
އަޅުގަނޑުމެނަށް ފެންނަނީ ވަކި ދުރު މިނަކަށެވެ. އަޑު އިވެނީ ވަކި މިންވަރެއްގެ އަޑުތަކެކެވެ. އަޅުގަނޑުމެންގެ ހިއްސުތަކަށް ވަކި މިންތަކެއް ވާފަދައިން ވިސްނުމާއި ބުއްދިއަކީވެސް އިމެއް އަދި ހައްދެއްވާ އެއްޗެކެވެ. އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް ނުވިސްނޭ ކިތަންމެ ކަމެއް ހުންނާނެއެވެ. މި ކުރިއަރާފައިވާ ޒަމާނުގައި ސައިންސްވެރިންނަށްވެސް މި ކައުނުގައިވާ ތަކެތީގެ ތެރެއިން އިންގެނީ ވަރަށް ކުޑަ މިންވަރެކެވެ. އަދި ކިއެއްތޯ އެބައިމީހުނަށް އިންސާނާގެ ހަށިގަނޑާ ބެހޭގޮތުންވެސް އަދިވެސް ހުރިހާ މައުލޫމާތެއް ނޭންގެއެވެ.
މި ފަދަ ސުވާލުތަށް ކުރިމަތި ވުމުން އަޅުގަނޑުމެނަށް އޮތީ ރަސޫލާ ސައްލައްﷲ ޢަލައިހި ވަސަލަމަގެ އިރުޝާދެއްވި ފަދައިން
(اَمَنتُ بِاللهِ وَ رَسُولِهِ) ތިމަން ﷲ އަށް އަދި އެކަލާނގެ ރަސޫލާ އަށް އީމާވެއްޖައީމެވެ. މިފަދައިން ބުނުމެވެ. އަދި ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވުމެވެ.
ދުޢާއަކީ ﷲ ތައާލާ އަޅަމެންގެ އީމާންކަން ވަރުގަދަ ކުރައްވާ މުއްމިނުން ކަމުގައިވާ ޙާލު އެއިލާހާ ބައްދަލު ކުރުމުގެ ހެޔޮ ތައުފީޤް ދެއްވުން.
މި ލިޔުމަށް މަޢުލޫމާތު ނަގާފައިވާނީ ޙަމްޒާ އެންދްރޭސް ޒޯސެސް އަދި އައްޝެއިޚް ހަސަން އަލީ ދެއްވާފައިވާ ދެ ދަރުހުންނެވެ.