ނަޞޭޙަތާއި އިރުޝާދު
އިމާމު މީހާ ހުކުރު ޚުޠުބާ ކިޔަމުންދާއިރު ނަބިއްޔާ ﷺގެ ނަންފުޅުގަތުމުން ޞަލަވާތް ކިޔަވަން ޖެހޭނެތޯ؟

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْبَخِيلُ مَنْ ذُكِرْتُ عِنْدَهُ ثُمَّ لَمْ يُصَلِّ عَلَيّ) رواه الترمذي وصححه الألباني في “إرواء الغليل” (5) .

މާނައީ: “ބަޚީލުމީހާއަކީ އެމީހާގެ ގާތުގައި ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވޭ ހިނދު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާމީހާއެވެ.”

ހުކުރު ޚުތުބާ ކިޔަމުންދާއިރު ވާހަކަ ދެއްކުމާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( إِذَا قُلْتَ لِصَاحِبِكَ وَالْإِمَامُ يَخْطُبُ يَوْمَ الْجُمْعَةِ أَنْصِتْ فَقَدْ لَغَوْتَ ) . رواه البخاري ( 892 ) ومسلم ( 851 ) .

“އިމާމާ ހުކުރު ޚުޠުބާ ދެމުންދާ އިރު ތިބާގެ ގާތުގައި އިން މީހާއާ ދިމާއަށް ހަނުހިމޭނުންލައިގެން އިންނާށޭ ބުނެފިނަމަ ފަހެ ހަމަކަށަވަރުން ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު ގަނެވޭ ހިނދު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވަންޖެހޭއިރު، ހުކުރު ޚުޠުބާ ކިޔަމުންދާ ވަޤުތަކީ ވާހަކަ ދެއްކުން ނަހީވެފައިވާ ވަޤުތަކަށްވާތީ އެކަމުގައި ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟

އިމާމު އަޙްމަދު ރަޙިމަހުﷲ ވިދާޅުވިއެވެ، “އޭނާ އޭނާގެ އަމިއްލަ ނަފްސަށް އެކަނި އިވޭވަރަށް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ( المغني 2/165 )

ސަޢުދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީގެ ފަތުވާގައި ވެއެވެ.

“ޚުތުބާ ކިޔާ މީހާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވައިފިނަމަ، ޚުޠުބާ އަޑުއަހަން ތިބި މީހުންވެސް އަޑު ހަރުކުރުމަކާނުލައި، އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ.” ( فتاوى اللجنة الدائمة 8/217)

އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ޚުޠުބާ ކިޔާ މީހާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު ޛިކްރު ކޮށްފިނަމަ، އަޑުއަހަންތިބި މީހުން ސިއްރުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. އެއީ އޭނާގެ ވަށައިގެން ތިބި މީހުންނަށް އުނދަގޫ ނުކުރުމަށްޓަކައެވެ.”ـ مجموع فتاوى ابن عثيمين ( 16/166 ) .

 

މަރްޖިޢު

https://islamqa.info/ar/answers/20494

 

މަސްދަރު؛ ޝާފިއު.އެމްވީ

20