ފުރިހަމަ ތައުބާއެއް ވުމަށް މި ތިން ޝަރުޠު ކޮންމެހެން ވެސް ފުރިހަމަ ވާން ޖެހެއެވެ.
- އެ ފާފާ އެއްކޮށް ދޫކޮށްލުން. (މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ، އެ ޙައްޤު އަދާކުރުން ވަނީ ފާފަ ދޫކޮށްލުމުގެ ތެރެއިންނެވެ.)
- ފާފަކުރެވުނީތީ އެކަމާ ދެރަވެ ހިތާމަ ކުރުން
- ދެވަނަ ފަހަރަށް އެ ފާފަ ނުކުރަން ޢަޒުމް ކަނޑަ އެޅުން
ތިބާއަށް ކުރެވުނު ފާފައަކީ މިޔުޒިކު އަޑު އެހުން ކަމުގައި ވާނަމަ، ތައުބާވާއިރު މިފަދަ ގޮތަކަށް އިބާރާތް ކުރެވިދާނެއެވެ.
“ޔާ ﷲ، މިއަޅާއަށް މިވަނީ ގަސްތުގައި މިޔުޒިކް އަޑު އެހިފައެވެ. އެކަމަށްޓަކައި މި އަޅާ ވަރަށް ހިތާމަ ކުރަމެވެ. ޔާ ﷲ، މި އަޅާ މިޔުޒިކު އަޑު އެހުމުގެ ފާފަ އެއްކޮށް ދޫކޮށްލާފީމެވެ. ހުރިހާ ލަވައެއް ފޮހެލާފީމެވެ. ދެން ދުވަހަކުވެސް ގަސްތުގައި މިޔުޒިކް އަޑު ނާހަން މި އަޅާ ޢަޒުމް ކަނޑައަޅާފީމެވެ.
ޔާ ﷲ، ގަސްތުގައި މިޔުޒިކް އަޑު އެހުމުގެ ފާފާ މި އަޅާގެ ކިބައިން ފުއްސާވާ ދެއްވާށިއެވެ. ހަމަކަށަވަރުން މާތް ﷲ އަކީ އެ އިލާހުގެ އަޅުތަކުންގެ ފާފާތައް ފުއްސަވާ އިލާހެވެ.”
މިއީ މިސާލެކެވެ. ތިބާ ބޭނުން ގޮތަކަށް އިބާރާތް ކުރެވިދާނެއެވެ.
ތައުބާ ވުމަށްފަހު، އެ ފާފަ އަނެއްކާ ވެސް ކުރެވިއްޖެނަމަ ، މާޔޫސް ނުވާށެވެ! އުންމީދު ކަނޑާނުލާށެވެ! ތައުބާވާނީ ހަމަ މިގޮތަށެވެ. ޝަރުޠަކި އެކަމާ ހިތާމާކޮށް ، މުސްތަގުބަލުގައި އެ ފާފާޔަށް އަރާނުގަތުމަށް ޢަޒުމް ކަނޑައެޅުމެވެ.
މިގޮތުގައި ތިބާ ވާނަމަ ތިހުރީ (މާތް ﷲ ގެ އިރާދަފުޅާއެކު) ތެދުމަގު ގައެވެ. ފާފައެއް ކުރެވޭ ކޮންމެ ފަހަރަކު، ތައުބާވާނަމަ، ތިބާ ވާނި ގިނަގިނައިން ތައުބާވާ މީހުންގެ ތެރެއިންނެވެ. ﷲ ސުބްޙަނަހޫ ވަތަޢާލާ ގިނަގިނައިން ތައުބާވާ އަޅުން ދެކެ ލޯބިވެ ވޮޑިގެންވެއެވެ.
އަދި އެއް ކަމެއް އެބަ އޮތެވެ. ތިބާއަށް ފާފައެއް ކުރެވި، އޭގެ އެތަށް ދުވަހެއް ފަހުން ތައުބާ ވާއިރު އަދި އިތުރު އެއް ތައުބާ ވާން ޖެހެއެވެ. އެއީ، ތައުބާވުން ލަސް ކުރެވުނީތީ އެ ކަމަށްޓަކައި ވާން ޖެހޭ ތައުބާއެކެވެ. އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ވެގެން ވަނީ ފާފަ އެއް ކުރެވިއްޖެނަމަ، ތައުބާ ވުމަށް އަވަސްވެ ގަތުމެވެ. ލަސް ކުރާނަމަ އެ ވެއްޓެނީ އަނެއްކާ އިތުރު އެހެން ފާފައަކަށެވެ. އެހެންވީމާ، މި ކަމަށް ކޮންމެހެން ވެސް ސަމާލުވާން ވާނެއެވެ.
މާތް ﷲ އަޅަމެންގެ ހުރިހާ ފާފަތައް ފުއްސަވާށިއެވެ!