ނަޞޭޙަތާއި އިރުޝާދު
ކޮންމެ މުސްލިމަކީވެސް އެކްޓިވިސްޓެކެވެ.

އިސްލާމްދީން ވަނީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ ވާޖިބު ކޮންމެ މުސްލިމެއްގެ ކޮނޑުގައިވެސް އަޅުއްވާފައެވެ. މި ވާޖިބަށް އެހެން ނަމެއްވެސް ދެވިދާނެއެވެ. އެއީ މުސްލިމުންގެ އިމާމުންނާއި އާންމު ފަރުދުންނަށް ނަޞޭޙަތްތެރިވުމެވެ. އަދި މިއީ މާތްﷲ ޢަޞްރު ސޫރަތުގައި ބަޔާންކުރައްވާފައިވާ ހެޔޮކަންކަން ކަމަށް ވަޞިއްޔަތް ކުރުމާއި ކެއްތެރިވުމަށް ވަޞިއްޔަތްކުރުމެވެ. އަދި މިއީ ދުނިޔެއާއި އާޚިރަތުގެ ގެއްލުމާއި ހަލާކުން ނަޖާވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޝަރުޠު ތަކުގެތެރެއިން ޝަރުޠެކެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ބަސްފުޅާއި އެއް ފަދައިން އަނިޔާވެރި ވެރިޔާގެ ކުރިމަތީގައި ބުނާ ޙައްޤު ބަހަކީ އެންމެ މަތިވެރި ޖިހާދު ތެރެއިން ޖިހާދެކެވެ.

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެކަން އޭނާގެ އަތުން އިޞްލާޙުކުރާށެވެ. އެކަމަށް އޭނާއަށް ކުޅަދާނަ ނުވާނަމަ ދެން އޭނާގެ ދުލުންނެވެ. އެކަމަށް އޭނާއަށް ކުޅަދާނަ ނުވާނަމަ ދެން އޭނާގެ ހިތުންނެވެ. އަދި އެއީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ.

ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅު މިކަމަށް ދަލީލެއް ކަމުގައި ފުދެއެވެ. ﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ ﴾  މާނައީ: ”މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާންވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާންވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން އީމާންވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ ފާސިޤުންނެވެ. “

އިސްވެ ގޮސްފައިވާ ދަލީލުތަކުގެ އަލީގައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެން ވަނީ މުންކަރާތްތަކުގެ ކުރިމަތީގައި އޭނާއަށް ކުޅަދާނަވީ މިންވަރަކުން ހައްޤުބަސް ބުނެ މުޖްތަމަޢު އިޞްލާޙްކުރުމަށް މަސައްކަތްކުރުމެވެ. އެއީ އީޤްތިޞާދީ ، ޢިޖްތިމާޢީ، ޘަޤާފީ އަދި ސިޔާސީ މައިދާނުގައި ހިނގާ މުންކަރާތެއް ނަމަވެސް މެއެވެ.

2