ނަޞޭޙަތާއި އިރުޝާދު
އުފާވެރިކަމުގެ “ ފޯމިއުލާ ”

”އުފާވެރިކަމާއި ހިތްހަމަޖެހުން“ މިއީ ކޮންމެ އިންސާނެއްގެވެސް ދިރިއުޅުމުގެ މަޤްޞަދެވެ. އޭނާގެ މުޅި ޙަޔާތް ވޭތުކުރަނީ މި ލަނޑުދަނޑި ޙާޞިލް ކުރުމަށެވެ.
ކޮންމެ ”އިލެކްޓްރޯނިކް ޑިވައިސް“ އެއްގެ ފޮށީގެ ތެރޭގައި ކަރުދާސް ކޮޅެއް އޮވޭނޫންތޯއެވެ؟ އޭގައި އެ ބޭނުންކުރަންވީ ގޮތް ބަޔާން ކޮށްފައިވޭނޫންތޯއެވެ؟ އެ ”ޑިވައިސް“ އޭގެ އެންމެ ފުރިހަމައަށް ހަލާކުނުވާގޮތަށް ބޭނުންކުރެވޭނީ އެ އުފެއްދި ފަރާތުން އަންގާ ގޮތެއްގެ މަތިން އެ ”ޑިވައިސް“ ބޭނުން ކުރުމުންނެވެ. އެއީ ”ޑިވައިސް“ ގެ ކަންކަން އެންމެ ފުރިހަމައަށް އެނގޭނީ އެފަރާތަށް ކަމަށްވާތީއެވެ.

ހަމަ މިބީދާއިން އަޅުގަނޑުމެން އިންސާނުން އުފެއްދެވި ފަރާތުން އަޅުގަނޑުމެނަށް ”އިންސްޓްރަކްޝަން މެނުއަލް“ އެއް ވަނީ ދެއްވާފައެވެ. މި ”މެނުއަލް“ އަކީ އެފަދަ ދެވަނައެއް ގެނައުމަށް އެންމެހާ އިންސާނުން ނުކުޅެދިފައިވާ އެއްޗެކެވެ.
މި ”މެނުއަލް“ ގައި އަޅުގަނޑުމެނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ގޮތް އަޅުގަނޑުމެން ހެއްދެވި ފަރާތުން ވަނީ ބަޔާންކުރައްވާފައެވެ.

ﷲ ވަޙީކުރައްވަނީ: أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ (سورة الرعد : 28)
މާނައީ: ”ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟“
އަދި ހަމައެއާއެކު މި ”މެނުއަލް“ ގައި އަޅުގަނޑުމެން ހިތާމައާއި ހިތްނުތަނަވަސްކަމާ ކުރިމަތިލާންޖެހޭ ސަބަބުވެސް ވަނީ ބަޔާން ކުރައްވާފައެވެ.

ﷲ ވަޙީކުރައްވަނީ: وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ (سورة طه : 124)
މާނައީ: ”އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ.“

ﷲ ގެ މަގަށް ރުޖޫޢަވެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަންނަމާ ހިންގަވާށެވެ! ﷲގެ ބަސްފުޅު ދުވަހަކުވެސް ދޮގެއްނުވާނެވެ!

9