ނަޞޭޙަތާއި އިރުޝާދު
ހެޔޮކަމުގެ މަތީ ދެމިހުރުމަކީ އުނދަގޫ ކަމެއްތަ؟

އަޅުގަނޑުމެން އުޅެމުން މިދާ ދުނިޔެއަކީ އިމްތިޙާނުުގެ ގޯއްޗެކެވެ. މިއަދު ޢަމަލު ކުރިގޮތާމެދު މާދަމާ ސުވާލު ކުރެވޭނެއެވެ. ވީއިރު އަޅުގަނޑުމެންނަށް ބުނެވޭ ބަސްތަކާއި ޢަމަލުތަކާމެދު ރައްކާތެރިވެ ފަރުވާތެރިވާން ވާނެއެވެ. އެނގިގެންވެސް ނުވަތަ ނޭނގިވެސް ހެޔޮކަމެއް ނޫނީ ނުކުރުމަށް އަޒުމް ކަނޑައަޅަންވާނެއެވެ.

ކަން މިހެން ހުރުމާއެކު މީހެއް ގާތު އަބަދު ހެޔޮކަމުގެ މަތީގައި ހުންނާށޭ ބުނެއްޖެނަމަ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި އެމީހަކު ދެކެފާނެއެވެ. ނޫނީ އެއީ ކުރެވޭނެ ކަމެއް ކަމަށް އެމީހަކު ޤަބޫލު ނުކޮށްފާނެއެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ﷲ ގެ މަދަދާއި ރަޙްމަތާއެކު އެއީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ބޭނުންވަނީ ހިތްނިޔެއް އިޚްލާސްތެރިކަމާއެކު ވަރަގަދަ އަޒުމެއްގައި އެކަމާ ކުރިމަތި ލުމެވެ. އެގޮތަށް ގަދައަޅާ މަސައްކަތް ކުރެވޭނަމަ ﷲ ސުބުޙާނަހޫ ވަތައާލާ އެމީހަކަށް އެހީތެރިވެ ވޮޑިގަންނަވާނެތެވެ. އެގޮތުން އަޅުގަނޑުމެންނަށް ކޮށްލެވޭނެ ދެތިން ކަމަކުން އަޅުގަނޑުމެންގެ ގިނަ ކަންތައްތައް އަދި ގިނަ ވަގުތުތައް ހެޔޮކަންކަމަށް، އަޅުކަންތައްތަކަށް ހަދާލެވިދާނެއެވެ.

  1. އަޅުގަނޑުމެންގެ އާދަތައް އަޅުކަމަށް ބަދަލުކޮށްލުން:

ރަސޫލާ ގެ އިރުޝާދު ދެއްވާފައިވާ ފަދައިން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށްށެވެެ. ނިޔަތް ރަނގަޅު ވެއްޖެނަމަ ޢަމަލުތައް ރަނގަޅުވެދެއެވެ. އަދި ނިޔަތް ގޯސް ވެއްޖެނަމަ ޢަމަލުތައް ފަސާދު ވެދެއެވެ. އަހަރެމެންގެ މައްޗަށްވަނީ ނިޔަތް އިޞްލާޙް ކުރުމެވެ. އޭރުން އަހަރެމެން އާދަވެގެން ކުރާ ކަންތައްތައް ވެސް ޢަޅުކަމަކަށް ބަދަލު ކޮށްލެވިދާނެއެވެ. މިސާލަކަށް އަހަރެމެން ރޭގަނޑު ނިދަމެވެ. އެހެންނަމަ ވެސް އެނިދުމަކީ އަޅުކަން ކުރުމަށް ހޭލަން ނުވަތަ އަޅުކަމުގައި ހީވާގިވުމަށް ނިޔަތް ގަނެގެން ކުރާ ކަމެއްނަމަ ނިދާފަ އޮންނަ ވަގުތު ޘަވާބު ލިބިގެން ދެއެވެ. މިފަދަ ވަރަށް ގިނަ ކަންކަން އަޅުގަނޑުމެނަށް ××ޘަވާބު ލިބޭ ޢަޅުކަމަށް ބަދަލުކޮށް ލެވިދާނެއެވެ.

