ބައްޕަ އަވަދިނެތި އުޅުމުގެ ސަބަބުން، ވަގުތުކޮޅެއް ނުދެވޭ ކުއްޖަކީ ވެސް، ހަމަ ޔަތީމެއްކަމެެއް ކަމުގައި މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވީ “ތިބާގެ ދަރިއަކީ، ތިބާގެ މަސައްކަތުގެ ތާޖެވެ. އެއީ ތިބާ އޭނާއަށް ދިން ތަރުބިއްޔަތާއި، ހޯދައިދިން ރައްކައުތެރިކަމުގެ މޭވާއެވެ. އެދަރި ރަނގަޅުވެއްޖެނަމަ އެއީ ތިބާއަށް ލިބުނު، ދެދުނިޔޭގެ ހެވެކެވެ. އެދަރި ނުބައިވެއްޖެނަމަ އެކަމުގެ ޒިންމާ އެދަރިއާ މެދު ނާޅުވާށެވެ! މާތް ﷲ ސުވާލު ކުރައްވާނީ ތިބާޔާއެވެ. އެހެން މީހުންނަކާ ނޫނެވެ. ޔަތީމުންނަކީ ހަމައެކަނި މައިންބަފައިން މަރުވެފައިވާ ކުދީންނެއް ނޫނެވެ. އަޅާނުލާ މަޔަކު ލިބިފައިވާ ކޮންމެ ކުއްޖަކީ ވެސް ޔަތީމެކެވެ. ބައްޕަ އަވަދިނެތި އުޅުމުގެ ސަބަބުން، ވަގުތުކޮޅެއް ނުދެވޭ ކުއްޖަކީ ވެސް، ހަމަ ޔަތީމެކެވެ. ވީމާ އަމިއްލަ ދަރިން ޔަތީމު ނުކުރާށެވެ!”
އަދި މީގެ އިތުރުން މިކަމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ، އީމާންކަމުގެ ތަރުބިޔަތު ދިނުމުގެ ފިޔަވަޅު ކަމަށާއި މިތަރުބިޔަތު ދޭންވާނީ އޯގާވެރިކަމާއި ލޯތްބާ އެކުގައި ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ. ޅަދަރީން ލައްވާ ގަދަކަމުން ނަމާދުކުރުވައި، އެކުދިން އެކަންކަން ކުރާނީ ކުރާ ހިތަކުންނޫނެވެ. އޭރުން އެކުދީން ބޮޑުވަމުން އެއަންނަނީ، ބިރުވެރި ނަތީޖާއަކަށްވާނީ، ދީނަށް ނަފްރަތުކުރުން ކަމަށާއި އިސްލާމްދީން އަޅުގަނޑުމެންނަށް ގޮވައިލަނީ، އޯގާވެރިކަމާއި، ލޯތްބާއި، ކުލުނާއެކު، ދަރީންނަށް ދީނީ ތަރުބިޔަތުދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ. ކީރިތި ރަސޫލާ އަންގަވާފައިވަނީ، ހަތް އަހަރުގައި، އެ ކުދީންނަށް ނަމާދު ކުރުމަށް އަމުރުކުރުމަށް ކަމަށާއި ރިވެތި ނަމޫނާ ދައްކައިގެން އެކުދިން ތަރުބިޔަތުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައްޕައަށް އިޙްތިރާމުކުރުމަށް ބުނާ ބައްޕަ، މަންމައާ ޒުވާބު ކުރާތަން ފެންނަނަމަ ދަރިންނަށް އިޙްތިރާމުގެ ފިލާވަޅެއް ނުލިބޭނެ ކަމަށާއި މަންމަ ދެކެ ލޯބިވުމަށް ބައްޕަ ބުނާއިރު، މަންމަގެ މައްޗަށް ބައްޕަ އަނިޔާވެރިވާ މަންޒަރު ފެންނަނަމަ، ކުއްޖާގެ ނަފްސުގައި ބިންވަޅު ނެގެމުންދާނީ ނޭދެވޭ އަސަރުތައް ކަމަށްވެސް ޚުޠުބާގައި ފާހަގަކުރިއެވެ.
އަދި މީގެ އިތުރުން ބައެއް މައިންބަފައިން މިއަދު ދައްކާ ވާހަކައަކީ، އެމީހުންގެ ދަރީން ކުއްލިއަކަށް ނަމާދާ ދުރުހެލިވާ ވާހަކަ ކަމަށާއި ފޯނާއި ކޮމްޕިޔުޓަރުފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއަށް ގެނބި، މާތް ﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަންނަމުންދާ ވާހަކަ ދައްކާ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މިފަދަ ބަލިތަކާއި، ރޯގާތައް އެކުދީންނަށް މިޖެހެނީ، އެފަދަ ކަންކަމުން އެކުދީން ޙިމާޔަތްކުރުމަށް އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް ނާޅާތީ ކަމަށްވެސް ޚުޠުބާގައި ފާހަގަކުރިއެވެ.