ޚަބަރު
ޢަމަލުތައް ޤަބޫލުނުވެވި، އަނބުރާ ރައްދުކުރެވޭ މީހަކީ އަބާއްޖެވެރިއެއް، އެފަދަ ދެރަ ގޮތެއް އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް މެދު ނުކުރެއްވުން އެދިދުޢާކުރަން : ހުކުރުޚުތުބާ

ޢަމަލުތައް ޤަބޫލުނުވެވި، އަނބުރާ ރައްދުކުރެވޭ މީހަކީ އަބާއްޖެވެރިއެއް، އެފަދަ ދެރަ ގޮތެއް އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް މެދު ނުކުރެއްވުން އެދި މިއަދު ހުކުރުޚުތުބާގައި ދުޢާ ދެންނެވިއެވެ.

އަޅުން ކުރާ ހެޔޮ ޢަމަލު، މާތް ﷲ ޤަބޫލު ކުރެއްވިކަމުގެ ނިޝާންތަކެއްގެ ގޮތުގައި ބައެއް ކަންތައްތައް ޢިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ. އެއީ، ހެޔޮ ޢަމަލުކުރުމަށްފަހު، އެ ޢަމަލުތައް ދޫކޮށްނުލައި، ފާފަތަކަށް އަރައި ނުގަނެހުރުމެވެ. ކުރެވުނު ހެޔޮ ޢަމަލަކީ، މާތް ﷲގެ ޙަޟްރަތުގައި، މަޤްބޫލު ޢަމަލަކަށް ނުވެހިނގައިދާނެތީ، އެކަމަށް ބިރުވެތިވުމެވެ. ހެޔޮ ޢަމަލު ކުރުމަށްފަހު، ފާފަތަކާ ދުރުހެލިވެ، ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ތައުފީޤު ލިބުމެވެ. ކުރެވުނު ހެޔޮ ޢަމަލާމެދު ބޮޑާވުމުގެ ބަދަލުގައި، އެޢަމަލުގެ މަދުކަން އިޙްސާސްވުމެވެ. ހެޔޮ ޢަމަލު ކުރުމަށާއި، ޞާލިޙުންނަށް ލޯބިޖެހުމެވެ. ފާފަތަކަށާއި، ފާސިޤުންނަށް ނުރުހުންތެރިވުމެވެ. ފާފަ ފުއްސެވުން އެދި، ގިނަގިނައިން މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމާއި، ހެޔޮ ޢަމަލު ކުރުންމަތީގައި ދެމިހުރުމެވެ.

ހަމަކަށަވަރުން، ރަޙްމަތާއި ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް މިވަނީ އަހަރެމެންނާ އަލްވަދާޢު ކިޔުމަށް މިބަރަކާތްތެރި މައްސަރުގައި އަޅުތަކުން ކުރާ ޢަމަލުތަކުގެ ފަތްތައް، މާތް ﷲގެ ޙަޟްރަތަށް އުފުލިގެން ދާނެއެވެ. އެ އުފުލުން ޢަމަލުތައް ޤަބޫލުވެވި، ނަރަކައިން މުއްތިކުރެވުނު މީހަކަށް ހުރި ބޮޑުކަމާއެވެ! އަދި އެ ޢަމަލުތައް ޤަބޫލުނުވެވި، އަނބުރާ ރައްދުކުރެވޭ މީހަކަށް ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ! އަޅަމެންނަށް އެފަދަ ދެރަ ގޮތެއް މިންވަރު ނުކުރައްވާށިއެވެ! އާމީން!

0