  1. ހެޔޮކަން ކުރުމަށް ނިޔަތް ގަނެގެންވުން:

ޢަބްދުﷲ ބުން އަޙުމަދު އެކަލޭގެފާނުގެ ބައްޕާފުޅު އިމާމު އަޙުމަދު  t  ގެ އަރިހުން ސުވާލު ދެންނެވިއެވެ.

 

އޭ ބައްޕާފުޅާއެވެ. އަހަރެންނަށް ވަޞިއްޔަތް ކޮށްދެއްވާށެވެ. އެހިނދު އިމާމު އަޙުމަދު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ. ”(އަބަދުވެސް) ހެޔޮކަންކަން ކުރުމަށް ނިޔަތްގަނެގެންވާށެވެ. ފަހެ ހެޔޮކަންކަން ކުރުމަށް ނިޔަތްގަނެގެން ވާހާހިނދަކު ތިބާވަނީ ހެޔޮކަމުގެ ތެރޭގައެވެ“. (الآداب الشرعية لإبن المفلح ١٠٤) ބައެއް ފަހަރު ބަލީގެ ސަބަބުން ނުވަތަ އެނޫންވެސް މަޤްބޫލު ޢުޒުރެއްގެ ސަބަބުން ހެޔޮކަން ނުކުރެވޭތަން އާދެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެކަން ކުރުމަށް ނިޔަތް ގަނެގެންވާނަމަ އެކަން ކުރި މީހަކަށް ލިބޭފަދަ އަޖުރު ލިބިގެންދެއެވެ.

  1. ﷲ ގެ ޒިކުރުކުރުމަށް ދޫ ހޭނުން:

ހެޔޮކަންކަމަކީ އެކަން ކުރުމަށް މަސައްކަތްކޮށް ހިތްވަރު ކުރާވަރަކަށް އެކަންތަައްތައް އެމީހަކަށް ފަސޭހަ ވެގެންދާ ކަންކަމެވެ. މިސާލަކަށް ނަމާދު ނުކުރާ މީހަކަށް ފަސް ވަގުތު ނަމާދު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް ޤަވާއިދުން ފަސްވަގުުތު ނަމާދު ކުރާމީހަކަށް އެކަމަކީ މާބޮޑު ތަކުލީފެއް ނޫނެވެ. ﷲ އަށް ޒިކުރު ކުރުމަށް ދޫ ހޭނުންވަނީ ވެސް ހަމައެފަދައިންނެވެ. ހުސްވަގުތު ތަކުގަޔާއި ދޫ ހިމޭނުން ހުންނަ ވަގުތު ތަކުގައި ﷲ ގެ ޒިކުރު ކުރުމަށް ނަފްސަށް ހަނދާންކޮށްދީ އަދަބުވެރި ކުރާށެވެ. އަދި ފޯނު ފަދަ ވަޞީލަތްތަކުގެ ބޭނުން ހިފައިގެން ދޭތެރެ ދޭތެރޭން ފޯނަށް ޒިކުރު ކުރުމަށް ނޮޓިފިކޭޝަން އަންނަ ގޮތަށްެވެސް ހެދިދާނެއެވެ.

 

މިފަދައިން ކަންތައްތައް ކުރެވެމުންދާނަމަ އަޅުގަނޑުމެންގެ އާންމު ޙަޔާތުގެ ގިނަވަގުތު ޢަޅުކަމަށް ބަދަލުކޮށްލެވި، ﷲ ގެ ޒިކުރު ކުރުމުގައި އަޅުގަނޑުމެންގެ ދޫތައް ހޭނޭނެއެވެ. ﷲ އަޅަމެންނަށް އެކަލާނގެ ރުއްސަވާ މަގަށް ހެޔޮ ތަޢުފީޤު ދެއްވާށި!

 

 

0